ބޭރު ކުޅިވަރު

އިނގިރޭސިން ތައްޔާރުވަނީ ރޫނީގެ ޝޯއަކަށްނޫން: ކޯޗު

އަންނަ ހަފުތާގައި ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ގައުމީ ޓީމުން ފެނިގެންދާނީ ކެޕްޓަން ވޭން ރޫނީގެ އެކަނި ޝޯއެއްނޫން ކަމަށް ކޯޗު ރޯއި ހޮޖަސަން ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޓީމުގައި ތިބި ފަސް ފޯވަޑުންގެ ތެރެއިން ރޫނީ ލައްވައި ކުޅުވާނީ ކޮން މަގާމަކަށްތޯ ނޫސްވެރިން ތަކުކާރުކޮށް ސުވާލުކުރަން ފެށުމުންނެވެ.

"އަހަރުމެން ތައްޔާރުމިވަނީ ރޫނީގެ ޝޯއަކަށްނޫން. ކަލޭމެން ތި އަހަނީ ރޫނީ ކުޅޭނީ ވާތްފްރާތަށްހޭ؟ އެހެންވިއްޔާ ތި ސުވާލު ކުރަންވީ ރޫނީއާ. އޭނާ އަހަރެން ގާތު ނުބުނޭ އޭނާ ކުޅެން ބޭނުންވަނީ މިވެނި މަގާމަކަށޭ،" ހޮޖްސަން ބުންޏެވެ.

އިނގިރޭސި ކެޕްޓަން ލައްވައި މެދުތެރެއަށް ވެސް ކުޅުވަފާނެ ކަމަށް އިނގިރޭސި މީޑިޔާއިން ވަރަށް ބޮޑަށް ލަފާކުރެ އެވެ. އެއީ ރޫނީ އަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި އެއްފޯވަޑުގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން ފާހަގަ ކުރެވުނު ކުޅުންތެރިއެއް ނަމަވެސް އޭނާގެ ބޭނުން މެދުތެރޭގައި ގައުމީ ޓީމާއި ކުލަބުގައި ވެސް ހިފާފައިވާތީ އެވެ.

"އަހަރެން ތައްޔާރުކުރަނީ ވޭން ރޫނީގެ ޝޯއެއްނޫން. އެކަމަކު ކަލޭމެން ތި ސުވާލުކުރަނީ ގައުމީ ޓީމަށް 111 މެޗު ކުޅެދީފައި 53 ގޯލު ޖަހާފައިހުރި ކުޅުންތެރިއެއްގެ ވާހަކަ. މިފަދަ ކުޅުންތެރިއަކު ވާނީ ދަނޑުމަތީގައި ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކުޅުންތެރިއަކަށް،" ރޫނީއާ ބެހޭގޮތުން ހޮޖްސަން ބުންޏެވެ.

ކޯޗު އަދި ބުނީ ޓީމުގައި ފަސް ފޯވަޑުން ތިބެގެން ސުވާލުކުރަންޖެހޭނީ ޓީމެއްގެ ގޮތުގައި ޑިފެންސް ނުކުރެވި ބައިކޮޅަށް ގިނަ ގޯލުތަކެއް ވަދެފިނަމަ ކަމަށެވެ.

ޔޫރޯގައި އިނގިރޭސީން ވާދަކުރާނީ ރަޝިޔާ އާއި ވޭލްސް އަދި ސްލޮވާކިޔާއާ އެވެ.