އިސްލާމިކް މިނިސްޓްރީ

ގައުމީ ބޮޑު މާހެފުމެއް މިއަދު، ހުރިހާ ރައްޔިތުންނަށް ދައުވަތު!

ރޯދައަށް ތައްޔާރުވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ހިނގަމުންދާ ހަރަކާތްތަކުގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބާއްވާ މާހެފުން މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.

"ގައުމީ މާހެފުން"ގެ ނަމުގައި މިއަދު ހަވީރު ހަތަރެއް ޖަހާއިރު މި ހަރަކާތް ފައްޓަވައިދެއްވާނީ މެޑަމް ފާތިމަތު އިބްރާހިމެވެ. ހުރިހާ ރައްޔިތުންނަށް ވެސް ބައިވެރިވެވޭނެ ގޮތްތައް ކުރިއަށްދާ މި މާހެފުމުގައި ކުރިއަށްދާނީ މިއަދު ހަވީރު ހަތަރަކުން ހަޔަކަށެވެ.

މި މާހެފުމުގައި އިސްލާމިކް މިނިސްޓްރީން ބޮނޑިބަތް، ކަދުރު، ކާށި، މަސް އަދި ފެން ފޯރުކޮށްދޭނެ އެވެ. މިނިސްޓްރީން ބުނީ، މާހެފުމަށް އިހު ޒަމާނުގައި ދިވެހިން ތައްޔާރުކުރާ ތަކެތި އަމިއްލައަށް ތައްޔާރުކޮށްގެން ގެނައުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ. މިނިސްޓްރީން ބުނީ، މާހެފުމަށް ޖުމްހޫރީ މައިދާނުގައި މެޓް އަޅާ އެންމެން އެކުގައި އިށީނދެ ވަގުތު ހޭދަކޮށްލެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

މި އަހަރު ރޯދައަށް ތައްޔާރުވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު، މިހާރު ވެސް ވަނީ އޮފީސްތަކުގެ މާހެފުން ކުރިއަށް ގެންގޮސްފަ އެވެ. މީގެއިތުރުން ވޯކްޝޮޕެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ރޯދަ މަހު ތެރޭގައި ވެސް ގިނަ ގިނަ ޕްރޮގްރާމްތަކެއް މިނިސްޓްރީން ހިންގާނެ އެވެ. އެގޮތުން އިހިޔާ ފޯރަމްތައް މި އަހަރު ވެސް ކުރިއަށް ގެންދާނެ އެވެ. މި ފޯރަމް އެހެން އަހަރުތަކާ ތަފާތުވާނެ ކަމަށް މިނިސްޓަރީން ބުނެ އެވެ. އޭގެއިތުރަށް ގިނަ ޓީވީތަކަކުން އެއްފަހަރާ "ރޯދައިގެ އަލި"ގެ ނަމުގައި ޕްރޮގްރާމެއް ގެނެސްދޭނެ އެވެ. އެއީ، ރޯދައާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އިރިއޮއްސޭ ގަޑީގައި ގެެނެސްދޭނެ ޕްރޮގްރާމެކެވެ.

މި އަހަރުގެ ރޯދަ މަހުގެ ތަރާވީސް ނަމާދުކުރުމަށް ތިން ގައުމަކުން ހާފިޒުން ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް މިނިސްޓަރީން ބުނެ އެވެ. އެގޮތުން ސައުދީން ހާފިޒުން ގެނައުމުގެ މަސައްކަތްކުރަމުންދާއިރު، އިންޑިއާ އަދި ލަންކާގެ ހާފިޒުން ވެސް ގެންނާނެ އެވެ.

މީގެއިތުރުން ރޯދަ މަހު ޤުރުއާން ކިޔެވުމުގެ ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފަ އެވެ. އެގޮތުން އިހިޔާ ޕްރޮގްރާމްތައް ފެށުމުގެ ކުރިންނާއި މިސްކިތްތަކުގައި ދީނީ ދަރުސްތައް ބޭއްވުމަށްފަހު އަދި ނަމާދުގެ ކުރިން މިސްކިތްތަކުން ޤުރުއާނުގެ އަޑު އިވިގެންދާނެ ކަމަށް މިނިސްޓަރީން ބުނެ އެވެ. އަސްރު ނަމާދަށްފަހު ވެސް ޤުރުއާން ކިޔެވުމުގެ ޕްރޮގްރާމްތަކެއް ކުރިއަށްދާނެ ކަމަށް މިނިސްޓަރީން ބުނެ އެވެ. މެންދުރު ނަމާދަށްފަހު ޤުރުއާން ކިޔަވަން ދަސްކޮށްދޭ ޕްރޮގްރާމްތަކެއް ވެސް ބައެއް މިސްކިތްތަކުގައި ކުރިއަށް ދާނެ ކަމަށް ވެސް މިނިސްޓަރީން ބުނެ އެވެ.

މާލޭގެ ހުސްތަންތާގައި ކުޑަކުދިންނަށް ދީނީ މައުލޫމާތު ދަސްކޮށްދިނުމަށް ބައެއް ކުޅިވަރުތައް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާނެ އެވެ. އެ ކުޅިަވރުތައް ކުރިއަށް ދާނީ އާޓިފިޝަލް ބީޗް ނުވަތަ ރަސްފަންނުގައި ޓެންޓް ޖަހައިގެން ހަވީރު ވަގުތުގަ އެވެ.

ސަރުކާރުން ވަނީ މި އަހަރު ރޯދަ މަހު ސޯޝަލް މީޑިއާގައި ބޭނުންކުރާނެ ހާއްސަ ހޭޝްޓެކެއް ވެސް ތައާރަފްކޮށްފަ އެވެ. ހޭޝްޓަގަކީ Roadha37 އެވެ. މި ހޭޝްޓެގަކީ އާއިލީ ފޮޓޯތަކާއި ރޯދަ މަހަށް ހާއްސަކޮށްގެންކުރާ ކަންތައްތަކުގެ ފޮޓޯ ނެގުމަށްފަހު ސޯޝަލް މީޑިއާއަށްލާއިރު ބޭނުންކުރުމަށް ތައާރަފްކުރި ހޭޝްޓެގެކެވެ.