މާވެލްގެ ސުޕަހީރޯ، ސްޕައިޑާ-މޭން މި އޮތްހާ ދުވަހު ބޮޑު ސްކްރީނަށް އައީ ސޮނީ ޕިކްޗާސްގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް ސްޕައިޑާ-މޭން މި ގޮތަށް ކޮންޓްރޯލްކުރުން ސޮނީން ދޫކޮށްލުމުން މާވެލް ސްޓޫޑިއޯސްގެ "އެވެންޖާސް" ފިލްމު ސިލްސިލާ އިން އަޔަން މޭން އާއި ކެޕްޓަން އެމެރިކާ އަދި ތޯރު ފަދަ ސުޕަހީރޯންނާ އެކު ސްޕައިޑާ-މޭން ފެނުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
ސޮނީން ސްޕައިޑާ-މޭންގެ ފުލް ކޮންޓްރޯލް ދޫކޮށްލަން ނިންމީ މި ސިލްސިލާގެ އެންމެ ފަހު ފިލްމާ އެކު ބޮކްސް އޮފީހުގައި މިދިޔަ އަހަރު އެދެވޭ ވިޔަފާރިއެއް ނުކުރެވުމުންނެވެ. މިއަދުގެ ސިނަމާގައި އެންމެ ވިޔަފާރި ރަނގަޅީ ސީދާ މާވެލް އިން އުފައްދާ ފިލްމުތަކެވެ.
އެހެންވީމަ އެމީހުންގެ "އެވެންޖާސް" ގެ މެމްބަރެއްގެ ގޮތުގައި ސްޕައިޑާ-މޭން ފެނިގެން ދިއުމުގެ ފުރުސަތު ވަރަށް ވެސް ބޮޑެވެ. މީގެ އިތުރުން "އަޔަން މޭން" ފިލްމު ސިލްސިލާ އާއި "ތޯރު" އަދި "ކެޕްޓަން އެމެރިކާ" ގެ ސިލްސިލާ އިން ވެސް ސްޕައިޑާ-މޭން ފެނުމުގެ ފުރުސަތު ބޮޑެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސްޕައިޑާ-މޭން އެންމެ އަވަހަށް ވެސް ދެން ބެލުންތެރިންނާ ބައްދަލުކުރާނީ އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" އިންނެވެ. މި ފިލްމުގެ ކޮމިކް ފޮތުގައި ވެސް ސްޕައިޑާ-މޭން އުޅެ އެވެ.
މި ފިލްމަށް ފަހު ސީދާ މާވެލް ސްޓޫޑިއޯގެ ބެލުމުގެ ދަށުން ސްޕައިޑާ-މޭން އޭގެ ސޯލޯ ފިލްމަކާ އެކު އެނބުރި އައުމަށް ހަމަޖެހިފައި ވަނީ 2017 ވަނަ އަހަރު އެވެ.
ސްޕައިޑާ-މޭން އެންމެފަހުން މާވެލްގެ ފުރާޅުގެ ދަށަށް އަލުން ދިއުމަކީ ޔަގީނަށް ވެސް މި ސުޕަހީރޯގެ ފޭނުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. މާވެލްގެ ފިލްމުތަކުގައި ސްޕައިޑާ-މޭން ހިމެނުމަށް އެދި ފޭނުން ގޮވަމުން އަންނަތާ މިހާރު އެތައް ދުވަހެކެވެ.
ނަމަވެސް މާވެލްގެ ފިލްމުތަކުން ސްޕައިޑާ-މޭން އަށް މީގެ ކުރިން ފުރުސަތު ލިބިފައި ނުވަނީ މި ކެރެކްޓާ ބޭނުންކޮށްގެން ފިލްމު އުފެއްދުމުގެ ރައިޓްސް ސޮނީން 1999 ވަނަ އަހަރުން ފެށިގެން އަމިއްލަކޮށްފައި އޮތީމަ އެވެ. ސޮނީން ސްޕައިޑާ-މޭންގެ ފިލްމު ރައިޓްސް ގަނެފައި ވަނީ ހަތް މިލިއަން ޑޮލަރަށެވެ.
ބޮޑު ސްކްރީނަށް ސޮނީން އެންމެ ފުރަތަމަ ގެނައި ސްޕައިޑާ މޭންގެ ޑައިރެކްޓަރަކީ ސޭމް ރެއިމީ އެވެ. އެ ފިލްމު ޓްރިލޮޖީގައި ސްޕައިޑާ-މޭންގެ ރޯލު ކުޅެފައި ވަނީ އެކްޓަރު ޓޮބީ މެގްއާ އެވެ.
އެއަށް ފަހު މިހާރު މި ރޯލު ކުޅެމުން އަންނަނީ އިނގިރޭސި އެކްޓަރު، އެންޑްރޫ ގާފީލްޑް އެވެ.
ސޮނީން އެންމެފަހުން ސްޕައިޑާ-މޭން މާވެލް އަށް ދޫކޮށްލާފައިވާއިރު މިފަހުން ސޮނީ ހެކްކޮށް ދިން ގެއްލުމުގެ އަސަރު ވެސް މި ނިންމުމުގައި ބޮޑު ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.