ބޭރު ކުޅިވަރު

ސްޕޭނުގެ އަމާޒަކީ ހެޓްރިކް ހެދުން: ކޯޗު

ސްޕޭނުގެ އަމާޒަކީ ޖެހިޖެހިގެން ތިން ވަނަ ފަހަރަކު ޔޫރޯ ކާމިޔާބު ކުރުން ކަމަށްވާ އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަން ޓީމުން ބުނެފި އެވެ.

ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ބުނީ އޭނާގެ ޓީމު އޮތީ 2012 ވަނަ އަހަރު ތަށި ދިފާއުކުރި ވެސް އޮތް ހާލަތުގައި ކަމަށާއި ތަށި ހޯދަން ކުޅުންތެރިން ބޭނުންވާ ކަމަށެވެ.

2012 ވަނަ އަހަރުގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕޭނަށް ކާމިޔާބުކޮށްދިން ކޯޗު ބުނީ އެންމެ ފަހުގެ ވޯލްޑް ކަޕުން ސްޕޭން ހިތްދަތި ގޮތަކަށް ބަލިވެފައިވާތީވެ އެ ނަތީޖާއިން ކުޅުންތެރިން ފިލާވަޅު ލިބިގަތް ކަމަށެވެ.

"ކޮންމެ ކާމިޔާބީ އަކީ އިތުރު ކާމިޔާބީ ހޯދަން ލިބޭ ގެރެންޓީއެއްނޫން. އެކަމަކު ކޮންމެ ނާކާމިޔާބީއަކުން އެތައް ބައިވަރު ފިލާވަޅުތަކެއް ލިބިދޭ. އަހަރުމެން ވަނީ ވޯލްޑް ކަޕުގެ ހިތި ނަތީޖާއިން އެކަން ތަޖުރިބާކޮށްފައި. އަހަރުމެން ހަގީގަތުގައި ބަލިވީ މާބޮޑަށް ޔަގީންކަން ބޮޑުވެގެން. އެއީ އެއްވެސް މީހެއްގެ ސަބަބުންވީ ކަމެއްނޫން. އެއީ ކުޅިވަރުގައި ދިމާވާ ކަމެއް،" ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ބުންޏެވެ.

ޔޫރޯ ދެ ފަހަރު އަދި ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގެ ވަރަށް ގިނަ ކުޅުންތެރިން ނެތި ޒުވާން ޓީމަކާއެކު ސްޕޭން މި ފަހަރުގެ މުބާރާތަށް ނުކުންނައިރު އެއީ ހޮޓް ފެވަރިޓުންނެއްނޫނެވެ. ނަމަވެސް ޑެލްބޮސްކޭ ބުނީ އެންމެ މުހިންމު ކަމަކީ ކަމެއް ހާސިލްކުރަން އުއްމީދާއެކު މަސައްކަތް ކުރުން ކަމަށެވެ.

"އަހަރުމެން މިދިޔަ އަހަރުތަކުގައި ބަލިވީ އަހަރުމެންނަށްވުރެ ދަނޑުމަތީގައި ރަނގަޅަށް ކުޅުނު މޮޅު ޓީމުތައް އަތުން. އަހަރުމެން އެކަން ގަބޫލުކުރަން. މި ޓީމު މިފަހަރު މުބާރާތަށް މިދަނީ ތަށި ހޯދަން. ހެޓްރިކް ހަދަން އަހަރުމެން ބޭނުންވޭ،" ޑެލްބޮސްކޭ ބުންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސްޕޭން ނުކުންނާނީ ހޮނިހިރު ދުވަހު ޗެކް ރިޕަބްލިކާ ދެކޮޅަށެވެ. އޭގެ ފަހުން ކުޅޭނީ ތުރުކީ އާއި ކްރޮއޭޝިޔާއާ އެވެ.