ބޭރު ކުޅިވަރު

ވާޑީ ގަތުމަށް އާސެނަލް އިން 20 މިލިއަން ޕައުންޑް

ލެސްޓާ ސިޓީ އާއި އިނގިރޭސި ގައުމީ ޓީމުގެ ފޯވަޑް ޖިމީ ވާޑީ ގަތުމަށް އާސެނަލްއިން އިން 20 މިލިއަން ޕައުންޑް ހުށަހަޅައިފި އެވެ.

ހުސްވި ސީޒަނުގައި ލެސްޓާ އަށް އިނގިރޭސި ޕްރެމިއާ ލީގު ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރު އަދާކުރި ވާޑީ އަކީ ލީގުގައި ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

އޭނާ ގަތުމަށް އާސެނަލް ނޫން ކުލަބަކުން މިހާތަނަށް މަސައްކަތްކޮށްފައިނުވެ އެވެ.

ޔޫރޯގައި ވާދަކުރާ އިނގިރޭސި ގައުމީ ޓީމާއެކު މިވަގުތު ހުރި ވާޑީއަކީ ލެސްޓާ އަށް އެއް މިލިއަން ޕައުންޑަށް 2012 ވަނަ އަހަރު ގަތް ކުޅުންތެރިއެކެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ދެއްކި ކުޅުމާ ގުޅިގެން 29 އަހަރުގެ ކުޅުންތެރިޔާ އަށް އިނގިރޭސި ގިނަ ކުލަބުތަކަކުން ޝައުގުވެރިވެ އެވެ.

އޭނާ ގަތުމަށް އާސެނަލްއިން ރަސްމީކޮށް ބިޑްކުރުމުން އިނގިރޭސި ކުރީގެ ބައެއް ކުޅުންތެރިން ވަނީ ތަފާތު ޝުއޫރުތައް ފާޅުކޮށްފަ އެވެ.
ކިއުޕީއާރުގެ ކުރީގެ ކުޅުންތެރިޔާ ޓްރެވާ ސިންކްލެއާ ބުނީ ވާޑީ ލެސްޓާގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި އެކުލަބުގައި އޭނާ މީހަކަށްވެފައިވާއިރު މިވަގުތު ކުލަބު ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މަޝްހޫރު ގެރީ ލިނެކާ ވެސް ވަނީ ކުލަބު ބަދަލު ނުކުރަން ވާޑީ އަށް ނަސޭހަތްތެރިވެފަ އެވެ. އޭނާ ބުނީ ޗެމްޕިއަން ޓީމާއެކު ހުރުން މާރަނގަޅުވާނެ ކަމަށެވެ.

ލެސްޓާގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނީ އޭނާގެ ކުޅުންތެރިން ހިފަހައްޓަން މަސައްކަތް ކުރާނެ ކަމަށާއި ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެފައި ދެން އަންނަ ސީޒަނަކަށް ކުލަބު ބަދަލު ކުރަން ކުޅުންތެރިންނަށް ވިސްނައިދޭނެ ކަމަށެވެ.