ބޭރު ކުޅިވަރު

ރަންބޫޓު ގެންދާނީ ކާކު؟

ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތެވެ. މި މުބާރާތުގެ ރަންބޫޓު ހޯދުމަކީ ކޮންމެ ފޯވާޑެެއްގެ ވެސް ހުވަފެނެކެވެ. އަމުދުން އެންމެ ކުރިއަށް ކުޅޭ މަޝްހޫރު ފޯވާޑުންގެ މެދުގައި ރަންބޫޓުގެ ވާދަވެރިކަން ބޮޑުވާނެ އެވެ. އެންމެ ފަހުގެ ޔޫރޯގައި ތިން ލަނޑު ޖަހައިގެން ހައެއްކަ ކުޅުންތެރިއަކު އެއްވަރުވި ނަމަވެސް ރަންބޫޓޫ ލިބުނީ ސްޕޭނުގެ ފެނާންޑޯ ޓޮރޭޒަށެވެ. އެއީ ފައިނަލް މެޗުގައި އިޓަލީ ކޮޅަށް ލަނޑު ޖެހިއިރު އޭނާ ކުޅުނު ވަގުތާއި އެހެން ކުޅުންތެރިންނަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވާ މިންވަރަށް ބެލުމަށްފަހު އެވެ. އެކަމަކު މި ފަހަރުގެ މުބާރާތުން އެންމެ ފަހުގެ ދެ މުބާރާތުގެ ފައިނަލްގައި ލަނޑު ޖެހި މި ކުޅުންތެރިޔާ ނުފެންނާނެ އެވެ. ތިރީގައި މިބަލާލަނީ މި ފަހަރުގެ ރަންބޫޓަށް ވާދަކުރާނެ ހަތަކަށެވެ.

1- ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލް އަކީ ތަށި ހޯދާނެ ފެވަރިޓަކަށް ނުވެ އެވެ. ނަމަވެސް ކެޕްޓަން ރޮނާލްޑޯ އަކީ މުބާރާތުގެ ރަންބޫޓު ހޯދުން އެންމެގާތް ކުޅުންތެރިޔާ އެވެ. ހުސްވި ސީޒަނުގައި އޭނާ ވަނީ 48 މެޗުން 51 ގޯލު ޖަހާފަ އެވެ. ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑް 11 ވަނަ ފަހަރަށް ކާމިޔާބު ކުރީ ވެސް އޭނާ ޖެހި ގޯލުންނެވެ. މި ފަހަރުގެ މުބާރާތަށް އޭނާ މިނުކުންނަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕަށްވުރެ ފިޓްކޮށްހުރެ އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ރޮނާލްޑޯ އަށް ބޮޑު މުބާރާތެއްގެ މިފަދަ އިނާމެއް ހޯދަން ލިބޭނެ އެންމެ ފަހި އަދި އެންމެ ފަހު ފުރުސަތަށްވާނީ މިފަހަރުގެ ޔޫރޯ އެވެ. އޭނާ އުމުރުން މިހާރު 31 އަހަރެވެ.

2- ތޯމަސް މުލާ

ޖަރުމަނުގެ ތޯމަސް މުލާ އަކީ ބަޔާން މިއުނިކްގެ އެންމެ މުހިންމު ފޯވަޑެވެ. ގިނަ ބައެއްްގެ ނަޒަރުގައި ރޮނާލްޑޯ އަށްވުރެ ބައިނަލް އަގްވާމީ މުބާރާތްތަކުގައި މުލާގެ ގޯލް ޖެހުމުގެ ރޭޓް ރޮނާލްޑޯ އަށްވުރެ މަތިވުމުން މިފަހަރު ރަންބޫޓޫ ހޯދާނީ އޭނާ އެވެ. ހުސްވި ސީޒަނުގައި މުލާ ވަނީ 49 މެޗުން 32 ގޯލު ޖަހާފަ އެވެ. އޭނާ އަކީ ވޯލްޑް ކަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑާއި ރަންބޫޓު ވެސް ހޯދާފައިވާ 26 އަހަރުގެ ޒުވާނެކެވެ.

3- އެންޓޯނިއޯ ގްރިއެޒްމަން

މުބާރާތުގެ ރަންބޫޓު ހޯދަން ގްރިއެޒްމަނަށް އެންމެ ބޮޑު ފުރުސަތެއް އޮތީ އޭނާގެ ގައުމުގައި މުބާރާތް ކުޅޭތީ އެވެ. ފްރާންސަަކީ މުބާރާތުގެ ހޮޓް ފެވަރިޓުން ވެސްމެ އެވެ. ގްރިއެޒްމަން އަކީ މި އަމާޒަށް ވާސިލްވުމަށް ފްރާންސްގައި ހުރި އެންެމެ އިތުބާރު އެންމެ މުހިންމު ފޯވަޑެވެ. އެތްލެޓިކޯ މެޑްރިޑަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިބުނު ޕެނަލްޓީ އޭނާ އަތުން ނާކާމިޔާބުވި ނަމަވެސް މި ފަހަރު ދެ ވަނަ ލިބޭކަށް އޭނާ ވެސް ބޭނުމެއްްނުވެ އެވެ. ގްރިއެޒްމަން ވަނީ ހުސްވި ސީޒަނުގައި 54 މެޗުން 32 ގޯލު ޖަހާފަ އެވެ.

4- ރޮބަޓް ލެވޮންޑޯސްކީ

އެންމެ ނުވަ މިނިޓުން އޭނާ ފަސް ގޯލު ޖަހައިގެން ހުސްވި ސީޒަނުގައި ރެކޯޑެއް ހެދި އެވެ. ބުންޑަސްލީގާގައި އެންމެ އަވަހަށް 100 ގޯލު ޖެހި ބިދޭސީ ކުޅުންތެރިއަކީ ވެސް އޭނާ އެވެ. ޕޮލެންޑަކީ މުބާރާތުގެ ގަދަ ޓީމަކަށް ނުވިޔަސް އެހުރިހާ ވާހަކަތަކަށް އޭނާގެ ގޯލު ޖެހުމުގެ ހުނަރުން ނިމުން ގެނުވިދާނެ އެވެ. ހުސްވި ސީޒަނުގައި ބަޔާން މިއުނިކަށް އޭނާ ވަނީ 51 މެޗުން 42 ގޯލު ޖަހާދީފަ އެވެ. ބުންޑަސްލީގާގެ ރަންބޫޓު ހޯދީ ވެސް އޭނާ އެވެ. އަދި 1977ގެ ފަހުން ލީގުގައި 30 ގޯލު ޖެހި ފުރަތަމަ ކުޅުންތެރިއަކީ ވެސް އޭނާ އެވެ. ޔޫރޯ ކޮލިފަައިންގައި ގައުމީ ޓީމަށް 13 ގޯލު ޖަހައިގެން ކޮލިފައިންގެ ޓޮޕް ސްކޯރަރަކީ ވެސް އޭނާ އެވެ.

5- އޮލީވިއާ ޖީރޫޑް

އާސެނަލްގެ ފޯވަޑް ޖީރޫޑަކީ ފްރާންސްގެ މުހިންމު ފޯވަޑެކެވެ. ލަނޑެއް ނުޖެހި ހުސްވި ސީޒަނުގައި 15 މެޗު ދޮޔަ ނަމަވެސް ސީޒަން ނިންމާލީ އެސްޓަންވިލާކޮޅަށް ހެޓްރިކް ހަދައިގެންނެވެ. އޭގެ ފަހުން ސްކޮޓްލޭންޑް ކޮޅަށް ގައުމީ ޖާޒީގައި ދެ ގޯލު ޖެހި އެވެ. ހުސްވި ސީޒަނުގައި 53 މެޗުން އޭނާ ޖެހީ ޖުމުލަ 24 ގޯލެވެ. އުމުރުން މިހާރު 29 އަހަރުގެ ޖީރޫޑް ޔޫރޯއާ ކުރިމަތިލާއިރު ހުރީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ.

6- ހެރީކޭން

1996 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލަށް އިނގިރޭސިން ދަތުރުކުރީ ކުރީގެ ކެޕްޓަން އެލަންޝިއަރާ ޖެހި ފަސް ގޯލާއެކުގަ އެވެ. މީގެ ފަހުން އެއްވެސް ފޯވަޑަކަށް މިކަން ކުރެވިފައިނުވި ނަމަވެސް މިފަަހަރު އިނގިރޭސި ޓީމުގައި ޝިއަރާގެ ޖެހި ފަސްގޯލު ޖެހުމަށް މިހުރީ ހެރީކޭން އެވެ. ރޮބީފައުލާ އާއި މައިކަލް އޮވެން އާއި މިހާރުގެ ކެޕްޓަން ވޭން ރޫނީ އާއި އެމިލް ހެސްކީ ފަދަ ފޯވަޑުންނަށް ނުވިކަންތައް އޭނާ ކޮށްފިނަމަ ކޭން ވެގެންދާނީ އިނގިރޭސި ބަތަލަކަށެވެ. ޓޮޓެންހަމުގެ ކޭން އަކީ ހުސްވި ސީޒަނުގައި އިނގިރޭސި ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. 50 މެޗުން 28 ގޯލު ޖެހިއިރު އޭނާ އަކީ ކޯޗު ރޯއި ހޮޖްސަންގެ އެއްވަނަ ހޮވުމެވެ.

7- ޒްލަޓާން އިބްރަހިމޮވިޗް

މިފަހަރުގެ މުބާރާތަކީ ކުލަބު ލެވެލްގައި އިބްރަިހިމޮވިޗް މުގުރަމުން އައިފަދަ ރެކޯޑްތައް ގައުމީ ޓީމުގައި ލިބިގަތުމަށް އޭނާ އަށް ލިބޭނެ ފަހު ފުރުސަތެވެ. ހުސްވި ސީޒަނުގައި 51 މެޗުން 50 ގޯލު ޖެހި ފޯވަޑަކީ އަންނަ ސީޒަނުގައި އިނގިރޭސި ލީގުން ފެންނާނެ ފޯވަޑެކެވެ. ހަތަރު އަހަރުތެރޭގައި ފްރާންސްގެ ޕީއެސްޖީގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމަށް އޭނާ ވާސިލްވި އެވެ. އިޓަލީގެ އިންޓަމިލާނާއި އޭސީމިލާން އަދި ޔުވެންޓަސް އާއި ސްޕޭނުގެ ބާސެލޯނާގެ ސްކޯ ޝީޓުން އޭނާ ވަނީ ޖާގަ ހޯދައިފަ އެވެ. ސްވިޑްން އަށް މި ފަހަރު ޔޫރޯގައި ދެ ވަނަ ބުރަށް ދެވޭނީ އިބްރަހިމޮވިޗް ގޯލުތަކެއް ޖަހައިގެން ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.