ވާހަކަ

ނުނިޔަތް

އެއް ހާސް ނުވަދިހަ ފަސް ދުވަސްވީ އެވެ. އެއީ ތިން އަހަރެވެ. ހުސޭނުގެ މަތިން ހަނދާން ނުވާ ނުވަތަ އޭނާގެ ހަނދާން އާ ނުވާ ދުވަހެއް ފާއިތުވެ ނުދެ އެވެ. ފޮނިމަލާއި ހުވަނދު މައު އެއްކޮށް، ގަތައިގެން ގެނެސްދިން މާފަތިތަކުން ދިން ހިތްގައިމު ވަހަށް ހިތްނޭދޭ ދުވަހެއް ފާއިތުވެ ނުދެ އެވެ. ފެންވަރައިގެން ނުކުންނައިރު، ތެޅިގަލުގެ އުވަ ފާރުގައި ހަރުކޮށްފައި ހުންނަ ލޯގަނޑުގައި ކޮންމެ ދުވަހަކު ވެސް އޭގެ މާގަނޑެއް އަޅުވާފައި އޮންނާނެ އެވެ.

ދެން އެންމެ ހަނދާންވަނީ ދެ މީހުން އެކުގައި ބަދިގެ އަށް ވަދެ ކައްކަން އުޅޭ ގޮތެވެ. ކާ އެއްޗެހި ތައްޔާރުކޮށް ނިމިގެން މެންދުރުގެ ކެއުމަށް އަބަދުވެސް ފަނި ތައްޔާރުކުރާނީ އޭނާ އެވެ. ލުނބޯ ފަންޏެވެ. ޝަރާބެއް ކަހަލަ ބުއިމެކެވެ.

ދެ މީހުން އެކުގައި ހޭދަކުރި އެންމެ ފަހު ދުވަހަކީ ވެސް އެކަހަލަ ދުވަހެކެވެ. ޝަރާބުން ކަރު ތެންމައި ކަރުވަޅުގެ ޝަރާބުން ބަނޑުފުރާލައިގެން ގޮސް ކެތި ނަކަތުގެ ފިނި ދުވަހެއްގައި އޭނާ ގެއްލުނީ އެވެ.

ބޮއްކުރާއެއްގައި މަހަށް ނުކުތް ހުސޭނަށް އެ ދުވަހު ވީގޮތް އެނގޭ އިންސާނަކު މިދުނިޔެއަކު ނެތެވެ.

ބޮޑުއަށީގެ އަރާމުގައި މާ ކުރީގެ ހަނދާންތަކެއްގެ ތެރެއަށް ގެނބެމުން ދަނިކޮށް ދަމައި ގެނެސް މި ދުނިޔެ އަށް އަލުން ލޯ ހުޅުވުނީ ގޭމެދުއޮޅިއަށް ދެމިފައި އަންހެނަކު ރޮއިގަތް އަޑަށެވެ.

"އެމީހުން ފެނިއްޖެއޭ، މާތް ރަސްކަލާނގެ އަށް ޝުކުރުހުއްޓޭ" ކިޔާފައި "ﷲ އަކްބަރު" ގޮވަމުން އެ މީހަކު ދެން ދުއްވައިގަތީ އަތިރިމައްޗަށެވެ.

ތެތްކަމާއި ރޯކަން ފިލައިގެން ގޮސްފައި އޮތް ފޮނިމަލާއި ހުވަނދު މަލުގެ މާގަނޑު އަތުން ދޫވެގެން ވެއްޓިއްޖެ އެވެ. ފުންމައިގެން ތެދުވެ، ކަނޑިކި ލިބާސް ކޮށިކުރަމުން އަހަންނަށް ވެސް ދުއްވައިގަނެވުނީ ރޮއި ހޭރެމުންދިޔަ އަންހެން މީހާގެ ފަހަތުންނެވެ.

ހޭޅިފަށަށް އެއްވެފައި ތިބި މީހުން ފެނި ހިތުގެ ތެޅުން ކުރިއަށް ވުރެ ބާރުވި އެވެ. ގޮނޑުދޮށަށް އެހެލާފައި އޮތް ބޮއްކުރާ ފެންނަ ހިސާބަށް ދެވުނުއިރު ދެ ފައި ފިނިވެ މުޅި މީހާ ތުރުތުރުއަޅަން ފަށައިފި އެވެ. ރޯނުފުރައިފައިވާ އަށިގަނޑެއްގައި އޮތް މީހަކު މީހުންގެ ތެރެއިން ދައްކާލުމާ އެކު ހެޔަށްގޮތްވާހެން ހީވެ ދެ ކަކޫ މައްޗަށް ތިރިވެއްޖެ އެވެ.

ލޮނު ހިކި ކުލަ ބަދަލުވެފައިވާ ބޮލާއި ތުނބުޅި ދިގުވެ، އަވިން އަނދައި ސިފަ ހުތުރުވެފައިވާ އެ މީހާ އަހަންނާ ދިމާލަށް ހަނާއަޅަމުން ދިޔަ ކަހަލަ އެވެ. އެކަމަކު އެ މާހައުލުގެ އެއްވެސް އަޑެއް އަދި އިހްސާސެއް އޭރަކު އަހަންނަކަށް ނުކުރެވެ އެވެ. އެކަމަކު އެއީ މަގޭ ހުސޭނު ނޫންކަން ކަށަވަރެވެ.

*** *** ***

ތިން އަހަރާއި ހަ މަސް ފާއިތުވެގެން ދިޔައީ އެވެ. ރަށުގައި ދެބައޮޑުވާ މީހުން އެންމެ ފުރަތަމަ ބުނީ އެހެން އަންހެނަކާ ހިތާވެގެން ހުސޭނު ފިލައިގެން ގޮސް އެ އަންހެނެއްގެ އުނގަށް ވެއްޓުނީ ކަމަށެވެ. އަހަރެން ކަހަލަ ނުބައި އަންހެނަކާ އެކު އުޅެން ބޭނުންނުވެގެން އޭނާ ރައްކާވީ ކަމަށެވެ.

ނަމަވެސް އޭނާގެ ބޮއްކުރާ އާއި އޭނާއާ އެކު އެ ދުވަހު މަހަށް ނުކުތް ޒުވާނާ ކަނޑުމަތިން ހޮވައިގެން ގެނައި ހިސާބުން މީހުންގެ ވާހަކަ އާއި ރާގު އެއްކޮށް ބަދަލުވެއްޖެ އެވެ. އެ ޒުވާނާ ކަނޑުން ހޮވީ ބަބުރުކަރައިގެ ބަނޑުއޮޑިއެއްގެ ފަޅުވެރިންތަކެކެވެ. އެއަށް ފަހު ދިވެހި ނާލުބައްތެއްޔަކާ އޭނާ ހަވާލުކުރީ އެވެ.

އެއީ ރުއްޖެހިގޭ އާދަނެވެ. ހުސޭނުގެ އަމިއްލަ ދަރިއެއްހެން އެކުގައި ގެންގުޅުނު ވިއްސަކަށް އަހަރުގެ ޒުވާނެކެވެ.

ކަނޑުވިތާ ތިން އަހަރު ފަހުން އެނބުރި އައިއިރު ބޮލާއި ތުނބުޅި ދިގުވެގެން އޭނާގެ ސިފަ އަށް ބަދަލުތަކެއް އައިސްފައި ހުރި ނަމަވެސް އޭނާ ހުރީ ގަދަފަދަކޮށެވެ. ބަބުރުކަރައިގެ ބޯޓަށް އޭނާ ނެގިއިރު ވެސް ހުރީ ގަދަވެ ސަލާމަތުން ކަމަށް އެ ބޯޓްގެ ފަޅުވެރިންނާ ހަވާލީ ނާލުބައްތެލީގެ އޮޑިވެރިން ބުނެފައިވެ އެވެ.

އެހެންކަމުން ރުއްޖެހިގޭ އާދަނަށް ދެއްކެވި މުއުޖިޒާތާއި އެ ރަހުމަތެއްގައި މަގޭ ހުސޭނު ލައްވައިނުލި ގޮތެއް ބަލަން އެންމެން ވެސް ޝައުގުވެރިވެއްޖެ އެވެ. އާދަނު ސަލާމަތްވިއިރު ހުސޭނު ސަލާމަތްނުވި ސަބަބެއް ވެސް އޮންނަން ޖެހޭނެ ނޫން ހެއްޔެވެ؟ މާތް ރަސްކަލާނގެ އާދަނު ސަލާމަތްކޮށް، ހުސޭނު ކަނޑުވާން ދޫކޮށްލި ސަބަބަކީ ކޮބައިތޯ ބަލަން އަހަރެންގެ ހިތް ވެސް ދިޔައީ ތެޅެމުންނެވެ.

ކަނޑުމަތީގައި ތިންސަތޭކަ އެތައް ދުވަހެއްވީއިރު އާދަނު އެ މުސީބާތުން އަރައިގަތް ގޮތާއި ވަރުދޫނުވެ، ކުރިއަށް ވުރެ ބިޔަ ހަށިގަނޑަކާ އެކު އެނބުރި އައިގޮތުގެ ސިއްރަށް ރަށުގެ ކުދިބޮޑު އެންމެން ވެސް ތިބީ ނިކަން ޝައުގުވެރިވެފަ އެވެ. އާދަނު ސަލާމަތްވެ، މަގޭ ހުސޭނު ސަލާމަތްނުވި ހާލަތު ގަބޫލުކުރަން ބޭނުންނުވި ބަޔަކު ހަގީގަތް ހޯދުމަށް އާދަނުގެ ގައިގައި ތަޅައިގަތުމަށް ވެސް ރޭވި އެވެ.

އެކަމަކު ބޯ ކޮށާލައިގެން ތުނބުޅި ކޮށައި އޮމާންކޮށްލައިގެން ރަށު ތެރެއަށް ނުކުތް އާދަނުގެ ރީތިކަމާއި ހިތްވަރު ފެނިފައި ވަރަށް ގިނަ ހިތްތަކެއް އެ ދިމާލަށް ލެނބި، މަޑުވީ އެވެ.

ގަބޫލުކުރަން ކިތަންމެ ބޭނުންނުވިޔަސް، ޚުދު އަހަރެން ވެސް ހުރީ އާދަނުގެ ރީތިކަމަށާއި އޭނާ ކިޔައިދިން ވާހަކަ އަށް ގެއްލި އާޝޯހުވެފަ އެވެ. ކަނޑުވެ ގެއްލިގެން އުޅެނީ އަމިއްލަ ފިރިމީހާ ކަމުގެ އިހްސާސެއް ރަނގަޅަކަށް އޭރަކު ނުކުރެވެޔޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ހުސޭނަށް ވީގޮތް އާދަނު ކިޔައިދިނީ އަހަރެންނާ ވަކިން ބައްދަލުކޮށެވެ. އޭނާ ދައުވަތު ދިނީ ރަށުގެ ކާނި ވަލަށެވެ. ކިޔައި ދިނީ ވިލާގަނޑެއްގެ ވާހަކަ އެވެ.

"އަހަރެން ވަރަށް މަސައްކަތްކުރިން. . . ،" އެ ހިސާބަށް ދެވުނުތަނުން އޭނަ ފެންކަޅިވެ ބަޑިފަޅައިގެން ހިނގައްޖެ އެވެ.

ހުސޭނު ސަލާމަތްނުވެ ކަނޑަށް ވެއްޓި ގެއްލުނީކަން ޔަގީންވި ހިސާބުން އަހަރެންގެ ލޮލުން ވެސް ކަރުނަ ފާއްދައިލައިފި އެވެ. އެވަގުތު ކުއްލިއަކަށް އައިސް އާދަނު އަހަރެންގެ ގައިގައި ބައްދައިގަތެވެ. އެންމެ ފުރަތަމަ ބިރުގަނެ ސިހުނީ އެވެ.

އެކަމަކު އެއީ އޯގާތެރިކަމެއް ކަމަށް ބަލައި މަޑުމަޑުން ގެންގޮސް އަހަރެންގެ ދެ އަތް ވެސް އޭނާގެ ގައިގައި ވަށައިލީ އެވެ. ކިތަންމެ ބިޔަކޮށް ބޮޑުކޮށް ހުއްޓަސް އާދަނަކީ އަހަންނަށް ވުރެ ދިހަ އަހަރު ހަގު ކުއްޖެކެވެ. ކޮއްކޮއެއްގެ ނަޒަރުން ނޫން އެހެން އެއްވެސް ލޮލަކުން އަހަރެން އޭނާއަކާ ދިމާލަށް ނުބަލަމެވެ. އަހަރެން ހީކުރީ އޭނާ ވެސް ދެކުނީ އެގޮތަށް ކަމަށެވެ.

އެކަމަކު އެހެނެއް ނުވި އެވެ. އާދަނުވީ ހީކުރި ވަރަށް ވުރެ ސިއްރުތައް ގިނަ، މަކަރުވެރި ހިތެއްގެ ވެރިޔަކަށެވެ.

އަހަރެން ދެކެ ލޯބިވާ ވާހަކަ އޭނާ ބުނި ދުވަހު އަހަންނަށް ހުރެވުނު ދުނިޔެއެއް ވެސް ނޭނގެ އެވެ. ފައިދަށުން ބިންގަނޑު ދަމައިގެން ގޮސް ހުރިތަނަށް ގަނޑުވީ އެވެ.

އެއަށް ފަހު އަހަންނަށް ވިސްނުނީ ހަމަ ބުއްދި ފިލައިދާން ކައިރިވެފައި ހުރި މީހަކަށް ވިސްނޭނެ އެންމެ ނުބައި ގޮތަށެވެ. -- އާދަނު މަގޭ ހުސޭނު މަރާލީ އެވެ. އެކަމަކު ހެޔޮ ވިސްނުން ދެއްވިއިރު އަހަންނަށް ވެސް އާދަނާ އެކު އެންމެ ނުބައި ފާފައަށް އަރައިގަނެވިއްޖެ އެވެ.

އަޑުގެ ކޮޅަށް ރޮއި އަމިއްލަ ނަފުސަށް އަނިޔާކުރުން ނޫން ކަމެއް ނުކުރެވުނެވެ. އޭރު އަހަރެންގެ ފުރާނައަށާއި ހިތަށް ކަށިޖަހަމުން ދިޔައީ މާ ކުރީގެ ހަނދާންތަކެކެވެ. އަހަރެން ގިފިއްޔަށް ވަންނަ ގަޑިތަކުގައި، ޖެހިގެން ހުންނަ ދޮންރުކަކަށް އަރައި އާދަނު އޮންނަ ސަބަބާއި ހުސޭނު ގޭގައި ނޫޅޭ ގަޑިތައް ބަލައި ގެއަށް އައިސް މައްލަވަކޮށް އުޅުނު ހަގީގީ ސަބަބަކީ ކޮބައިކަން ވިސްނުނީ އެ ހިޔާލުތަކެއް ބޮލު ތެރެއަށް ފޭދިގަތް ހިސާބުންނެވެ.

ފަހަރެއްގައި އެހުރިހާ ކަމެއް އެއްވެސް ކަމަކަށް ނަހަދައި ހުރެވުނީ ކޮއްކޮއެއް ނުވަތަ އަހަރެމެންގެ އަމިއްލަ ދަރިއެއްގެ ގޮތުގައި އާދަނު ބަލައިގަނެ ހިތުން ޖާގަ ދެވިފައި އޮތީމަ ކަމަށް ވެސް ވެދާނެ އެވެ.

*** *** ***

"ހީކުރި ވަރަކަށް މޫސުމް ގޯހެއް ނޫނެއް ނޫން. އެހެން ނޫނަސް މަސްވެރިކަން ވަރަށް ރަނގަޅުވާނެ މިވަރަށް އޮތީމަ،" އާދަނު މިހެން ބުންޏަސް ހުސޭނު ހުރީ ބޮއްކުރާގައި ކޮންމެހެން މަހަށް ދާ ހިޔާލެއްގައެއް ނޫނެވެ. އޭނާގެ ބޮލުތެރޭގައި އެނބުރެމުން ދިޔައީ މުޅިން އެހެން ހިޔާލުތަކެކެވެ.

އެކަމަކު އާދަނު ބުނެކިޔާ ވަރުން ނުގޮސްފި ނަމަ އޭނާގެ ހިތުގައި ޖެހިދާނެ ކަމަށް ބަލައި ހުސޭނު އެންމެފަހުން އޭނާއާ އެކު ބޮއްކުރާގައި ކަނޑަށް ނުކުތީ އެވެ. އިރުއޮއްސުމުގެ ކުރިން އެނބުރި އައުމަށް އެއްބަސްވެގެންނެވެ.

ނަމަވެސް އެ ދަތުރުވީ ހީކުރިހާ ފަސޭހަ އަދި ކަނޑައެޅިވަރުގެ ކުރު ދަތުރަކަށް ވެސް ނޫނެވެ. ދައްކަން ބޭނުންނުވެފައި ހުރި ވާހަކައެއް ހިތާ ދެކޮޅަށް ނަމަވެސް ހުސޭނަށް ފަށައިގަނެވުނީމަ އެވެ.

އެ ވާހަކައެއް ކަންފަތުގައި ޖެހުމުން އާދަނުގެ ގައިން ދިޔައީ ހީބިހިނަގައިގެންނެވެ. އާދަނު ހީކުރީ އޭނާގެ ހިތްއޮތްގޮތް އެނގޭ މީހަކު ނެތް ކަމަށެވެ. ނަމަވެސް ތެދުވެރި އިހްލާސްތެރި ފިރިއަކު އޭނާގެ އަނބިމީހާގެ ސަލާމަތާއި ރައްކާތެރި ކަމަށް ބަލާނެ މިންވަރާއި އެމީހުންގެ ލޯތްބަށް ހިޔަންޏެއް އެޅިދާނެ ފަދަ ކަމަކަށް ވިސްނާނެ މިންވަރު އާދަނުގެ ޅަސިކުނޑިއަށް ވިސްނިފައި ނެތުމަކީ އޭނާގެ ލޭ ކެކިއަރައިގަތް އެއް ސަބަބެވެ.

އެ ވާހަކައެއް ޒުވާބަކަށް ބަދަލުނުވަނީސް އާދަނު ފުންމައިގެން ގޮސް ހުސޭނަށް ހަމަލާ ދީ އޭނާގެ ދުވަސް ދުއްވައިލީ އެވެ. ނަސޭހަތެއްގެ ރާގުގައި ހުސޭނުގެ އެ ވާހަކައެއް ފެށި ހިސާބުން އަތަށް ހެޔޮވަރުކޮށް ފުރަގަހުގައި ފޮރުވައިގެން ހުރި މަސްވަޅި ގޮސް ހަރާލީ ހުސޭނުގެ މެއަށެވެ.

ހަޅޭ ލައްވައިގަންނާނެ ފުރުސަތެއް ވެސް ހުސޭނަކަށް ނުލިބުނެވެ. އަނގަހުޅުވި ދެ ލޯ ބޮޑުވެފައި އޮތީ އެވެ. ދަރިއެއްހެން އާދަނު އެކުގައި ގެންގުޅުނު ހުސޭނުގެ ފުރާނަ ޖަހައިގަތުމަށް ފަހު އެ ހަށިގަނޑަށް ބަލަހައްޓައިގެން އޭނާ އަށް އިނދެވުނު އިރެއްވެސް ނޭނގެ އެވެ. ފަހަރެއްގައި ކުރެވުނު ކަމުގެ މޮޔަ ހިތަށް އަރައި އާދަނު މޮޔަވީ އެވެ.

ފުން ހިޔާލުތަކެއްގެ ތެރެއަށް ގެއްލިފައި ވަނިކޮށް ކަޅުބޯ ވިލާގަނޑެއްގެ ތެރެއަށް އާދަނުމެންގެ ބޮއްކުރާ ދަމައިގެން ދިޔައީ އެވެ. ދެ ތިން ދުވަސް ފަހުން މޫސުމް ނަލަވެ ވަށައިގެން އޮތް މާހައުލު ފެންނަވަރުވީއިރު ބޮއްކުރާ އޮތީ ކޮން ހިސާބެއްގައި ކަމެއް އެނގޭ ވަރެއް ނޫނެވެ.

އޭރު ވެސް ހުސޭނުގެ ގަބުރު އާދަނާ ޖެހިގެން އޮތެވެ. ހަފުތާއެއްވީއިރު އެ ގަބުރުން މަސް ކޮށައިގެން އާދަނު ކާން ފަށައިފި އެވެ.

މި ހުވަފެނަކުން ހޭލެވުނު އިރު އާދަނު އޮތީ ދާހިއްލާފޯވެފަ އެވެ. މުޅި މީހާ ތުރުތުރުއަޅަމުން ދަނީ އެވެ. އޭރު އަންހެނެއްގެ ރުއިމުގެ އަޑު ހިސާބަކަށް އިވެމުންދެ އެވެ. ގަޑިން މެންދަމުން އަނބުރާ ތިނެއް ޖަހަނީ އެވެ.

ގިފިއްޔަށް ވަދެ މޫނު ދޮވެލައިގެން ގޮސް އާދަނު ވަނީ އޭނާގެ ގޯތި ތެރޭގައި ހަރުގެއެއްގެ ގޮތުގައި ހަދާފައި ހުރި ކުޑަ ޖިފުޓިއަކަށެވެ. ބިގަރެއްގެ އަލިކަމުގައި އޭނާ ދެން ހުޅުވާލީ ބިންގަރާހެއްގެ ދޮރެވެ. އެއަށް ފަހު ތިރިއަށް ފޭބުމަށް ހަދާފައިވާ ސިޑިން އެތެރެއަށް ފޭބީ އެވެ. އެއީ އޭނާ ނިދާ ކޮޓަރިއަކަށް ވުރެ ބޮޑުކޮށް ބިމު އަޑީގައި ނިކަން ވަރުގަދަ އަށް ހަދާފައި ހުރި ކޮޓަރިއެކެވެ.

މާ ދުރުން އޭރު އިވުނު އަންހެން މީހާގެ ހަޅޭކުގެ އަޑު މިހާރު އިވެނީ ވަރަށް ގަދަކޮށެވެ. އެއީ ހުސޭނުގެ އަންހެނުން ވަފިއްޔާ އެވެ. އޮރިޔާންކޮށް ދަގަނޑު އެނދެއްގައި ބަނދެފައި އެއޮތީ އޭނާ އެވެ.

ވަފިއްޔާ ގެއްލުނުތާ މިހާރު އަހަރު ވަނީ އެވެ. އޭނާ އަށް ވީގޮތެއް ރަށުގެ މީހުންނަކަށް ވެސް ނޭނގެ އެވެ. އޭނާ އާއި އާދަނާ ދެމެދު އޮތީ ކިހާ ވަރެއްގެ ކޮން ކަހަލަ ގުޅުމެއް ކަމެއް ވެސް އެނގޭ މީހަކު ނެތެވެ. ގިނަ މީހުން ގަބޫލުކޮށްގެން ތިބީ ރަށުން ފުރި ނާލުބައްތެއްޔެއްގައި އޭނާ ފުރައިގެން ދިޔައީ ކަމަށެވެ. (ނިމުނީ)