މަރު

އިރުޝާން މަރާލި މައްސަލާގައި ދެ ކުއްޖަކު ހައްޔަރުކޮށްފި

މިދިޔަ ހުކުރު ދުވަހުގެ ރޭ ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާން ހިލްމީ މަރާލި މައްސަލާގައި ދެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު މާރާމާރީ ހިންގާ 14 އަހަރުން ދަށުގެ ދެ ކުދިން މަރާލި މައްސަލަ އާއި ގުޅިގެން ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ފުލުހުން ބުނީ މިހާތަނަށް 18 އަހަރުން ދަށުގެ ދެކުދިން ހައްޔަރުކޮށްފައިވާ ކަމަށާއި އެއް ކުއްޖަކު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އަނެއް ކުއްޖާ ހައްޔަރުކޮށްފައިވަނީ މިއަދު ކަމަށެވެ. މި ދެ ކުދިން ވެސް ހައްޔަރުކޮށްފައިވަނީ އިރުޝާން މަރާލި މައްސަލާގަ އެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްގެ ހެޑް އަބްދުﷲ ޝަތީހު ވިދާޅުވީ އިރުޝާން މަރާލާފައިވަނީ ދެ ގުރޫޕް ދެމެދު ހަމަލާ ބަދަލުކުރުމަށްފަހު ކަމަށާއި އޭނާގެ ކޮނޑުހުޅު ކައިރިން ދޮޅު އިންޗިއެއްހާ ތަނަށް ވަޅި ހަރައި ޒަހަމް ކޮށްލާފައިވާ ކަމަށާއި އަދިވެސް އިތުރު ޒަހަމްތަކެއް ހުރި ކަމަށް ފުލުހުން ބުންޏެވެ. މި މާރާމާރީ ހިނގާފައިވަނީ ވައިކަންމަތި އަދި އީގަލްސް ނަމަކަށް ކިޔާ ދެ ގޭންގެއް ދެމެދުގައި ކަމަށެވެ.

ފުލުހުން ބުނީ އިރުޝާން އަށް ހަމަލާދީ މަރާލާފައިވަނީ އެދުވަހު ހެނދުނު ހިނގި ދެބަަސްވުމަކާ ގުޅިގެން ކަމަށެވެ. ފުލުހުން މިހާރު އެ މާރާމާރީ ހިންގި ސަރަހައްދުގެ ސީސީ ޓީވީ ފޫޓޭޖްތައް އައިޑެންޓިފައި ކުރުމަށްފަހު ތުހުމަތު ކުރެވޭ މީހުން އައިޑެންޓިފައި ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެރޭ ފަހުން ދިން ހަމަލާއާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް މުހައްމަދު ރިޔާޒު ވިދާޅުވީ ފާތިރު މުހައްމަދުގެ މަރުގެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށެވެ. ފާތިރަށް ހަމަލާ ދިންތަން އެގޭގެ ސީސީޓީވީ އިން ސާފުކޮށް ފެންނަ ކަމަށާއި މި ހަމަލާގައި މަރުވި ފާތިރަަކީ ހަވީރު އިރުޝާނަަށް ހަމަލާދިނުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ކުއްޖެއް ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ މާރާމާރީގައި ހަރަކާތްތެރިވެފައިވާ ކުދިންނަކީ ކުށުގެ ރެކޯޑް ނެތް ނަމަވެސް، އެކި މައްސަލަތަކުގައި އެކި ފަހަރު މަތިން ހިފެހެެއްޓުމަށްފަހު ދޫކޮށްލާފައިވާ ކުދިން ކަމަށެވެ. މިފަދަ ކުށްތަކަށް އަރައިގަތުމުން ކުޑަކުދިން ސަލާމަތްކުރުމަށް އެކި މަސައްކަތްތައް ފުލުހުން ކުރިއަށް ގެންދާ ކަމަށްވެސް ނަވާޒް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންވެސް މިނިސްޓަރ ވެސް މަސައްކަތް ކުރައްވާ ކްރައިމަށް ވަންނަ ކުދިން ރަނގަޅު ކުރުމަށްޓަކައި، ރީހެބިލިޓޭޓް ކުރުމަށްޓަކައި ޕްރޮގްރާމެއް ހިންގޭތޯ. އެހެންނަމަވެސް، އަޅުގަނޑުމެން ވަކި އަދަދެއް ހަމަކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައީ މިހާތަނަށްވެސް. ނަމަވެސް، އަޅުގަނޑު ހިތާމައާއެކު ދަންނަވާލާނަން، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓަށް ގެނެވޭ ކުދިންގެ ތެރެއިން، ކުދިންގެ މައިންބަފައިންނާއި އެކުދިން ރަނގަޅު މަގަށް ގެނައުމަށްޓަކައި ރީހެބިލިޓޭޓް ކުރެވޭނެ ފުރުސަތު އޮވެގެން ވާހަކަދެކެވުނީމާ، އޭގެން ގިނަ މައިންބަފައިން އެކަމާއި ދެކޮޅު ހައްދަވާ. އެހެންވީމާ ވާގޮތަކީ ކޮންސެންޓަކާއެކީ ކުރަންބޭނުންވާ ކަމެއް އެއީ. މީ އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު ޗެލެންޖެއް،" ނަވާޒު ވިދާޅުވި އެެވެ.

މިފަދަ ޕްރޮގްރާމްތައް ހިންގުމާއި ފުލުުހުންގެ ތަހުގީގުތައް ކުރިއަށް ގެންދިޔުމުގައި ފުލުހުންގެ އަމާޒު ސީދާ ކަމަށާއި ފުލުހުން ކުރިއަށް ގެންދަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނޭ ކަަމަށްވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.