އެސްޓީއޯ އިން 2012 ވަނަ އަހަރުގެ ތެރޭގައި ހުޅުމާލޭގައި އިމާރާތް ކުރަން ފެށި، "ރެޑިސަން ބްލޫ ހޮޓާ" އެހެން ބަޔަކަށް ވިއްކާލުމަށް އެ ކުންފުނިން ނިންމައިފި އެވެ. މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ އެސްޓީއޯއާ ގުޅިގެން އެ ހޮޓާ ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފަ އެވެ.
މިރޭ ކުރުބާގައި ކުރިއަށް ދާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، އެ ހޮޓަލުގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެ ހޮޓާ ވިއްކާލަން ނިންމީ އެތަން ހަދައިގެން އަމިއްލައަށް ހިންގުމަށް ވުރެ ކުންފުންޏަށް ފައިދާ ވާނީ އެތަން ބަޔަކަށް ވިއްކާލުން ކަމަށް ކުންފުނީގެ ބޯޑަށް ފެންނާތީ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.
"މިހާރު ޝައުގިވެރިވާ އެކި ޕާޓީތަކާ އަޅުގަނޑުމެން ނެގޯޝިއޭޓް ކުރަމުން މިދަނީ،" ޝަހީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަން ވިއްކާލާނީ ހިއްސާދާރުންނަށް ރަނގަޅު ފައިދާއެއް ލިބޭ ގޮތަށް އަދި ކުންފުންޏަށް ވެސް އެންމެ ބޮޑު މާލީ ފައިދާތަކެއް ލިބޭނެ ގޮތްތަކެއް ބަލާފައި ކަމަށެވެ.
އެމެރިކާގެ ކާލްސަން ގުރޫޕާއެކު 2008 ވަނަ އަހަރު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުން ހޮޓާ އިމާރާތް ކުރުމުގެ މަސައްކަތް އެސްޓީއޯއިން ފެށީ 2012 ވަނަ އަހަރުގެ މެދުތެރޭގަ އެވެ. ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ އެ ހޮޓަލަކީ 250 ރޫމް އަދި 500 އެނދުގެ ތަނެކެވެ.
އެތަން ހުޅުވުމަށް އެސްޓީއޯއިން އަމާޒު ކުރީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. އެހެން ނަމަވެސް މާލީ މައްސަލަތައް ދިމާވެ އެކަން ވަނީ ކުރިއަށް ނުގެންދެވޭ ގޮތްވެފަ އެވެ.