ބޭރު ކުޅިވަރު

ބްރެޒިލްގެ އަމާޒަކީ ތަށި, ޓީމުގައި އަނިޔާގެ މައްސަލަ ގިނަ

އެމެރިކާ އަށް ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ދިޔައީ ކޮޕާ އެމެރިކާ ސެންޓެނާރިއޯގެ ތަށި ކާމިޔާބު ކުރަން ކަމަށް ކޮޗު ކާލޮސް ޑުންގާ ބުނެފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިކުއެޑޯއާ ބައްދަލުކުރުމުގެ ކުރުން ޑުންގާ މިހެން ބުނިއިރު އޭނާގެ ޓީމުގައި އަނިޔާގެ މައްސަލަތައް ވަރަށް ބޮޑެވެ.

ޑަގްލަސް ކޯސްޓާ އާއި ކަކާ އާއި ރިކާޑޯ އޮލިވޭރާ އާއި ރަފީނިއާ އަދި އެޑަަސަން އާއި ލުއިސް ގުސްޓާވޯ އަށް ވަނީ އަނިޔާވެފަ އެވެ. ނަމަވެސް ޑުންގާ ބުނީ މިއީ މައްސަލައެއްނޫން ކަމަށެވެ.

"މިއީ ދެން ތިބި ކުޅުންތެރިންނަށް ލިބޭ ރަނުގެ ފުރުސަތެއް. އަހަރުމެންގެ ޓީމުގައި ވަރަށް ކޮލިފައިޑް ކުޅުންތެރިން އެބަތިބި. މިއީ އެމީހުންނަށް ގައުމީ ޖާޒީގައި މޮޅަށް ކުޅެލަން ލިބޭ ފުރުސަތެއް. އަހަރުމެން އައ ތަށި ހޯދަން. އަހަރުމެންގެ އަމާޒަކީ ތަށި،" 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބުކޮށްދިން ކެޕްޓަން ބުންޏެވެ.

ކާމިޔާބު ނުލިބޭތީވެ ޑުންގާގެ މަގާމު ވެސް މިވަގުތު އޮތީ ނުރައްކަލުގެ ތެރޭގަ އެވެ. ނަމަވެސް އޭނާ ބުނީ އެއީ ވިސްނާ ކަމެއްނޫން ކަމަށެވެ.

މި މުބާރާތުގައި ބްރެޒިލްގެ ތަރި ނޭމާ ސަންޓޯސް ނުކުޅޭނެ އެވެ. އެއީ އޭނާގެ ކުލަބު ބާސެލޯނާއިން މި މުބާރާތުގައި ކުޅެފިނަމަ ކުރިއަށް އޮތް އޮލިމްޕިކްސްގައި ގައުމީ ޓީމަށް ކުޅެން ދޫނުކުރާނެތީ އެވެ.

ނަމަވެސް އިކުއެޑޯއިން ބުނީ ނޭމާ ނެތަސް ބްރެޒިލް ޓީމުގައި ބަލިފަޔެއް ނެތް ކަމަށާއި މިހާރު ހުރި މީހަކީ ފިލިޕް ކޫޓީނިއޯ ކަމަށާއި އެއީ ވެސް ވަރަށް ނުރައްކާ ކުޅުންތެރިއެއް ކަމަށެވެ.