ހިލަރީ ކްލިންޓަން

ވާޖިން ރަށްތަކުގެ ޕްރައިމަރީ ކާމިޔާބުކޮށް ރިޔާސީ ޓިކެޓާ ކައިރިއަށް ހިލަރީ ޖެހިލައިފި

ރިޕަބްލިކަން ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓް މިހާރު ފައިނަލް ވެފައިވާއިރު ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް އަދި ވަނީ ކަށަވަރު ނުކުރެވި އެވެ. އެޕާޓީގެ ޕްރައިމަރީގެ ވާދަކުރަމުންދާ ހިލަރީ ކްލިންޓަން އަދި ބާނީ ސެންޑާސް އާ ދެމެދު ވާދަވެރިކަން ބޮޑުވެފައިވާއިރު އެންމެ ފަހުން ވާޖިން ރަށްތަކުގައި ބޭއްވި ޕްރައިމަރީ މިވަނީ ހިލަރީ ކާމިޔާބުކޮށްފަ އެވެ.

އިންތިހާބުގެ ވަގުތީ ނަޖީތާތައް ދައްކާގޮތުން ކްލިންޓަންވަނީ 1،308 ވޯޓު ހޯދާފަ އެވެ. އަދި ސެންޑާސް އަށް ލިބިފައިވަނީ 190 ވޯޓެވެ. މިހާރުގެ ނަތީޖާތަކަށް ބަލާއިރު ޕާޓީގެ ޓިކެޓް ލިބޭނެކަން ހިލަރީއަށްވަނީ ވަރަށް ބޮޑަށް ކަށަވަރު ކުރެވިފަ އެވެ. ސުޕަ ޑެލިގޭޓުންގެ ބޮޑު އަގުލަބިއްޔަތެއް ވެސް ކާމިޔާބުކޮށްފައިވަނީ ހިލަރީ އެވެ.

ސެންޑާސް އަދިވެސް އޭނާ އަށް ރިޔާސީ ޓިކެޓް ލިބޭނެ ކަމަށް ގަބޫލުކުރާއިރު އޭނާ ވިދާޅުވީ އަންގާރަ ދުވަހު ކެލިފޯނިއާ، މޮންޓާނާ، ނިއު ޖާޒީ، ނިއު މެކްސިކޯ، ނޯތު ޑަކޯޓާ އަދި ސައުތު ޑަކޯޓާގައި އޮންނަ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށެވެ. މި މަހުގެ 14 އިގެ ކުރިން ޕްރައިމަރީގެ އިންތިހާބުތައް ނިންމާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައަޅަން ޖެހެ އެވެ.