އޮފްބީޓް

މަސްޖިދުލް ހަރަމުގައި ނަމާދަށް ހުއްޓާ ލޮލުގެ ފެނުން އަނބުރާ ލިބުނު މީހާ!

އޭނާގެ ނަމަކީ ތާރިޤް ތައުބާ އެވެ. މިސްރު މީހެކެވެ. އޭނާ އަކީ ލޮލުގެ ފެނުން ގެއްލިފައިވާ މީހެކެވެ. މަސްޖިދުލް ހަރާމުގައި ﷲ އަށް އަޅުކަން ކުރަން ތިބި ލޮލުގެ ފެނުން ގެއްލިފައިވާ މީހުންނަށް ލޮލުގެ ފެނުން އަނބުރާ ލިބިފައިވާ ކަމުގެ ހަބަރުތައް އޭނާއަށް ވަނީ ލިބިފަ އެވެ. އުމުރުން 60 ވަރަކަށް އަހަރުވެފައިވާ ތާރިޤް އަށްވެސް މަސްޖިދުލް ހަރާމުގައި ތަރާވީހު ނަމާދުކުރަން ހުއްޓާ ވަނީ ލޮލުގެ ފެނުން އަނބުރާ ލިބިފަ އެވެ. އޭނާ އަށް ލޮލުގެ ފެނުން އަނބުރާ ލިބުނީ ސަޖިދައިގައި އޮއްވަ ކަމަށްވެ އެވެ. ތާރިޤް އަށް ލޮލުގެ ފެނުން އަނބުރާ ލިބުނީ މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހެވެ.

ތާރިޤް އަށް ލޮލުގެ ފެނުން ލިބިގެންދިޔަ މަންޒަރު ފެންނަ ވީޑިއޯ އެއް މިހާރުވަނީ ވަރަށް ބޮޑަށް ވައިރަލް ވެފަ އެވެ. އެ ވީޑިއޯގައި ފެންނަނީ ތާރިޤް އަށް ލޮލުގެ ފެނުން ލިބުނު ހިނދު ﷲ އަށް ހަމްދު ކުރުމަށްފަހު އޭނާ އަށް އުފަލުން ރޮވޭ މަންޒަރެވެ. އަދި އޭނާގެ ކައިރީގައި ހުރި އެހެން މީހަކު ﷲ އަކްބަރު ތަކުރާރުކޮށް ކިޔަމުންދާ އަޑު އިވެ އެވެ.

އެންމެ ފަހުން މިފަދަ ވާހަކައެއް އާންމުވެގެން ދިޔައީ މީގެ ދެ އަހަރެއް ވަރު ކުރިންނެވެ. އެއީ އުމުރުން 70 ވަރަކަށް އަހަރުގެ ޓިއުނޭޝިއާ އަންހެނަކު މަސްޖިދުލް ހަރާމުގައި ނަމާދުކުރަން ހުއްޓާ ލޮލުގެ ފެނުން އަނބުރާ ލިބުނު ވާހަކަ އެކެވެ.