ޓްރެފިކް މައްސަލަތައް

ރޯދައާ ގުޅިގެން މާލޭގެ ޓްރެފިކަށް ބޮޑެތި ބަދަލު ގެނެސްފި

ރޯދަ މަހު މާލޭ މަގުތައް ބާރު ބޮޑުވެ ހަވީރުހެ ވަގުތުގައި ބުރުޖަހަން ނުކުންނަ ފަރާތްތަކަށް ވެސް ފަސޭހަވާނެ ގޮތަކަށް ޓްރެފިކް ބޭއްވުމަށް މާލޭގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެއްސި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ފުލުހުންގެ ޓްރެފިކް ޑިޕާންޓްމަންޓުގެ ފަރާތުން އިންސްޕެކްޓާ މުހައްމަދު ޒުހާން މިއަދު ވިދާޅުވީ ރޯދަ މަހު ހަވީރުގެ ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން ފިނި ބުރުޖެހުމަށް ގިނަ އަދަދެއްގެ މީހުން ނުކުންނާނެތީ އެކަމަށް ހައްލެއް ހޯދަން ޓްރެފިކަށް ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ.

އަދި ވިދާޅުވީ އެގޮތުން ޓްރެފިކް ފްލޯ އެއްގޮތަކަށް ބެހެއްޓުމަށް ބޮޑުތަކުރުފާން މަގު އައިފާން ބިލްޑިންއާ ހަމައިން ޓަސްކަލޫސާއާ ހިސާބަށް ވަންވޭއެއް ގޮތުގައި ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. އަދި ފިނި ބުރު ޖަހަން ނުކުންނަ ފަރާތްތައް ބޮޑުތަކުރުފާނު މަގު ބޭނުން ކުރާ އިރު އިރުން ހުޅަނގަށް ދަތުރު ކުރަން އެދޭ ކަމަށެވެ.

މީގެ އިތުރުން ރަސްފަންނު ސަރަހައްދު ބަންދުކޮށްފައިވާތީ ދުއްވާ ފަރާތްތަކަށް ފަސޭހަ ކުރުމަށް ޓަކައި ހަވީރު 4:00 އިން ފެށިގެން އިރުއިއްސި 6:30 އަށް ކަނބަާއައިސަރަނި ހިނގުމުގެ، ތާޖުއްދީން ސްކޫލުން ފެށިގެން މަޖީދީ މަގަށް ޓޫވޭ ކުރަން ވަނީ ނިންމާފަ އެވެ.

"ބުރުޖަހަން ނިކުންނަ ފަރާތްތަކުން ކަންބާއައިސާރަނި މަގުން ނކުންނަ ހަތަރު ފުރޮޅުލީ ފަރާތްތައް މަޖީދީ މަގުން އިރަށް ދިއުމަކީ ވަރަށް ބޮޑު އެދުމެއް. އެހެން ނޫނީ ކަނބާއައިސަ ރަނި ހިނގުމުން އިރުތަށް ގޮސް ބޮޑުތަކުރުފާނު މަގަށް ގޮއްސިއާ ބާޒާރު މަތިން އެމީހުން ޖެހޭނީ ދެކުނަށް ވަންނަން،" ޒުހާން ވިދާޅުވި އެވެ.

ޒުހާން ވިދާޅުވީ ބޮޑުތަކުރުފާނު މަގު އެމްއެމްއޭ އިން ފެށިގެން މީރު ބަންދަރާއި ހިސާބަށް ބައެއް ގޯޅިތައް ބަންދުކޮށް ޓްރެފިކް ފުލުހުން ބަލެހެއްޓުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އަދި އެ ތަންތަން ބަންދު ކުރާނީ ކޮންމެ ދުވަހަކު މެންދުރު ފަހު 1:30 އިން ފެށިގެން އިރުއޮއްސި 6:30 އަށް ކަމަށެވެ. އެ ސަރަހައްދުގައި ޓްރެފިކް ބާރު ބޮޑުވުމުގެ ސަބަބުން ވެހިކަލް މަޑުކޮށްގެން މުދާ އަރުވާ ބޭލުން ވަނީ މަނާކޮށްފަ އެވެ.

"އެސަރަހައްދުގައި މަސައްކަތް ކުރާ ފަރާތްތައް އެކަމަށް ސަމާލުކާން ދީގެން ހެނދުނާއި ރޭގަނޑު މުދާ އަރުވައި ބޭލުމުގެ މަސައްކަތް ކުރަން އިލްތިމާސް ކުރަން. އަދި އެސަރަހައްދަުތަކުގައި ކާރުބާރު ބޮޑުވާނަމަ އެސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ވެސް ވަކި ހިސާބަކުން މަގަށް ނުވަދެވޭ ގޮތައް ބަނދު ކުރާނެ ވާހަކަވެސް ދަންނަވަން،" ޒުހާން ވިދާޅުވި އެވެ.