ރޯދަ މަސް

ރޯދަ މަހުގެ މާތްކަން ލިބިގަތުމަށް ރައީސް ގޮވާލައްވައިފި

Jun 5, 2016

ބަރަކާތްތެރި ރޯދަ މަސް ހެޔޮ ގޮތުގައި ބޭނުންކޮށް އެ މަހުގެ މާތްކަން ލިބިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައި، ރޯދަ މަހުގެ ތަހުނިޔާ އާއި މުބާރަކު ބާދީ ފޮނުއްވައިފި އެވެ.

އެ މަނިކުފާނު މިރޭ އާންމު ކުރެއްވި ހިތޯބެއްގައި ވިދާޅުވެފައި ވަނީ ރަމަޟާން މަހަކީ މާތްﷲ އިސްލާމީ އުންމަތަށް ދެއްވި ރޫޙާނީ މަތިވެރި މައްސަރެއް ކަމަށާއި އަޅުކަމާއި ތަގުވާގެ އަގުހުރި ފުރްޞަތެއް ކަމަށެވެ. އަދި ރަޙްމަތާއި ނިޢުމަތުގެ އާރެއް ކަމަށެވެ.

"މިމައްސަރަކީ ކީރިތި ގުރްއާން ބާވައިލެއްވި މައްސަރު ކަމަށްވީހިނދު، މި މައްސަރުގެ މާތްކަމާއި އިތުރުކަން ބޮޑުވެގެންވެއެވެ. އެހެންކަމުން، މި މާތް މައްސަރުގެ ހެޔޮ ދަރުމައާއި ސަވާބު ލިބިގަނެ، ރޯދައިގެ މަތިވެރި އަޅުކަން ފަރުވާތެރިކަމާއެކު އަދާކޮށް، ފަރުޟު ފަސްނަމާދަށް ރައްކާތެރިވެ، ކީރިތި ގްރްއާން ކިޔެވުމަށް އިތުރު އަހަންމިއްޔަތެއް ދެއްވައިގެން، މި މައްސަރުގެ ދުވަސްތަކާއި ރޭތަކުގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުންހިފަން ތިޔަ ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަޅުގަނޑުގެ އުންމީދަކީ، މި ފެށުނު ބަރަކާތްތެރި ރަމަޟާންމަހަކީ، ހުރިހާގޮތަކުންވެސް ރާއްޖޭގެ ރައްޔިތުންނަށް ބާއްޖަވެރި އުފާވެރި އަދި ތަނަވަސްކަމުގެ މައްސަރެއް ކަމުގައި ވެގެންދިޔުމެވެ." ރައީސްގެ ހިތޯބުގައި ވެއެވެ.

ރައީސްގެ ހިތޯބުގައި މިބަރަކާތްތެރި މައްސަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރައްޔިތުންނަށް ފޮނުއްވެވިއިރު މި މުނާސަބަތުގެ ތަހުނިޔާ، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް، އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ފޮނުއްވާފައި ވެއެވެ.