ހަބަރު

ރޯދަމަހުގެ ފުރަތަމަ ހަފްތާ މަގު ބަންދުކުރުމުގެ ހުއްދަ ނުދޭނެ

ރޯދަ މަހާ ދިމާކޮށް ގިނަ ބަޔަކު މަގުތައް ބޭނުން ކުރަމުންދާތީ، މާދަމާ އިން ފެށިގެން އަންނަ ބުދަ ދުވަހަށް މަގު ބަނދުކުރުމުގެ ހުއްދަ ދޫނުކުރާން ހައުސިން މިނިސްޓްރީ އިން ނިންމައިފި އެވެ.

ރޯދައަށް ގިނަ ބަޔަކު ވިޔަފާރި ކުރުމަށާއި އެހެނިހެން ކަންކަމަށް މަގު މައްޗައް ނިކުމެ އުޅޭ އިރު މަގުތައް ބަނދުކޮށް މަސައްކަތް ކުރަމުންދާތީ ގިނަ ބަޔަކަށް ދަތިތަކާއި ކުރިމަތިވެ އެވެ. އެކަމައި ގުޅިގެން ހައުސިން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިދުވަސް ކޮޅު މަގުތައް ބަނދުކޮށްގެން މަސައްކަތް ކުރަމުންދާތީ ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތި ވަމުންދާ ކަމަށެވެ.

"އެހެން ކަމުން އެންމެންގެ ފަސޭހަޔާއި މަންފާއަށް ޓަކައި މާދަމާ އިން ފެށިގެން އަށެއް ވާ ބުދަ ދުވަހުގެ ނިޔަލަށް މަގު ބަނދުކޮށްގެން ކޮނުމާއި ފައުންޑޭޝަން ޝީޓު އެޅުން ފަދަ މަސައްކަތް ކުރުމުގެ ހުއްދަ ދޫނުކުރާ ގޮތައް ހަމަޖައްސާފީމެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

މަގުތައް ބަންދުކޮށްގެން ގެތަކުގެ ކޮންކްރީޓު އެޅުމުގެ މަސައްކަތް ކުރަމުންދާތީ ހައުސިން މިނިސްޓްރީ އިން ކުރިން ނިންމާފައި ވަނީ އެ މަސައްކަތް ދަންވަރުގަނޑީގައި މީހުންނަށް އުންދަގޫ ނުވާ ގޮތަށް ކުރުމަށެވެ.