ފުވައްމުލަކުގެ ކަރަންޓްގެ މައްސަލައަށް މިހާރު ވަގުތީ ހައްލެއް ގެނެވި، މުޅި ރަށަށް ކަރަންޓްދީ އެ ރަށުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ އެ ކުންފުނިން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ފުވައްމުލަކުގެ އިންޖީނު ގޭގެ ޓްރާންފޯމަރަކަށް އަޅާފައިވާ އެޗްވީ ކޭބަލަކަށް ގެއްލުންވެ، އެއިން ހިދުމަތް ދެމުން ދިޔަ އެ ރަށުގެ ދަޑިމަގާއި ދިގުވާޑާއި ހޯދަޑުގެ ބައެއް ސަރަހައްދުތަކުން ރެއިން ފެށިގެން ކަރަންޓް ކެނޑުނު ނަމަވެސް މިހާރު ވަގުތީ ހައްލެއް ހޯދައި މުޅި ރަށަށް ކަރަންޓް ދޫކޮށްފައިވާ ކަމަށެވެ.
ފެނަކައިން ބުނީ ގެއްލުންވެ ހަލާކުވި ސައިޒްގެ އެޗްވީ ކޭބަލަކީ ރާއްޖެއިން ލިބޭ ސައިޒެއް ނޫން ކަމަށާއި ފުވައްމުލަކަށް ބޭނުންވާ އެ ކޭބަލް ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މިދިއަ ދެއަހަރުގެ ތެރޭގައި ފުވައްމުލަކުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް އެއް މެގަ ވޯޓްގެ ދެ އިންޖީނާއި ހަތަރު ޖެންސެޓްގެ ސިންކްރޮނައިޒް ޕެނަލް ބޯޑަކާއި ހަތަރު ޓްރާންސްފޯމާ ހޯދާ ހަވާލުކޮށްފައިވާއިރު ފުވައްމުލަކުގެ ކަރަންޓްވިއުގަ އަޕްގްރޭޑް ކުރުމުގެ ގޮތުން އިތުރު ޓްރާންފޯމާތައް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފެނަކައިން ބުންޏެވެ.