ބޭރު ކުޅިވަރު

ފްރާންސް ޓީމަށް އުނދަގޫ ނުކުރަން އޮލާންޑޭ އެދިވަޑައިގެންފި

އަންނަ ހުކުރު ދުވަހު ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ފްރާންސްގެ ޓީމަށް އެއްވެސް އުނދަގުލެއް ނުކުރަން ރައީސް ފްރެންސްވާ އޮލާންޑޭ ގޮވާލައިފި އެވެ.

އޭނާ މިފަދައިން އެދިވަޑައިގަތީ ޓީމު ކުޅުންތެރިންނާއެކު އިއްޔެގެ މެންދުރު ފަހު ބޭއްވި ފްރިއްކޮޅަށް ފަހު އެވެ.

"އެމީހުންނަކީ ފްރާންސްގެ ޓީމު. އެމީހުން އެންމެން ތަމްސީލު އެކުރަނީ ފްރާންސް. ތަމްސީލު އެކުރަނީ މުބާރާތް ބާއްވާ ގައުމު. އަހަރެން އެމީހުންނަށް ބުނަން އޮތީ ކުޅުންތެރިންނާއި ކޯޗާއި އެފްއޭގެ ރައީސަށް އަހަރެންގެ އިތުބާރު އޮތް ވާހަކަ،" ރައީސް ވިދާޅުވި އެވެ.

"އެމީހުން ދައްކާނީ ހަމައެކަނި އެމީހުންގެ އެންމެ މަތީ ކުޅުމެއް ނޫން. އެމީހުންގެ ވާޖިބެއް ގައުމު ތަމްސީލު ކުރުމަކީ ވެސް. އެމީހުން ހާއްސަވާންޖެހޭނީ މުބާރާތަށް. އެމީހުންނަށް އުނދަގޫވާނެ އެއްވެސް ކަމެއް އެއްވެސް މީހަކު ކޮށްގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

އޮލާންޑޭ ވަނީ ފަރިއްކޮޅަށް ފަހު ޓީމާ ބައްދަލުކުރުމުގެ ތެރޭގައި ލޯރަންޓް ކޮޝިއެލްނީއާ ވަކިން ވެސް ވާހަކަ ދައްކަވާފަ އެވެ.

އާސެނަލްގެ ކޮޝިއެލްނީ އަކީ ފްރާންސްގެ ޓޫލޭ އަށް އުފަން ކުޅުންތެރިއެކެވެ. އެ ސިޓީގެ މޭޔަރުކަން އޮލާންޑޭ ވަނީ 2001 އިން 2008 އަށް ކުރައްވާފަ އެވެ.

ފްރާންސް ވަނީ މިހާތަނަށް ދެ ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ 1984 އާއި 2000 ވަނަ އަހަރު އެވެ. މި އަހަރަކީ މި މުބާރާތް ފްރާންސްގައި ބާއްވާ ތިން ވަނަ އަހަރަށްވުމުން އަނެއްކާ ވެސް ތަށި އުފުލާލަން އެ ގައުމު ވަރަށް ބޮޑަށް އުއްމީދުކުރެ އެވެ. މި މައްސަކަތުގައި މިފަހަރު އެންމެ އިސްކޮށް ކޯޗަށް މިހުރީ 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ޓީމުގެ ކެޕްޓަން ޑިޑިއޭ ޑެޝޯން އެވެ.