ބާސެލޯނާ އާއި ބްރެޒިލްގެ ފުޓްބޯޅަ ތަރި، ނޭމާ ޖޫނިއާ ވެސް އެންމެފަހުން ހޮލީވުޑަށް ތައާރަފްވަނީ އެވެ. އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ވިން ޑީޒެލްގެ ވަރުގަދަ އެކްޝަން ފިލްމު "ޓްރިޕްލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖު" އިން ނޭމާ ވެސް ފެނިގެންދާނެކަން މި ވަނީ ޔަގީންވެފަ އެވެ.
ވިން ޑީޒެލްއާ އެކު މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާ މި ފިލްމުގައި ނޭމާ ފެނިގެންދާނީ ހާއްސަ ފެނިލުމަކުންނެވެ. އެ މަންޒަރު މިހާރު ޝޫޓްކޮށް ނިންމާފައިވާއިރު ނޭމާގެ އެކްޓިން ހުނަރަށް ޑީޒެލް ވަނީ ނިކަން ބޮޑަށް ތައުރީފުކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ ނޭމާ އަކީ ގުދުރަތީގޮތުން ވެސް އެކްޓްކުރުމުގެ ހުނަރު ލިބިފައިވާ ފަރާތެއް ކަމަށާއި ކޮންމެހެން މާ ބޮޑު ޓްރެއިނިންއެއް ބޭނުމެއް ނުވާ ކަމަށެވެ.
"ޑިސްޓާބިއާ" އާއި "އައި އޭމް ނަމްބާ ފޯ" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ޑީ. ޖޭ ކަރޫސޯ ޑައިރެކްޓްކުރާ "ޓްރިޕްލް އެކްސް" ގެ އާ ފިލްމަކީ 2002 ވަނަ އަހަރު ގެނެސްދިން "ޓްރިޕްލް އެކްސް" އާއި 2005 ވަނަ އަހަރު ގެނެސްދިން "ޓްރިޕްލް އެކްސް: ސްޓޭޓް އޮފް ދަ ޔޫނިއަން" ގެ ސީކުއެލް އެކެވެ.
މި ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.
ޓްރިޕްލް އެކްސްގެ ގޮތުގައި ވިން ޑީޒެލް އެނބުރި އަންނައިރު އޭނާއާ ދެކޮޅަށް ފިލްމުގައި ނުކުންނަނީ ހޮންގް ކޮންގްގެ މަޝްހޫރު އެކްޓަރު ޗައިނީސް މާޝަލް އާޓިސްޓް ޑޮނީ ޔެން އެވެ. މީގެ އިތުރުން "އޮންގް ބަކް" ފިލްމުތަކުން ވިދާލި ތައިލެންޑްގެ އެކްޓަރު އަދި މާޝަލް އާޓިސްޓް ޓޯނީ ޖާ ވެސް ފިލްމުން ފެނިގެންދާނެ އެވެ.
"ވެމްޕަޔާ ޑައިރީސް" އިން މަޝްހޫރުކަން ހޯދި ނެއިނާ ޑޮބްރޯވް އާއި ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯންގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު މޫނު ސެމިއުލް އެލް ޖެކްސަން ވެސް ފިލްމުގެ މެއިން ކާސްޓްގައި ހިމެނެ އެވެ.
އެޗްބީއޯގެ މަޝްހޫރު ޑްރާމާ "ގޭމް އޮފް ތްރޯންސް" ގައި ސޭންޑޯ ދަ ހައުންޑްގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ރޯރީ މެކްކެއިން ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.