ބޭރު ކުޅިވަރު

ފްރާންސަށް ތަށި ލިބިއްޖެނަމަ ޖީރޫޑް ތުނބުޅި ކުލަކުރަނީ

ހުކުރު ދުވަހު ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތް އެ ގައުމަށް ކާމިޔާބު ކުރެވިއްޖެނަމަ އޭނާގެ ތުނބުޅި ޒީނަތްތެރިކުރާނީ ގައުމީ ކުލަތަކުން ކަމަށް ފްރާންސްގެ ފޯވަޑް އޮލީވިއާ ޖީރޫޑް ބުނެފި އެވެ.

ފްރާންސްގެ ނޫހަކަށް ވާހަކަ ދައްކަމުން ޖީރޫޑް ބުނީ މި ވައުދު ފުއްދަން ޔޫރޯ ނިމެންދެން ތުނބުޅި ކޮށާނުލައި ބަހައްޓާނެ ކަމަށެވެ.
"އަހަރެން ތުނބުޅި ބަހައްޓާނަން މުބާރާތް ނިމެންދެން. އަހަރުމެންނަށް ތަށި ލިބިއްޖެނަމަ އަހަރެން ތުނބުޅީގައި ގައުމީ ކުލަތައް ޖައްސާނަން،" އާސެނަލްގެ ފޯވަޑް ބުންޏެވެ.

ފްރާންސްގެ ދިދާގައިވާ ރަތާއި ހުދާއި ނޫ ކުލަ ތުނބުޅީގައި ޖައްސަން ޖީރޫޑް ތައްޔާރުވާއިރު ފްރާންސަށް ތަށި ހޯދައިދޭން ޓީމުގައި ހުރި އެންމެ އިސް އެއް ފޯވަޑަކީ ވެސް އޭނާ އެވެ.

"އަހަރެން މިހުރީ ތަށި ހޯދަން ވަރަށް ބޭނުންވެފައި. އަހަރުމެން ޓީމު މިދަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުން. އިރާދަކުރެއްވިއްޔާ އަހަރުމެން ތަށި ހޯދާނަން. ޓީމު އޮތީ ވަރަށް ރަނގަޅަށް،" އަމިއްލަ ގައުމުގައި ބާއްވާ މުބާރާތް ކާމިޔާބު ކުރުމުގެ އުއްމީދު ޖީރޫޑް އާކުރި އެވެ.

ފްރާންސް ވަނީ މިހާތަނަށް ދެ ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ 1984 އާއި 2000 ވަނަ އަހަރު އެވެ. މި އަހަރަކީ މި މުބާރާތް ފްރާންސްގައި ބާއްވާ ތިން ވަނަ އަހަރަށްވުމުން އަނެއްކާ ވެސް ތަށި އުފުލާލަން އެ ގައުމު ވަރަށް ބޮޑަށް އުއްމީދުކުރެ އެވެ. މި މައްސަކަތުގައި މިފަހަރު އެންމެ އިސްކޮށް ކޯޗަށް މިހުރީ 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ޓީމުގެ ކެޕްޓަން ޑިޑިއޭ ޑެޝޯން އެވެ.