ބޭރު ކުޅިވަރު

ފުރަތަމަ މެޗު ކޮލަމްބިއާ އަށް

ކޮޕާ އެމެރިކާ ސެންޓެނާރިއޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު އެމެރިކާ 2-0އިން ބަލިކޮށް ކޮލަމްބިއާ ކާމިޔާބުކޮށްފި އެވެ.

ކޮޕާ އެމެރިކާ އަށް 100 އަހަރު ފުރުން ފާހަގަ ކުރަން ބާއްވާ ހާއްސަ މުބާރާތުގެ ފުރަތަމަ ލަނޑު ޖެހީ އަށް ވަނަ މިނިޓްގައި ޖެހީ ކްރިސްޓިއަން ޒަޕާޓާ އެވެ. ދެ ވަނަ ލަނޑު ޖެހީ 42 ވަނަ މިނިޓްގައި ކެޕްޓަން ހާމޭސް ރޮޑްރިގޭޒް އެވެ. މިއީ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

މި މުބާރާތުގައި މިރޭ ކުޅޭނީ ކޮސްޓަރިކާ އާއި ޕެރަގުއޭ އެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަކީ ދެކުނު އެމެރިކާގެ ގައުމުތަކުގެ ހާއްސަ މުބާރާތެކެވެ. ނަމަވެސް މި ފަހަރުގެ މުބާރާތް ހާއްސަކޮށްފައިވަނީ އެ ސަރަހައްދުގެ އިތުރުން އެހެން ގައުމުތަކަށް ވެސް ދައުވަތުދީގެންނެވެ.