ވާހަކަ

ޒަމާނީ ލޯތްބާއި ކެހި

އެތައް ދުވަހެއް ވަންދެން ހިތު އަޅައިގެން އުޅުނު ކުއްޖަކާ އެންމެފަހުން ބައްދަލުވެ، އޭނާ ގޮވައިގެން ބޭރަށް ދިއުމުގެ ފުރުސަތު ލިބިއްޖެ ނަމަ ކޮންމެ މީހެއްގެ ވެސް ހިތް އަވަސްވާނެ އެވެ. އަހަންނަށް ވެސް ވީ އެގޮތެވެ. މޭގައި ހިތް އޮބިނޯތީ އެވެ. ބައްދަލުވާން މި އުޅެނީ ކާކާކަން އެނގޭތީ އެވެ. އޭނާ އަށް އަހަރެންގެ ހިތުގައި ދެވިފައިވާ މަގާމަކީ ކޮބައިކަން ވެސް އެނގޭތީ އެވެ. އަދި އޭނާގެ ހިތް އޮތްގޮތާއި އޭނާ ވެސް މިރެއަކަށް ކުރި އިންތިޒާރާއި ވި ތައްޔާރީތައް އަހަރެންގެ ލޯ މައްޗަށް ސިފަވަމުން ދިޔައީތީ އެވެ.

އުއްމީދުކުރި ގޮތަކީ މިއީ އެވެ.

އަހަރެން ދިޔައީ ޖިންގަލްސްއަށެވެ. އޭނާ ދިޔައީ ގްލެމް އަށެވެ. އަހަރެން ނެގީ ޕޮމްޕަޑޯ ކަޓެކެވެ. މޮޑާން، ޕޮމްޕަޑޯ އެވެ. އެއީ ދެ އަރިމަތިންނާއި ފަހަތުން ތުނުކޮށްލާފައި މަތިން ދިގުކޮށް، އެބައި ނަގައިގެން ގޮސް ސައިޑަކަށް ތަތްކޮށްލާފައި އޮންނަ ޒާތަކަށްދާ ހެއާ ސްޓައިލެކެވެ.

އޭނަ ނެގީ ރެމޯނާ ކަޓެކެވެ. އެއީ ހިތެއް ކަތިލުމުގެ ތޫނުކަން ލިބިފައިވާ ސްޓައިލްއެކެވެ. ކޮންމެއަކަސް އެ ޑޭޓެއްގެ ތައްޔާރީ ފެށުނު ގޮތަކީ މިއީ އެވެ.

އަހަރެން ދިޔައީ ޗެޕްސް އަށެވެ. ވަރަށް ކެޝުއަލް ލުކެކެވެ. ބޫޓެއް ގަތީމެވެ. ބޫޓަށް އަރައިގެން ހުންނައިރު އަހަރެން މާ ރީއްޗޭ އަންހެން ކުދިން ބުނާތީ އެވެ. އޭނާ ދިޔައީ ލޫސިޑަށެވެ. ހިޔާރުކުރީ ކޮން ސްޓައިލެއް ކަމެއް މަށަކަށް އެއްގޮތަކަށް ވެސް ނޭނގެ އެވެ. އެކަމަކު ވެސް އަހަންނަށް އޭނާ އެންމެ ރީތީ އެ ބުނާ ބޮހޭމިއަން ލުކެއްގައި ހުންނައިރު އެވެ.

ޖީއެން ސައިކަލުގައި ގޮސް އަހަރެން އޭނާގެ ގެ ކައިރިއަށް މަޑުކޮށްލީމެ އެވެ. އެ ގެއަށް ކިޔަނީ "އައި އޭމް ވެއިޓިން ފޯ ޔޫ" އޭ އެވެ. ކުރިމަތީގައި ހުރި ފިހާރައިގެ ނަމަކީ "ވަރަށް ސަޅި" އެވެ. ދެ ފަރާތުން ވެސް އަހަންނާ ފްލާޓްކުރާ ކަހަލަ އެވެ.

ޖީބުން އައިފޯނު ނަގައިގެން އޭނާގެ ނަމްބަރަށް ގުޅާލީމެވެ. އިރުކޮޅެއް ނުވެ އޭނާ ދައްކާލައިފި އެވެ. ވިދައި ބަބުޅަނީ އެވެ. ގޯޅި ތެރެއިން ފަރި ހިނގުމެއްގައި އަހަންނާ ދިމާލަށް އައިއިރު ނެގި ފިޔަވަޅުތަކުން ކުރެހި ނިޝާންތަކާއި ނަލަ އިނގިލިތަކުން ބީހުނު ފާރު ވެސް ވިދައި ބަބުޅަނީ އެވެ.

ސައިކަލަށް އަރައި އޭނާ ހަމަޖެހިލުމާ އެކު ދުންޖަހާލާފައި ގޮސް އަހަރެމެން ދެ މީހުން ގެއްލިއްޖެ އެވެ.

ވެއިޓަރު އައިސް ރޯކޮށްލި އުއްބައްތީގެ އަލިން އަނެއްކާވެސް އޭނާގެ މޫނު ދިއްލިއްޖެ އެވެ. އަހަރެމެން ތިބީ ހަވާގަ އެވެ. ވިލާގަނޑެއްގެ ތެރޭގަ އެވެ. އެއީ ދޮގެކެވެ. އެތަނަށް ކިޔަނީ ހަވާ ރެސްޓޯރެންޓެވެ.

އަހަރެމެން ވީ ވަރަށް ވެސް ބޮޑު ދެ ނަސީބުވެރިންނަށެވެ. ނުވަތަ ދެ ލޯބިވެރިންނަށެވެ. އެމީހުންގެ ތިން ލައްކަ ވަނަ ކަސްޓަމަރުންގެ ޝަރަފް ލިބި މުޅި ބިލު ފްރީވީ އެވެ. ނުވަތަ އޯޑަރު ކުރި ކާ އެއްޗިއްސަށް ބަލައިނުލެވި އަހަރެމެން ދެ މީހުން އެކަކު އަނެކެއްގެ ލޮލަށް ގެއްލި، ހުއްޓި، ލޯބީގެ މެހެފިލެއްގައި ގަނޑުވެ، އަނގަހުޅުވިފައި ތިބި މަންޒަރު ފެނިގެން ހަވާ ރެސްޓޯރެންޓުން ލޯބިވެރިންގެ ޑިސްކައުންޓް ދިނީ ކަމަށް ވެސް ވެދާނެ އެވެ.

ގެއަށް ގޮސް ޖައްސާ ނުލެވެނީސް ފޯނަށް އައީ އޭނާގެ މެސެޖެކެވެ. އޭގައި އޮތީ ވަރަށް ލޯބިވާ ވާހަކަ އެވެ. މާދަމާ ރޭ ވެސް ބޭރަށް ދާން ޖެހޭނެ ވާހަކަ އެވެ.

އުއްމީދުކުރި ގޮތަކީ އެއީ އެވެ. އެކަމަކު އުއްމީދުކުރާ ގޮތަކަށް ނުވަތަ ގަބޫލުކޮށްގެން ހުންނަ ގޮތަކަށް ހުރިހާ ކަމެއް ނުހިނގާނެ ކަމާއި ނުނިމޭނެކަން ވެސް ގަބޫލުކުރަން ޖެހެ އެވެ. ހަޔާތުގެ ސަޕްރައިޒް ހުވަފެނަކަށް ވުރެ ބޮޑުވަނީ މި ސަބަބާ ހެދި އެވެ.

ހަގީގަތަކީ މިއީ އެވެ.

އަހަރެން ޖިންގަލްސްއަކަށް ނުދަމެވެ. އޭނާ ގްލެމްއަކަށް ވެސް ނުދެ އެވެ. އަހަރެން ޕޮމްޕެޑޯ ކަޓެއް ނުނަގަމެވެ. އޭނާ އަމުދަކުން ރެމޯނާ ކަޓެއް ވެސް ނުނަގަ އެވެ. އެއީ އަހަންނަށް ރީތިވި ގޮތެކެވެ. ބޭނުންވި ގޮތެވެ.

އަހަރެން ޗެޕްސްއަކަށް ނުދަމެވެ. އޭނާ ލޫސިޑަކަށް ވެސް ނުދެ އެވެ. ބޮހޭމިއަން ސްޓައިލްއަކީ ކޮބައިކަމެއް އަހަންނަކަށް އަމުދަކުން ނުވެސް އެނގެ އެވެ.

ފެންވަރައިގެން ނުކުމެ ރީތިވާން ބެލިއިރު އިސްތަށިގަނޑަށް މޮޅު ގޮތެއް ހަދާލެވޭ ވަރަކަށް ދަޅުގައި ކްރީމެއް ވެސް ނެތެވެ. އެކުގައި އުޅުނު ރޫމް މޭޓްގެ ޖެލް ދަޅު ގާތްގަނޑަކަށް ހުސްކޮށްލައިގެން އަތުގައި އޮތް އެންމެ އާ ޓީޝާޓާއި ޖީންސުލައިގެން އަގުހެޔޮ ބޮޑީ ސްޕްރޭއެއް ތަޅާލައިގެން ނުކުތީ އެވެ. ބޫޓަކަށް އަމުދަކުން މަށެއް ނުވެސް އަރަމެވެ. ބޫޓެއް ހުރެގެން ވެސްތާ އެވެ.

އަހަރެން އޭނާގެ ގެ ކައިރިއަށް ދިޔައީ ޖީއެން ސައިކަލެއްގައެއް ނޫނެވެ. އަހަރެން ދިޔައީ ހިނގާލާފަ އެވެ. ފޯނު ނަގައިގެން އޭނާއަކަށް ނުއެއް ގުޅަމެވެ. ނޮކިއާ ބައްތީގެ އެންމެ އަޕްގްރޭޑް ވާޝަނަކުން ކޮށްލީ މެސެޖެކެވެ. ފޯނުކޮށްގެން ވާހަކަ ދެއްކޭ ވަރަށް އޭގައި ކްރެޑިޓެއް ނެތީމަ އެވެ.

ފާރަށް ލެނގިލައިގެން، ފާރުގައި ފައެއް ވިއްދާލައިގެން މޭމަތިން ދެ އަތް ހުރަސްކޮށް ދެ ކިހިލިފަތްދޮށަށް ދެ އަތްތިލަ ޖަހާލައިގެން އަހަރެން ދެން މަޑުކޮށްލީ އެވެ. އިރުކޮޅެއް ނުވެ އޭނާ ދައްކާލައިފި އެވެ. އުއްމީދުކުރިވަރަށް ވުރެ މާ ބޮޑަށް ވެސް އޭނާ ރީއްޗެވެ. އެ ރީތިކަން މިކަހަލަ ކީބޯޑަކުން ކިޔައިދޭނެ ގޮތެއް އަހަންނަކަށް ނޭނގެ އެވެ.

"ހާއި"

އޭނާ އައިސް އަރައި ހަމަކޮށްލުމުން އަހަރެން ގޮވާލީމެވެ. ޖަވާބުގައި ނިކަން ނަލަނަލަގޮތަކަށް އޭނާ ހީލީ އެވެ. ދެން އަހަރެމެން ދެ މީހުން ހިނގައިގަތީ އެވެ.

"ކިހާ ހިސާބެއްގަތަ ސައިކަލް ޕާކުކޮށްގެން ތިއުޅެނީ؟،" ހިސާބަކަށް ގޮސްފައި ތުންދަމާލައިގެން އޭނާ މަޑުކޮށްލައިފި އެވެ.

"އަހަރެން ހީކުރީ ހިނގާފަ ދިއުމަކީ މާ ރޮމޭންޓިކް ކަމެއް ކަމަށް،" ސައިކަލެއް ނެތް ވާހަކަ ބުނަން ބޭނުން ނުވީ އެވެ.

އެހެންޏާ، ފުރަތަމަ ޑޭޓެވެ. މިހާރު ވެސް މި ކުއްޖަކު އެ އުޅެނީ ސައިކަލުގައި ނުގެންގޮސްގެންނެވެ. ދެފައި ވާޅުވެއްޖެއޭ ކިޔާފައި މިހާރު ވެސް އެހެރަ ޝަކުވާކުރަނީ އެވެ. މިވަރުން ދަނިކޮށް އަހަރެންގެ އަތުގައި ސައިކަލެއް ނުހުންނަކަން އެނގިއްޖެ ނަމަ އަދި ކިހާ ވަރެއް މީނަ އަރުވައިލާނެ ހެއްޔެވެ؟

ކޮންމެއަކަސް ހިނގަމުން ހިނގަމުން ގޮސް އެންމެފަހުން އަހަރެމެންނަށް ރެސްޓޯރެންޓަކާ ހަމަ އަށް ދެވިއްޖެ އެވެ. ސިންފަނީ ސޯލޯ އަށެވެ.

މާ ގިނަ ވާހަކަތަކެއް ނުދެކެވެ އެވެ. އޭނަ ފޫހިވެފައިހުރިހެން ހީވާތީ އަހަންނަކަށް މާ ގިނަ ވާހަކަތަކެއް ދައްކާކަށް ވެސް ނުކެރުނެވެ. އެންމެފަހުން ކާލައިގެން ގެއަށް ދިޔައީ އެވެ. މަހުގެ ބާކީ އޮތް ދުވަސްކޮޅަށް ސޭވްކޮށްލައިގެން އުޅުނު 500 ރުފިޔާގަނޑު ވެސް ހުސްވީ އެވެ.

ގެއަށް ގޮސް ޖައްސާލިތަނުން ފޯނަށް އައީ މެސެޖެކެވެ. އޭނާ އެވެ.

"ވޯސްޓް ޑޭޓް އެވާ."

މިއީ ހަގީގަތެވެ. އުއްމީދުކުރާ ގޮތަށް ނުވަތަ ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއް ނުވާނެ ކަމާއި ނުނިމޭނެކަން ގަބޫލުކުރަން ޖެހޭނެ އެވެ.

*** *** ***

އޭގެ ފަސް އަހަރު ފަހެވެ. ކައިވެނިކޮށްފީމެވެ. ދަރިއަކު ވެސް ލިބިއްޖެ އެވެ. އަންހެނުން ވަރަށް ލޯތްބެއެވެ. ލައިފް ވަރަށް ސަޅި އެވެ.

ލައިފް ކިހިނެއް ހެއްޔޭ މީހަކު ސުވާލުކޮށްފި ނަމަ އަބަދުވެސް ދެވޭ ސެޓް ޖަވާބަކަށް ވެފައި އޮތީ މި ޖަވާބެވެ. އެކަމަކު ހަގީގަތަކީ އަބަދުވެސް ހުވަފެނަކަށް ނުވަތަ ހިޔާލަކަށް ވުރެ ބޮޑު އެއްޗެކެވެ.

އުއްމީދުކުރި ގޮތަކީ މިއީ އެވެ.

އަހަރެމެން ދެ މީހުން ދިމާވީ ފޭސްބުކުންނެވެ. ފޭސްބުކުން ދިމާވެ ރައްޓެހިންނަށް ބަދަލުވެ އެހެން މީހުން ވެސް ލޯބިވެރިންނަށް ބަދަލުވާހެން ދެ ބިޓުންނަށް ބަދަލުވީ އެވެ.

ނޫނެކެވެ. ވަރަށް ވެސް ރޮމޭންޓިކެވެ. ދެ މީހުން އެކުގައި ފިލްމަށް ދިޔައީމެވެ. ކާން ދިޔައީމެވެ. އެކަކު އަނެކަކަށް ކައްކައި ދިނީމެވެ. ބީޗަށް ގޮސް ރެޑް މޫން ވެސް ބެލީމެވެ. ސެލްފީ ނަގައި އެއްކޮށް އެއިން ފޮތެއް ވެސް ހެދީމެވެ. އުފަން ދުވަސް ފާހަގަކޮށް ހަދިޔާ ވެސް ބަދަލުކުރީމެވެ. ދެ މީހުން ބައްދަލުވި ދުވަސް ކޮންމެ ހަފުތާއަކުން ފާހަގަކުރީމެވެ.

ދެ މީހުން ހިތާވި ދުވަސް ކޮންމެ މަހަކުން ފާހަގަކުރީމެވެ. ދެ މީހުން ރައްޓެހިވި ދުވަސް ކޮންމެ އަހަރަކު ފާހަގަކުރީމެވެ. – އިޓް ވޯޒް ރޮމޭންޓިކް! އޯކޭ!

އެންމެފަހުން ކައިވެނިކޮށްފީމެވެ. ދަރިއަކު ވެސް ލިބިއްޖެ އެވެ. އަންހެނުން ވަރަށް ލޯތްބެއެވެ. ލައިފް ވަރަށް ސަޅި އެވެ. – އުނޫޝާ ބުނާ ގޮތަށް ނަމަ، އޮބިނެޒް ޓު ދަ މެކްސް އެވެ.

އެއީ އަހަރެން ބޭނުންވި ގޮތެވެ. ކޮންމެ މީހަކު ނަމަވެސް ބޭނުންވާނެ ގޮތެވެ.

އެކަމަކު ހަގީގަތަކީ މިއީ އެވެ. ކައިވެންޏަކީ ކެއްސެކެވެ!

އަހަރެމެން ދެ މީހުން ކައިވެނިކުރީ ފުދޭވަރަކަށް އަވަހަށެވެ. ލަސްނުކޮށް އަވަހަށް މެރީކުރަން އޭނާ ބޭނުންވީ އެވެ. ގިނަ ދިވެހި އަންހެން ކުދިންގެ ވައްތަރަކީ އެއީ ކަމަށްވުމުން އޭނާ ވެސް ވީ އެ މިޒާޖުގެ އަންހެން ކުއްޖަކަށެވެ. އަހަރެން ޝަކުވާއެއް ނުކުރަމެވެ. އިނަސް އޭގައި މައްސަލައެއް ނެތް ކަމަށް ވިސްނުނީމަ އެވެ.

އެކަމަކު ކައިވެންޏެއްކުރީމަ ހުރިހާ ކަމެއް ފުރިހަމަވާނެ ކަމަށް ގަބޫލުކޮށްގެން އުޅުނު މީހަކާ އިނދެވުމުން ހީނުކުރާ ފަދަ ގޮތަކަށް ދިރިއުޅުމުގެ ނަތީޖާ ނުކުތީ އެވެ.

ހަގީގަތަކީ މިއީ އެވެ.

ހެނދުނު ހޭލައިގެން ދެ މީހުން ވެސް ގަޑިއަށް އޮފީހަށް ދާން ޖެހެ އެވެ. އަހަންނަށް ގަޑި ޖެހުނަސް އޯކޭ އެވެ. އޭނާ އަށް ގަޑި ޖެހިގެން ނުވާނެ އެވެ. އެހެންވީމަ އަހަރެމެން ސައިކަލެއް ގަތީ އެވެ. ސައިކަލެއް ހުރީމަ ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން އޭނާ ގޮވައިގެން އޮފީހަށް ގެންގޮސްދޭން ޖެހެ އެވެ. ހިނގާފައި އުޅެން ފޫހިވީ އެވެ. ފޫހިކޮށްލެވުނީ އެވެ.

އޮފީހުން ނިމޭއިރަށް ސައިކަލްގައި ބަލާ ދާން ޖެހެ އެވެ. ހިނގާލާފައި ނުވަތަ ރައްޓެއްސަކާ އެކު ކޮފީއަކަށް ދާން ބޭނުމެއް ނުވެ އެވެ. ކިތަންމެ ބިޒީކޮށް އަހަރެން އުޅުނަސް އަހަރެން ޖެހޭނީ ބުނާ ގަޑިއަކަށް އެ ބުނާ ތަނަކަށް ދާށެވެ. އެތަނަކަށް ގޮސް އޭނާގެ އިންތިޒާރުގައި އަހަރެން ބޭރުގައި ކިތަންމެ ގިނައިރަކު މަޑުކޮށްލައިގެން ހުންނަން ޖެހުނަސް އެކަން މައްސަލައަކަށް ނުވެ އެވެ. އޯކޭ އެވެ.

އެކަމަކު އޭނާ ބުނާ ގަޑިއަކަށް އެ ބުނާ ތަނަކަށް ނުދެވިއްޖެ ނަމަ އެ ދުވަހެއްގެ އުޑު ބޮލަށް ވެއްޓޭނެ އެވެ.

އުފަން ދުވަސް އައީމަ އަތުގައި ލާރިއެއް ނެތަސް ފާހަގަކުރަން ޖެހޭނެ އެވެ. ކުއްޔަށް އުޅޭ ކޮޓަރިގަނޑަށް މުސާރަ ހުސްކޮށްލައިގެން އުޅެން ޖެހުނަސް ރިސޯޓަށް ދާން ޖެހޭނެ އެވެ. ނުވަތަ އެންމެ އަގުބޮޑު ރެސްޓޯރެންޓަކުން ކޮންމެ މަހަކު ވެސް ކާން ޖެހޭނެ އެވެ. މިހެން ނަހަދާ ނަމަ ލޯބިނުވަނީ އެވެ. އަޅާނުލަނީ އެވެ.

މަޝްހޫރު މީހަކު ބުނެފައިވެ އެވެ. މޮޑާން ރިލޭޝަންޝިޕްސްގައި އެކްސްޕެކްޓޭޝަންސް މާ ގިނައީ އެވެ. އެއީ ވަރަށް ވެސް ބޮޑު ތެދެކެވެ.

*** *** ***

އަނެއްކާވެސް ފަސް އަހަރު ފަހެވެ. ލައިފް ކިހިނެތް ހެއްޔެވެ؟

ސިންގަލް އެވެ. ކެއާ ފްރީ އެވެ. ބޮލެއް ނުގޮވަ އެވެ. ނިކަން ސަޅި އެވެ.

ރައްޓެހި ގްރޫޕަކާ އެކު ގޮސް ވަނީ ސިޓްރޮން އަށެވެ. ކޮފީއަކަށެވެ. އޯޑަރު ދީފައި ރައްޓެހިންގެ ވާހަކަ އަށް އެނބުރި ގަތްތަނުން ފޯނަށް އައީ މެސެޖެކެވެ. އައި ފޯނު ނަގައި ހުޅުވައިލީމެވެ.

"މިހާރު ހާދަ ތަފާތޭ."

އެ މެސެޖުން ތުންފަތް މަތީގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ. އާވީ މާ ކުރީގެ ހަނދާންތަކެކެވެ.

ވަށައިގެން ބަލައި ހޯދައިލީމެވެ. ރީނދޫ ކުލައިގެން ހެދުމެއްގައި ހުރި އަންހެން ކުއްޖަކު އޭރު ތަންކޮޅެއް ދުރުން ހަނާ އަޅައި ގޮވާލި އެވެ. ވަރަށް ބޮހޭމިއަން އެވެ.

އެކުވެރިންތައް ދޫކޮށްލާފައި އަހަރެން އޭނާއާ ދިމާލަށް ހިނގައިގަތީމެވެ. (ނިމުނީ)