ލައިފްސްޓައިލް

މާގްރީޓާ ފޯރެސް: އޭޝިއާގެ އެންމެ މޮޅު އަންހެން ކައްކާ

Jun 7, 2016

"ފާއިތުވެގެން މިދިޔަ 30 އަހަރުގައި އަޅުގަނޑު އަބަދުވެސް އަމިއްލަ ނަފުސަށް ދިން ނަސޭހަތަކީ، އަޅުގަނޑުގެ އަސްލާއި އަޅުގަނޑުގެ މަސައްކަތް ފެށުނު ގޮތް ދުވަހަކު ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް. އަޅުގަނޑުގެ މި މަސައްކަތް ފެށީ އިޓަލީގައި،" މާ ކުރީގެ ހަނދާނަކުން ކާމިޔާބީގެ ސިއްރު ކިޔައިދެމުން، އިނގިރޭސި ވިލާތުގެ މަޖައްލާ، ރެސްޓޯރަންޓް އަށް ދިން އިންޓަވިއުއެއްގައި މާގްރީޓާ ފޯރެސް ބުނެފައިވަނީ މިހެންނެވެ.

ފިލިޕީންސް އަށް ނިސްބަތްވާ، ފޯރެސް އަކީ "ރެސްޓޯރަންޓް" މަޖައްލާ އިން އެކުލަވައިލާ "ދަ ވޯލްޑްސް 50 ބެސްޓް ރެސްޓޯރަންޓްސް" ލިސްޓްގެ މި އަހަރުގެ، އޭޝިއާގެ އެންމެ މޮޅު އަންހެން ކައްކާ އެވެ. މި ޝަރަފް ލިބުމުން އެ ހަގީގަތް ގަބޫލުކުރަން ދަތިވެފައި ހުރެ އޭނާ ބުނެފައި ވަނީ އިހްސާސްކުރެވެނީ "މިސް ޔުނިވާސް" އަކަށް ހޮވިގެން އުޅޭހެން ކަމަށެވެ.
"އަޅުގަނޑަކީ އަބަދުވެސް މިހުރިހާ މަޝްހޫރު ކައްކާއިންގެ ރައްޓެއްސަކަށްވާން އުޅުނު މީހެއް. އެމީހުންގެ ފޭންއެއް. އެހެންވީމަ އެންމެ މޮޅު އަންހެން ކައްކާ އަށް ހޮވުމަކީ ގަބޫލުކުރަން ވެސް އުދަނގޫ ކަމެއް."

ފަހަރެއްގައި މި ހަގީގަތަށް ގަބޫލުކުރަން ފޯރެސް އަށް އުނދަގޫވީ އެނާގެ މި އާދަޔާހިލާފު ދަތުރެއްގައި އުފުލަން ޖެހުނު ބުރައާއި މި ކާމިޔާބީ އަށް ވާސިލުވުމަށް ފެށި އުނދަގޫ ދަތުރުގެ ސަބަބުންނެވެ. އަނެއްކޮޅުން ފޯރެސް އަކީ ކެއްކުމުގެ އެއްވެސް ރަސްމީ ހުނަރެއް މިކަމުގެ ތަޖުރިބާކާރު ސްކޫލަކުން ނުވަތަ ބައެއްގެ ފަރާތުން ދަސްކޮށް ތަމްރީން ލިބިފައިވާ މީހެއް ވެސް ނޫނެވެ.
އޭނާ ކިޔެވީ އެކައުންޓިންއެވެ. ކިޔަވައިގެންވީ އެކައުންޓެންޓަކަށެވެ. ނަމަވެސް ކެއްކުން ވެފައި އޮތީ އަބަދުވެސް އޭނާގެ އެންމެ ބޮޑު ޕެޝަން އަށެވެ.

އެގޮތުން މި ހުވަފެން ހަގީގަތަށް ހެދުމުގެ ދަތުރުގައި އޭނާގެ ދިރިއުޅުން އެއްކޮށް ބަދަލުކޮށްލީ ކުޑައިރު އިޓަލީގައި ހޭދަކުރި ދުވަސްތަކުގައި އޭނާއާ ބައްދަލުވި ދެ މީހުންނެވެ. އެއަށް ފަހު އިޓަލީ އިން އެނބުރި ފިލިޕީންސް އަށް ބަދަލުވެ، ފިލިޕީންސްގެ ސުފުރާމަތި އެއްކޮށް ބަދަލުކޮށް ކެއްކުމާއި ކެއުމުގެ ވައްޓަފާޅި އަށް އިންގިލާބެއް ގެނައީ އެވެ.

ފޯރެސް އަކީ ފިލިޕީންސްގައި އިޓަލީގެ ކެއުންތައް މަޝްހޫރުކޮށް ފިލިޕީންސްގެ ރަހަތަކާ އެކު އެ ކެއުމަށް އިންގިލާބެއް ގެނެސްފައިވާ ނަމެކެވެ. ފިލިޕީންސްގެ ވެރިރަށ މެނީލީގައި އޭނާ ހިންގާ މަޝްހޫރު ރެސްޓޯރަންޓް، ޗީބޯއަކީ އޭގެ އެންމެ ވަރުގަދަ މިސާލެވެ.

އެންމެ ފުރަތަމަ މަންމަ އަތުން ލޯނެއް ނަގައިގެން ރެސްޓޯރަންޓް ވިޔަފާރި ފެށި ފޯރެސްގެ ނަމުގައި މިހާރު 8 ރެސްޓޯރަންޓް އެބަހުއްޓެވެ.

"ދަ ވޯލްޑްސް 50 ބެސްޓް ރެސްޓޯރަންޓްސް" ލިސްޓްގެ އެކުލަވާލައި އެންމެ މޮޅެތި ކައްކާއިން ހޮވަނީ ތަޖުރިބާކާރުންގެ ޓީމަކުންނެވެ. މި ވޯޓްގައި ރެސްޓޯރަންޓް އިންޑަސްޓްރީގެ 300 އަށް ވުރެ ގިނަ ތަޖުރިބާކާރުން ވޯޓް ދެ އެވެ. އޭގެ ތެރޭގައި ކައްކާއިންނާއި ރެސްޓޯރަންޓް ހިންގާ ފަރާތްތަކާއި ރެސްޓޯރަންޓް އެކްސްޕާޓުން އަދި ކެއުމުގެ ތަޖުރިބާކާރުން ހިމެނެ އެވެ.
ފޯރެސް އަކީ މިދިޔަ އަހަރު ބޭއްވި އޭޝިއާ ޕެސިފިކް އޮކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ގެ ރަސްމީ ފަރިއްކޮޅު ތައްޔާރުކުރުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވި ކައްކާ އެވެ.