މި އަހަރުގެ ރޯދަ މަހުގައި ރިކޯޑްތަކެއް ފެނިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. އަނެއްކޮޅުން އެންމެ ހޫނުގަދަ ރޯދަ މަހަކަށް ވެސް މިފަހަރު ވެދާނެ އެވެ. ހޫނު މޫސުމުގެ ތެރެއަށް ރޯދަ މަހުގެ ދުވަސްތައް ވަދެގެންދާތީ އެވެ.
ރޯދަ މަހަށް އިސްލާމީ ދުނިޔެ މަރުހަބާ ކިޔާފައިވާއިރު މި ބަލައިލަނީ މި އަހަރުގެ ރޯދަ މަހުގައި އެންމެ ގިނަ އިރު ރޯދަށް ތިބެން ޖެހޭ ގައުމުތަކަށާއި ރޯދަ އަށް ތިބެން ޖެހޭ ވަގުތު އެންމެ ކުޑަ ގައުމުތަކަށެވެ. އެގޮތަށް ބަލާއިރު މި ލިސްޓެއްގެ އެންމެ ކުރީގައި އޮތީ ޑެންމާކެވެ.
ޖުމްލަ ގޮތެއްގައި މުޅި ޔޫރަޕްގައި ވެސް، ދުނިޔޭގެ އެހެން ހިސާބުތަކާ އަޅާބަލާއިރު ގިނައިރުތަކެއްވަންދެން ރޯދަ އަށް ތިބެން ޖެހޭނެ އެވެ. އެގޮތުން ޑެންމާކުގައި އެގައުމުގެ މުސްލިމުން 21 ގަޑިއިރު ރޯދަ އަށް ތިބޭއިރު އެ ސަރަހައްދުގެ ނޯވޭ އާއި ސްވިޑެން ފަދަ ގައުމުތަކުގައި ރޯދަ ވީއްލުމަކަށް ދެވޭނީ 20 ގަޑިއިރު ފަހުންނެވެ.
އިނގިރޭސި ވިލާތުގައި މި އަހަރު ރޯދަ އަށް ތިބޭ މުސްލިމުންގެ ރޯދައިގެ ވަގުތު 16 ގަޑިއިރާއި 19 ގަޑިއިރުގެ ވަގުތަކަށް ދިގު ދެމިގެންދާއިރު މިއީ ފާއިތުވި 33 އަހަރަށް ބަލާއިރު އިނގިރޭސި ވިލާތުގައި މިހާ ގިނަ ވަގުތު އެގައުމުގެ މުސްލިމުން ރޯދައަށް ތިބޭނެ ފުރަތަމަ ފަހަރެވެ. އެއީ ހޫނު މޫސުމް ބޯމަތިވުމުގެ ސަބަބުންނެވެ.
އެންމެ "ކުރު ރޯދަ" ހިފާނެ ބަޔަކަށް ތިބީ އާޖެންޓީނާގައި ތިބި މުސްލިމުންނެވެ. އެމީހުން ރޯދަ އަށް ތިބޭނީ ނުވަ ގަޑިއިރާއި 30 މިނެޓަށެވެ.
އެމެރިކާގައި ގާތްގަނޑަކަށް 18 ގަޑިއިރަށް ރޯދަ އަށް ތިބެން ޖެހޭއިރު ކެނެޑާގައި ނަމަ 19 ގަޑިއިރު ހޭދަކުރަން ޖެހެ އެވެ.
ސައޫދީ އަރަބިއްޔާގައި 15 ގަޑިއިރެވެ. އެފްރިކާގެ ގިނަ ގައުމުތަކުގައި 14 ގަޑިއިރެވެ.
މި ސަރަހައްދަށް ބަލާއިރު އިންޑިއާގައި ރޯދަ އަށް ތިބެން ޖެހޭ ވަގުތަކީ 14 ގަޑިއިރާއި 30 މިނެޓެވެ. ޕާކިސްތާނުގައި 15 ނުވަތަ 16 ގަޑިއިރަށެވެ.
އެކި ގައުމުތަކުގައި ރޯދަ އަށް ތިބޭ ގަޑި އަށް މިފަދަ ބަދަލުތަކެއް އަންނަނީ އިރުއަރާ އަދި އޮއްސޭ ގަޑިތައް ތަފާތުވުމުންނެވެ. މިއީ ލެޓިޓިއުޑް އަދި ލޯންގިޓިއުޑްއާ ގުޅިގެން އަންނަ ބަދަލެކެވެ.