ލައިފްސްޓައިލް

މި މޭވާތައް ކާލާ! ޑީ-ހައިޑްރޭޓް ވުމުން ދުރުވާނެ

ރޯދަމަސް ފެށުނީ އެވެ. މިއަދު ތިން ވަނަ ރޯދައަށް ހުރި އިރު އެއްވެސް ވަރަކަށް ޑީހައިޑްރޭޓްވުމުގެ މައްސަލަ އާ ކުރިމަތިވި ހެއްޔެވެ؟ ފަހަރުގައި ބޮޑެތި މީހުންނަށްވުރެ ބޮޑަށް މި މައްސަލަ ދިމާވަނީ ކުޑަކުދިންނަށެވެ. އެހެން ވީމަ މިކަމަށް ހައްލެއް ހޯދަން އެބަޖެހޭ ނޫން ހެއްޔެވެ؟ ޑީހައިޑްރޭޓް ވެޔޭ ކިޔާފައި ކޮންމެ ދުވަހަކު ރޯދަ ދޫކޮށެއް ނުލެވޭނެ ނޫން ހެއްޔެވެ؟ އަސްލު ޑީހައިޑްރޭޓް މިވަނީ ބޭނުންވާ ވަރަށް ހަށިގަނޑަށް ފެން ނުލިބޭތީ އެވެ. އެކަމަކު ރޯދަމަހު ދުވާލަކު އެއޮންނަ ވަރަށް އަށް ތަށި ފެން ދުވާލަކު ނުބޮވޭނެ އެވެ. އެކަމަކުވެސް ހައްލު އެބައޮތެވެ. މި މޭވާތައް ބޭނުން ކުރާށެވެ. ބޮޑަށް ރަނގަޅީ ޖޫސް ގިރައިގެން ބޭނުންކުރުމެވެ. ހުހަށްވެސް ކެވިދާނެ އެވެ. ޑީހައިޑްރޭޓްވުމުގެ މައްސަލައަށް ވައްސަލާމް ކިޔާލަންވީ އެވެ.

ކަރާގެ ހައިޑްރޭޝަން ރޭޓު 92 ގައި، އޮރެންޖްގައި 87 ޕަސަންޓް

އެހެން ވީމަ ކާންވީ ކަރައެއް ނޫން ހެއްޔެވެ. އެކަމަކު ކަރާ ބޮޑަށް ރަނގަޅީ ޖޫސް ގިރައިގެން ބޭނުންކުރުމެވެ. އޭގައި ހިމެނޭ މެގްނީޝިއަމް، ކެލްޝިއަމް އަދި ޕޮޓޭޝިއަމް އަކީ ހައްތަހާވެސް ޑީހައިޑްރޭޓް ވުމުން ދުރުކޮށްދޭ މާއްދާތަކެވެ. އަދި ބުނަން ހެއްޔެވެ. ހައިޑްރޭޓް ކޮށްލުމަށް ފެނަށްވުރެ ބޮޑަށް ރަނގަޅީވެސް ކަރާ އެވެ. ކަރާގައި ޖޫސް ގިރާލާށެވެ. ކުދި ކޮށް ކޮށާލާފައި އައިސް ކިއުބު ކޮޅަކާއި އަދި ދިޔާހަކުރު ކޮޅެއް އަޅާލައިގެން ނިކަން ރަނގަޅަށް ގިރާލުމުން ތިއޮށް ތައްޔާޜުވީ އެވެ. ރޯދަ ވީއްލާ ގަޑީގައި ބޯލުމަށް ހަމަ އެންމެ ރަނގަޅެވެ. ރަހަވެސް މީރެވެ.

ދެން މިއޮތޯ އޮރެންޖެވެ. އެހާ ގިނައިން ފެން ހުރެފައި އަނެއްކާ މިއީ ވިޓަމިން ސީ އިން މުއްސަނދިވެ ފައްކާވެފައިވާ މޭވާ އެކެވެ. އެހެންވީމަ ކާންވީ މިއެވެ. ޗޮކްލެޓް ޑްރިންކްސް ގެ ތެރެއަށް ހުތް ފޮދެއް އަޅާލައިގެން ބޯލަށް ވަރަށް ފައްކާވާނެ އެވެ. ފުރުޓު ސެލެޑުގެ ތެރެއަށްވެސް ހުތް ފޮދެއް އަޅާލައިގެން ކާލަން އެއޮތީ "މަރެ" ކެވެ.

މިއޮށް އުޅޭ ބެރީސްތައްވެސް މީ ވަކި ކަރާ އާ އޮރެންޖަށް ދޫކުރާނެ މޭވާ އެއް ނޫނެވެ. ހަމަ އެކަނި ސްޓްރޯބެރީގައިވެސް 92 ޕަސަންޓަކީ ފެނެވެ. އަނެއްކާ މިއީ ލޭހޮޅި ތަކަށާއި ލޭގައި ހުންނަ ހަކުރުގެ މިންވަރު ދައުރުކުރުމަށް އެހީވެދޭ ރަހަވެސް އެހާ މީރު އެއްޗެކެވެ. މިއީވެސް ވިޓަމިން ސީ އިން "ފެން ވަރައިގެން" ހުރި މޭވާ އެކެވެ. މި ކާން ބޮޑަށް ރަނގަޅީ ހާރު ކައިގެންނެވެ.

މޭބިސްކަދުރާއި ގްރޭޕް ފުރުޓް ދޫނުކުރާތި

ފުރުޓު ސެލެޑު ހަދައިގެންވެސް ކާންވީ އެކައްޗަކީ މި އެވެ. ރޯދަ ވީއްލާ ގަޑީގައި އަދި ހާރުކާ ގަޑީގައިވެސް ކާން އެވަރެއް ނެތެވެ. މިއީ ނިއުޓްރިއަންޓްސް އިން މުއްސަނދިވެފައިވާ ފެންގަނޑެކެވެ. ވަކި ކުލައެއް ބަލާނެ ކަމެއް ނެތެވެ. ދަނބު، ކަޅު، ފެހި އަދި ރަތް ކުލަވިޔަސް މައްސަލައެއް ނެތެވެ.

ގްރޭޕް ފުރުޓަށް ކަޅިއެއް އެއްލާއިރު މީގެ 90 ޕަސަންޓަކީ ފެނެވެ. މީގައި ޑީޓޮކްސިފައިން ލެމަނޮއިޑްސްވެސް ވަރަށް ގިނައިން ހިމެނެ އެވެ. ކެންސާ ޓިއުމާތައް ނައްތާލަންވެސް ގްރޭޕް ފުރުޓް ވަރަށް ފައްކަލެވެ. ގްރޭޕް ފުރުޓް ވެފަލް އާ އެކުވެސް ބޭނުންކުރެވިދާނެ އެވެ. ނޫނީ މެދުން ފަޅާލާފައި ސަމްސަލަކުން ކަހާލައިގެންވެސް ކެވިދާނެ އެވެ.

ކުރުނބާ ކޮންމެހެން ވެސް ބޯންޖެހޭ

ކުރުނބާ އާ ނުލާ ދިވެހިންގެ ރޯދަމަހެއް ނުވެސް ނިމޭނެ އެވެ. ރޯދަ ވީއްލަން އެއަށްވުރެ ރަނގަޅު މީރު އެއްޗެއް ދިވެހިންނަށް ނެތް ފަދަ އެވެ. މުޅި ބަޒާރުގައިވެސް އެއޮޓީ ކުރުނބާ އެވެ. ކުރުނބާގެ 95 އިންސައްތަ އަކީ ފެނެވެ. އެހެން ވީމަ ހައިޑްރޭޓް ކޮށްލަން މިއަށްވުރެ ރަނގަޅީ ކޯއްޗެއް ހެއްޔެވެ؟ ކުރުނބާ ބޮޑަށް ރަނގަޅީ ވީހާވެސް ތާޒާކޮށް ބޭނުންކުރުމެވެ. ބަންދުކޮށްފައި ހުންނަ ކުރުނބާފެން ރަނގަޅެއް ނޫނެވެ.

އަލަނާސި އާ އަނބަކީވެސް އެހާ ހައިޑްރޭޓްކޮށްލަން އެހާ ފައްކާ ދެ މޭވާ އެވެ. އަލަނާސި އަދި އަނބުވެސް ބޮޑަށް ރަނގަޅީ ރޯދަ ވީއްލާ ވަގުތު އަދި ހާރުކާ ވަގުތު ހުހަށް ކާލުމެވެ.