ތިމާވެށި

ދިރޭ ތަކެތީގެ ކަޅު ބާޒާރު ނައްތާލަން ސިޔާސަތު ހަރުކަށިކުރަންޖެހޭ: ތޯރިގު

Jun 5, 2016

ދިރޭ ތަކެތީގެ ކަޅު ބާޒާރު ނައްތާލަން އެ ވިޔަފާރިއާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ހަރުކަށިކޮށް އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރަން ޖެހޭ ކަމަށް ތިމާވެއްޓާބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ތޯރިގު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެއްޓާބެހޭ ދުވަހުގެ މުނާސަބަތާ ގުޅުވައި ދެއްވި ހިތޯބެއްގަ އެވެ.

ދުނިޔޭގެ ތިމާވެއްޓާބެހޭ ދުވަހަކީ ޖޫން މަހުގެ ފަސް ވަނަ ދުވަހެވެ. ތިމާވެށީގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ޒީރޯ ޓޮލެރެންސް ފޯ ދަ އިލީގަލް ވައިލްޑްލައިފް ޓްރޭޑް" ނުވަތަ ދިރޭތަކެތީގެ ވަގު ވިޔަފާރިއަށް އެއްވެސް ޖާގައެއް ނުދިނުމެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ ދިރޭތަކެތީގެ ކަޅު ބާޒާރަކީ ކުށުގެ ވެށްޓަށް މޫލާފައިވާ ބައިނަލްއަގުވާމީ ބޮޑު ވިއުގައެއް ކަމަށާއި މިވިޔަފާރި މުލުން ލުހެލައި، ދިރޭތަކެއްޗާއި މާހައުލީ ވެށި ހިމާޔަތްކުރެވޭނީ ބޮޑެތި އަދި އުނދަގޫ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮށްގެންކަން ކަމަށެވެ. އަދި މި ކަޅު ބާޒާރާ ދެކޮޅަށް ޤާނޫނުތަކާއި ޤަވާއިދުތައް ހަދަންޖެހޭ ކަމަށާއި މިވިޔަފާރިއާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ހަރުކަށިކޮށް އެ ސިޔާސަތުތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރަން ޖެހޭ ކަމަށެވެ.

"ދިރޭތަކެތީގެ ވަގު ވިޔަފާރި ހުއްޓުވުމަށް މަސައްކަތްކުރާނެ ފަންނީ މީހުން ބިނާކޮށް އިންސާނީ ވަސީލަތް އިތުރުކުރަން އެބަޖެހެއެވެ. މާލީ ގޮތުންނާއި އަމަލީ ގޮތުން މިމަސައްކަތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްކޮށްގެން ނޫނީ މިޖަރީމާ ނުހުއްޓުވޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ،" މިނިސްޓަރުގެ ހިތޯބުގައި ވެއެވެ.

އަދި ވިދާޅުވީ ދިރޭތަކެތީގެ ވަގު ވިޔަފާރި ނައްތާލަން އެކުގައި މަސައްކަތްކޮށް، ހިންގުންތެރިކަން ހަރުދަނާކުރުމަކީ ބަވަނަވެފައިވާ ދުނިޔޭގައި ޚާއްޞަ އަހައްމިއްޔަތެއް ދޭންޖެހިފައިވާ ކަމެއް ކަމަށާއި ދިރޭތަކެތީގެ ވަގު ވިޔަފާރީގެ ވިއުގަ ނައްތާލެވޭނީ އެކަމާ ދެކޮޅަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ މެދުގައި ގުޅުން ހަރުދަނާކޮށްގެން ކަމަށެވެ. އެގޮތުން ތަންފީޒީ އިދާރާތަކާއި، ސަރުކާރާއި، މިނިވަން މުއައްސަސާތަކުގެ މެދުގަ އާއި އަމިއްލަ ޖަމާޢަތްތަކާއި މަދަނީ ޖަމިއްޔާތަކުގެ މެދުގަ އާއި ދޭދޭ ޤައުމުތަކާއި ފަރުދުންގެ މެދުގައި އެ މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"ޤާނޫނުތަކާއި، ޤަވާއިދުތަކާއި، ސިޔާސަތުތައް ތަންފީޒުކޮށް އަމަލުކުރަން ފެށޭނީ މުޖްތަމަޢުއިން އެކަންކަން ބަލައިގަނެ ފިކުރާއި ވިސްނުން އެއް ހަމަކޮށްގެންނެވެ. މިއީ ހޭލުންތެރިކަން އިތުރުކޮށްގެން ނޫން ގޮތަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މަޢުލޫމާތާއި ޢިލްމު ހިއްސާކުރުމުގެ ވަސީލަތްތަކުގައި މުޅި މުޖްތަމަޢު ޝާމިލުވެ އުޅޭ މިޒަމާނުގައި، ހޭލުންތެރިކަން އިތުރުކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. ނޫސް މަޖައްލާތަކާއި، ވީޑިއޯ އާއި ފޮޓޯގެ ޒަރިއްޔާއިން ދިރޭތަކެތީގެ ވަގު ވިޔަފާރީގެ ގެއްލުންތަކާއި އޭގެ ހިރާސްތަކަށް މީހުން ހޭލުންތެރިކުރެވިދާނެއެވެ." ހިތޯބުގައި ވެއެވެ.

މިނިސްޓަރު ވިދާޅުވީ ތިމާވެށީގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކުގެ އަސްލަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކޮށްފައިވާ މަސައްކަތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މޭސްތިރިކަމުގެ ދަށުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަކީ މާދަމާގެ ޖީލުތައް އެކަމަށްޓަކައި ޝުކުރުވެރިވާނެ މަސައްކަތްތަކެއް ކަމަށެވެ.

ތިމާވެށި ހިމާޔަތް ކުރުމުގެ މައްޗަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ މިޔަރުގެ މަސްވެރިކަން ހުއްޓާލަން 1990ގެ އަހަރުތަކުން ފެށިގެން ކުރި މަސައްކަތުން 2006 ވަނަ އަހަރު އެކަނި، ކަނޑުފީނުމުގެ ދާއިރާއިން ރާއްޖެއަށްވަނީ 36.8 މިލިއަން އެމެރިކާ ޑޮލަރުގެ ފައިދާވި ކަމަށާއި އެއީ 1992 ވަނަ އަހަރާ އަޅާކިޔާއިރު 16 ގުނައިގެ އިތުރުވުއް ކަމަށެވެ.