ދުނިޔެ

އެންމެ ގިނަ ރެކޯޑް ހަދާފައިވާ މީހާ!

ދުނިޔޭގައި އެންމެ ގިނަ ރެކޯޑު ހަދާފައިވާ މީހާއަކީ ކާކު ހެއްޔެވެ؟ އަޝްރިތާ ފުރްމަން (ކެއިތު ފުރްމަން) އަކީ ދުނިޔޭގެ އެންމެ ގިނަ ރެކޯޑު ހަދާފައިވާ މީހާ އެވެ. އޭނާ އުފަންވެފައި ވަނީ 1954 ވަނަ އަހަރު އެވެ.

ގިނެސް ވޯލްޑް ރެކޯޑް ފޮތް އަލަށް ނެރުމުގެ މަދު ދުވަސްކޮޅެއް ފަހުން އޭނާ އުފަންވެފައިވުމަކީ ރެކޯޑު ހެދުމަށް އޭނާގެ ހިތުގައި ޝައުގުވެރިކަން އުފެދުނު ސަބަބަކަށް ވެދާނެ ކަމަށް އަޝްރިތާ ބުނެ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރާއި ހަމައަށް އޭނަ 600 އަށްވުރެ ގިނަ ރެކޯޑު ހަދާފައި ވެއެވެ. އަދި 1979 ވަނަ އަހަރު ފުރަތަމަ ރެކޯޑް ހަދާފައިވާ އަޝްރިތާ މިއަދާ ހަމައަށް އޭނާގެ ރެކޯޑުތަކުގެ ތެރެއިން 226 ރެކޯޑު ވަނީ ދިފާއުކޮށްފަ އެވެ. އަދި އޭނާއަށް ގެއްލުނު ރެކޯޑްތައް އަލުން ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ބުނެ އެވެ.

އަޝްރިތާގެ ފުރަތަމަ ރެކޯޑެއްގެ ގޮތުގައި 27،000 ޖަމްޕިންގް ޖެކްސް ހެދިއެވެ. ކަސްރަތެއްގެ ގޮތުގައި ފުމެމުން ހަދާ ޖަމްޕިންގް ޖެކްސް ހަދާފައިވާ މީހަކަށް އޭގެ ވިއްސަކަށް ހަރަކާތް ގެނައުމަކީ ވެސް ފަސޭހަ ކަމެއް ނޫންކަން އިހުސާސް ކުރެވިފަ ވާނެ އެވެ.

އަޝްރިތާ ވެސް ފުރަތަމަ އެ ރެކޯޑު ހެދުމުގައި ވަނީ ފެއިލް ވެފަ އެވެ. ނަމަވެސް އިތުރު ހިތްވަރަކާއި އަޒުމާއެކު ހެދި ތަމްރީނުތަކަށް ފަހު އޭނާ ވަނީ އެކަން ކާމިޔާބު ކޮށްފަ އެވެ.

އޭގެ ފަހުން އެކި ކަހަލަ ރެކޯޑުތައް ގާއިމް ކުރަމުން މުޅި ދުނިޔެ ވަށައިގެން އޭނަ ދަތުރުކުރި އެވެ. އޭނަ ހާސިލްކޮށްފައިވާ ބައެއް ރެކޯޑުތަކުގެ ތެރޭގައި ޕޯގޯ ސްޓިކްއެއްގައި ފުމެމުން ފަރުބަދައަށް އެރުން، އެންމެ ގިނަ އަދަދަކަށް ދުލުން އަލިފާން ޓޯޗު ނިއްވުން، ހޫލާ-ހޫޕް އަނބުރަމުން ފަސް މޭލުގެ ރާސްތާއަކަށް ހުއްޓައިނުލާ ހިނގުން އަދި ދުނިޔޭގެ އެންމެ ބޮޑު ހޫލާ-ހޫޕް އެނބުރުމާއި 12 މޭލަށް ބުރު އުކަމުން ދިއުން ފަދަ ހެއްވާ ކަނތައްތަކެއްގެ އިތުރުން ނުރައްކާތެރި ކަންތައްތައް ވެސް ހިމެނެ އެވެ.

އަޝްރިތާ ހަދާފައިވާ ނުރައްކާތެރި ރެކޯޑުތަކުގެ ތެރޭގައި ކަނޑުއަޑީގައި ބަޑިން ޖަހާ ދުނި ހިފުން، މިނިކާ ވަގެއް ގޮވައިގެން 35 މިނެޓް ތެރޭ ތިން މޭލަށް ސްކިޕް ކުރުމާއި ދަތްދޮޅީގައި އެކި ކަހަލަ ތަކެތި ބެލެންސްކުރުން -- އޭގެ ތެރޭގައި ކަރަންޓު ކީސް އަދި ވިނަ ކޮށަން ބޭނުންކުރާ މެޝިން ފަދަ ނުރައްކާތެރި ތަކެތި ހިމެނޭއިރު މަތިމައްޗަށް ޖަހާފައިވާ ޓްރެފިކް ކޯންއާއި ޕޫލް ޓޭބަލްގެ ކިއު ދަނޑިއާއި ބަރިއަކަށް ޖަހާފަ ހުރި ކުދި ބިއްލޫރި ތައްޓާއި ބައިސްކަލު ފަދަ ތަކެތި ވެސް ހިމެނެ އެވެ.

މީގެ އިތުރުން ވެސް އެތައް ބައިވަރު ރެކޯޑެއް ހަދާފައިވާ އަޝްރިތާ އެންމެ ފަހުރުވެރިވާނެ ކަމަށް ބެލެވެނީ ދުނިޔޭގެ އެންމެ ގިނަ ރެކޯޑު ހެދި މީހާގެ ރެކޯޑު ހާސިލްކޮށްފައިވުމެވެ.