ބޭރު ކުޅިވަރު

އެމްޓީސީސީ "އަވަސް ޔޫރޯ ފޯރި" ލޯންޗްކޮށްފި

Jun 5, 2016
3
  • ހިލޭ ބަހާ ގޮތަށް ޔޫރޯ މެގަޒިން ނެރުނު
  • ޔޫރޯ އެޕްލިކޭޝަނާއި ވެބްސައިޓެއް ހިމެނޭ
  • ޔޫރޯއަށް ހާއްސަ ޖަަގަހައެއް ހަދާނެ

ދިވެހިންނަށް ބޯމަތިވަމުން އަންނަ ފުޓްބޯޅައިގެ ބޮޑު އީދު ކަމަށްވާ، ޔޫރޯ 2016 ގެ ހަބަރުތައް ކިޔުންތެރިންނަށް ގެނެސްދިނުމަށް. "އަަވަސް"ގެ ޓީމުން ކުރާ މަސައްކަތުގައި، ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި އެމްޓީސީސީ އެކު އަވަސްގެ، "ޔޫރޯ ފޯރި ލޯންޗްކޮށްފި" އެވެ.

އެމްޓީސީސީ އާ އެކު މެއިން ސްޕޮންސަރުންގެ ގޮތުން ބީއެޗްއެމް އާއި އެސްޓީއޯ ޕްކޭޒާ އިންސެންސް އަދި ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ބައިވެރިވެ އެވެ.

"އެމްޓީސީސީ އަވަސް ޔޫރޯ ފޯރީ"ގެ ހާއްސަ ކަވަރޭޖް ލޯންޗް ކުރުމަށް ސިޓްރޮން ރެސްޓޯރަންޓްގައި ސްޕޮންސަރުންނާ އެކު މިއަދު ހަވީރު ބޭއްވި ހާއްސަ ހަފްލާގައި އަވަސްގެ ޔޫރޯ މެގަޒިން ނެރެދެއްވީ، ޝަރަފުވެރި މެހެމާން އެފްއޭއެމްގެ އާ ރައީސް އަހުމަދު ތޯރިގް ޓޮމް އެވެ. އަދި މެގަޒިންއާ އެކު ސްކޯ ޗާޓާއި ބައެއް މުހިންމު ކުޅުންތެރިންގެ ޕޯސްޓަރު ވެސް ހިމެނެ އެވެ. އަދި މިހާރު ފަށާފައިވާ ކޮޕާ އެމެރިކާއަށް ހާއްސަ ސަޕްލިމަންޓެއް ވެސް ފޮތުގައި ހިމެނެ އެވެ. އަދި ޔޫރޯ އަށް ހާއްސަކޮށް އަވަސް އިން ނެރޭ އެޕްލިކޭޝަން އާއި ހާއްސަ ވެބްސައިޓް ލޯންޗްކޮށްދެއްވީ ޔޫތް މިނިސްޓަރު އަހުމަދު ޒުހޫރެވެ.

މީގެ އިތުރުން އަވަސްގެ ފަރާތުން ޔޫރޯގެ މެޗްތައް ބޮޑު ސްކްރީންގައި އާންމުންނަށް ދެއްކުމަށް ސްޕޮންސަރުންގެ އެހީއާ އެކު އަވަސް ޔޫރޯ ޖަގަހައެއް ހެންވޭރުކޮޅުގައި ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

ހަފްލާގައި ވާހަކަ ދައްކަވަމުން އަވަސްގެ ސްޕޯޓްސް އެޑިޓަރު، އަބްދުﷲ އަޒްމީން ވިދާޅުވީ، މި ކަވަރޭޖްގެ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ހިމެނޭ މެގަޒިންގައި މުބާރާތުގައި ވާދަކުރާ ޓީމްތަކާއި ކުރީގެ ކުޅުންތެރިންނާއި ތާރީހު އަދި މުބާރާތް ކުޅޭ ގައުމު ފްރާންސާއި މުބާރާތުގެ ހާއްސަ ބޯޅައިގެ މައްޗަށް ބަލައިލާފައިވާނެ ކަމަށެވެ. މި މެގަޒިން މާލެ އާއި އަތޮޅުތަކުގައި ހިލޭ ބަހަމުން އަންނަ އިރު، މުބާރާތުގެ މެޗްތަކުގެ ސްކޯ ޗާޓާއި ބައެއް މުހިންމު ކުޅުންތެރިންގެ ސްކޯ ޗާޓެއް ވެސް ހިލޭ ލިބޭނެ ކަމަށް ސްޕޯޓްސް އެޑިޓަރު ވިދާޅުވި އެވެ.

މެގަޒިން އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ބައެއް މުހިންމު ކުޅުންތެރިންގެ މުހިންމު ވީޑިއޯތަކާއި ސްޕޮންސަރުންގެ ބައެއް ވީޑީއޯތައް ފެންނަ ގޮތަށް ކްއިއުއާރު ކޯޑްތަކެއް ވަނީ ހިމަނައިފަ އެވެ. ކިއުއާރު ކޯޑް ސްކޭން ކުރެވޭނީ އަވަސްގެ ޔޫރޯ އެޕް އިންނެވެ.

ހަފްލާގައި،"އަވަސް" ގެ ޗީފް އެޑިޓަރު އާދަމް ހަލީމް ވިދާޅުވީ އަވަސް ޔޫރޯގެ ފޮތަކީ އަވަސްގެ ޓީމުން ކުރި ވަރަށް މުހިންމު އަދި ބުރަ މަސައްކަތެއް ކަމަށެވެ. އަދި އަވަސް އިން ކުޅިވަރުގެ އެކި ހަފްލާތައް ގެނައުމުގައި ދެމި ތިބޭނެ ކަމަށް ވެސް އާދަމް ހަލީމް ވިދާޅުވި އެވެ. އަދި އަވަސް އިން ތަފާތު ކަންތައްތައް ގެންނާނެ ކަމަށް ވެސް އާދަމް ހަލީމް ވިދާޅުވި އެވެ.