ރާއްޖެ ކުޅިވަރު

ކުރީގެ ތަރިން: ދިވެހިންނާ ވަކިނުވެވުނު ކިސް

"ޓުޑޭ ދިސް ކޯޗް ހާޓް ވެރީ ސޭޑް. ދެޓް ސިކްސްޓީން ތައުޒަންޑް ވޭސްޓް. ދަގަނޑޭ ނޯ ގުޑް. ނޯޕްލޭ. ޓުޑޭ ނޯ ޓޯކް. ފިނީޝް. މިސްޓަރު އާފްޓަ ޓޯކް. ތޭންކް ޔޫ،" މިއީ 2004 ވަނަ އަހަރުގެ މާލޭލީގުގެ މެޗަކަށް ފަހު ގަލޮޅު ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއް ނިންމާފައި ހަންގޭރީގެ ކޯޗު ލާސްލޯ ކިސް ނޫސްވެރިންނާ މުހާތަބްކޮށް ބުނި ވާހަކަ އެވެ.

އޭނާ މިދެއްކި ވާހަކައިގެ މާނަ ނޭނގިގެން ބައެއް ނޫސްވެރިން އުޅުނެވެ. ހަގީގަތުގައި ވެސް މިދައްކާ ވާހަކަ ނޭނގިދާނެ އެވެ.

ތިން ފަހަރެއްގެ މަތީން ވެލެންސިއާ އަށް އަދި ފަހުން ވީބީ އަށް ކޯޗުކޮށްދިން ކިސް ޝައުގުވެރި މީހަކަށްވާ އެއް ސަބަބަކީ ވެސް މިއެވެ.

ވަރަށް ކާމިޔާބު ދުވަސްތަކެއް ރާއްޖޭގައި ހޭދަކުރި މި ކޯޗަކީ އަޅުގަނޑު ވަރަށް ގާތް ރަހުމަތްތެރިއަކަށްވި އެވެ. މިހެންވެ އޭނާ ދައްކާ ބައެއް ވާހަކަތައް ނޫސްވެރިންނަށް ތަރުޖަމާކޮށްދޭން ވެސް ބައެއް ފަހަރު އަޅުގަނޑަށް ޖެހެ އެވެ.

މި އާޓިކަލް ފަށަން ބޭނުންކުރި ކޯޓޭޝަނުގައި ކިސް އެބުނަނީ މެޗުން ވެލެންސިއާ ބަލިވުމުން އޭނާ ހިތްދަތިވެފައި ހުރި ވާހަކަ އެވެ. މެޗުން މޮޅުވެގެން އޭނާ އަށް ލިބެން އޮތް ބޯނަސް ދެން ނުލިބޭނެ ވާހަކަ އެވެ. މެޗުގައި ވެލެންސިއާގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ރަނގަޅަށް ނުކުޅޭ ކަމަށާއި މެޗާ ބެހޭގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތް ވާހަކަ އެވެ. ނިންމާލަމުން "މިސްޓަރ އާފްޓަރ ޓޯކް" އޭ އެ ބުނަނީ ޕްރެސް ކޮންފަރެންސަށް ފަހު ވަކިން އަޅުގަނޑާ ވާހަކަ ދައްކަން ބޭނުންވާ ވާހަކަ އެވެ.

އާއްމުކޮށް ރުޅިގަދަ މި ކޯޗު ބައެއް ދުވަސްދުވަހު ޕްރެސް ކޮންފަރެންސްގައި ވާހަކަ ނުދައްކާނެ އެވެ. އެކަހަލަ ދުވަހެއްގައި އޭނާ ވާހަކަ ދައްކާނީ އޭނާ އިތުބާރު ކުރާ މީހެއްގެ ގާތުގައި ވަކިންނެވެ. މިހެންވެ ވަރަށް ގިނަ ދުވަހު ޕްރެސް އަށް ފަހު ކިސް ދައްކާ ވާހަކަ ނިމެންދެން ދަނޑުގައި އަޅުގަނޑަށް މަޑުކުރަން ޖެހެ އެވެ.

ހަވީރު ނޫހުގައި އަޅުގަނޑު މަސައްކަތް ކުރިއިރު ބައެއް ދުވަސްދުވަހު ހެނދުނު ހެނދުނާ ހޭލެވެނީ ކިސްގެ ފޯނުކޯލަކަށެވެ.

"ހަލޯ މިސްޓަރު. ޓުޑޭ ކަމް. ކޯޗު ތްރީ ތާޓީ ޖީސިކްސް. ބިގް ސްޓޯރީ. އޯކޭ. އިމްޕޯޓަންޓް. ރެމެމްބާރ. ތޭންކް ޔޫ،" މިއީ އޭނާ އާއްމުކޮށް ދައުވަތުދެމުން ބުނާ ލަފުޒުތައް އަތުރާލާގޮތެވެ.

ކިސް ދައުވަތު ދިނުމުން ގަޑި ނުޖެހި ދާން އަޅުގަނޑު ވަރަށް މަސައްކަތް ކުރަމެވެ. އެއީ އޭނާ އަކީ ގަޑިއަށް ވަރަށް އިސްކަންދޭ މީހަކަށްވާއިރު ގަޑިޖެހޭ ކުޅުންތެރިންނަށް އަދަބުވެސްދޭތީ އެވެ. 2003 ވަނަ އަހަރު އެންމެ ނުބައި ލަނޑެއް ލިބުނު އެއް ކުޅުންތެރިއަކީ އެއަހަރު ވެލެންސިއާ އަށް ކުޅުނު އޭދަފުށީ މުހައްމަދު ޝައްފާޒް ނުވަތަ ސައްޕޭ އެވެ. ބަރާބަށް ވެލެންސިއާގެ ފުލް 11ގައި ކުޅެމުންއައި ކުޅުންތެރިޔާ ފުރަތަމަ ފަހަރަށް ބެންޗުގައި ބޭންދީ އެންމެ ދެ މިނިޓް ގަޑިޖެހިގެންނެވެ.

ސައްޕޭ ދަބަސް ހިފައިގެން ސަހަރާއާވީކޮޅު ގޭޓުން ވަދެގެން ދިޔައިރު ކިސް ހުރީ ޗޭންޖިން ރޫމު ބޭރުގައި ހުރި ދަގަނޑުގައި ދެ އަތުން ހިފަހައްޓާލައިގެން ހޭށެވެ. ސައްޕޭ އަރާ ހަމަވެ، ސަލާމްކޮށްލުމުން އަތުކުރީގައި އޮތް ގަޑިއަށް އަށް އިޝާރާތްކުރަމުން ބުނީ "ޝައްފާޒް. ޓުޑޭ ބެންޗް،" މިހެންނެވެ. ފަހުން ސައްޕޭ ގާތު އަހާލުމުން ބުނީ ކޯޗު އެހެން ހަދައިފާނެ ކަމަށް ކުޑަކޮށް ވެސް ހީނުކުރާ ކަމަށެވެ.

ކިސް އެންމެ ފުރަތަމަ ރާއްޖެ އައީ 1996 ވަނަ އަހަރު އެވެ. އޭނާ ވެލެންސިއާ އަށް ފޮނުވީ އޭގެ ކުރިން އެ ޓީމުގައި ހުރި މަޑުމައިތިރި ކޯޗު ހަންގޭރީގެ ސެންޓި މިހައިލީ އެވެ. 2010 ވަނަ އަހަރު އަޅުގަނޑަށް ދިން އިންޓަވިއުއެއްގައި ކިސްއާ ބެހޭގޮތުން މިހައިލީ ބުނީ މިހެންނެވެ.

"ކިސް އަކީ ވަރަށް އުނދަގޫ ކެރެކްޓާ އެއް. އެކަމަކު އޭނާ މޮޅުވާނެ. އޭނާ އަކީ އުނދަގޫ މީހަކަށްވިޔަސް އޭނާ ވެލެންސިއާ އަށް ފޮނުވީ އެއިރު އެނޫން މީހަކު އަހަންނަށް ލިބެން ނެތުމުން،" މިހައިލީ ބުންޏެވެ.

ތެދެކެވެ. ކިސް އަކީ އުނދަގޫ މީހެއްކަން ގަލޮޅު ދަނޑަށް ވަންނަ ގިނަ މީހުންނަށް އެނގޭނެ އެވެ. ފުރަަތަމަ އަހަރު ވެސް އެތައް ފަހަރަކު ސިފައިން ގެެއަށް ގެންގޮސް ބަންދުކުރަން ޖެހުނެވެ. އާއްމު މާހައުލުތަކުގައި މަޑުން ހުއްޓަސް އޭނާ ގޯސް ހަދަނީ ދަނޑުމަތީގަ އެވެ. މިހެންވެ ނިއުރޭޑިއަންޓާއި ވިކްޓަރީގެ މީހުންނަށް އޭނާ އަކީ އަބަދުވެސް "ވޯންޓެޑް" މީހެކެވެ.

ގައުމީ މުބާރާތުގެ ފައިނަލްގައި 96ގައި ވިކްޓަރީ އަތުން ވެލެންސިއާ ބަލިވުމުން އޭނާ ދިމާކޮށްލީ ވިކްޓަރީގެ އެއިރުގެ ކޯޗު އަބުދުލް ޖަލީލް (އަބުޖީ) އާ އެވެ. އެތެޅުންގަނޑު ނިންމާލީ އަބުޖީއަކީ ގޭންގެ ސްޓާރެއް ކަމަށް ބުނެފަ އެވެ.

އަހުލާގީ މައްސަލަތަކާހުރެ ޖެހިގެން އައި އަހަރު އޭނާ ނުގެންނަން ނިންމި ނަމަވެސް ދެ ވަނަ ފަހަރަށް ވެލެންސިއާ އަށް ގެނައީ 99 ވަނަ އަހަރު ކުޅުންތެރިންގެ އެދުމަކަށެވެ. ބަލި ޓީމަކާއެކު ދެ ތަށި ހޯދައިދިން އިރު އެފްއޭކަޕް ފައިނަލަށް ފަހު އައިފޯރީގައި ނިއުރޭޑިއަންޓްގެ ސަޕޯޓަރުންނާ އޭނާ ދިމާކޮށްލި އެވެ. ދަނޑުގައި ހުރި ޑަސްޓްބިން ވެސް ފަޅާލި އެވެ. ބޮޑު ސަސްޕެޝަނެއް ވެސް އައެވެ.

ކިސް އަކީ އާއްމުކޮށް ބިދޭސީ ކޯޗުންނާ ވެސް ގުުޅުން ނުބާއްވާ ކޯޗެކެވެ. އެކަމަކު އައިއެފްސީގައި ހުރި ރުމޭނިޔާގެ ކޯޗު ޕްރޮޑާން ޒަހާރިޔާއާ ފުރަތަމަކޮޅު ވަރަށް ގުޅާލި އެވެ. މާގިނަ ދުވަހެއްނުވެ ދެމީހުންގެ ރުޅިވީ އެފްއޭކަޕް ފައިނަލަށްފަހު އެވެ. ވެލެންސިއާ މޮޅުވުމުން ކިސް އަށް މަރުހަބާ ކިޔަމުން ޒަހާރިޔާ ބުނީ ދެ ޓީމު ވެސް އެއްވަރު ކަމަށާއި މޮޅުވީ ނަސީބު ރަނގަޅު ޓީމުކަމަށެވެ. އެކަމަކު ވަގުތުން އައި ރުޅީގައި އޭނާ ޕްރޮޑާން އަށް ދެއްކީ ސްކޯބޯޑެވެ.

"ކަލެ އަށް ނުފެނޭތަ. ބަލާބަލަ ސްކޯބޯޑު. ވަން ޒީރޯ. މޮޅީ އަހަރުމެން،" ކިސް ބުންޏެވެ.

ނިއުރޭޑިއަންޓްގައި މިހާރު އެހުރި ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފަކީ ކިސްގެ ނަންބަރު ވަން ހަތުރެވެ. ކިސް އަކީ އާއްމުކޮށް މީހުންނަށް ވަރަށް ފާޑުފާޑު ނަން ހަދައިގެން ކިޔާ މީހެކެވެ. ސްޓޮއިކޯފާ ޖައްސާލައިގެން އެންމެ ފަހުން އޭނާ އަށް ކިޔަން ފެށީ "ވަންޖޯޒީ" އެވެ. އެއީ ޕްރެކްޓިހަށް އެންމެ ޓީޝާޓެއް ލައިގެން ކޮންމެ ދުވަހަކު ސްޓޮއިކޯފް އަންނާތީ އެވެ. މަޝްހޫރު ޓޫކިލޯ އަށް އެ ނަންދިނީ ވެސް ކިސް އެވެ. އެއީ ޓޫކިލޯ މާހިކިކޮށް ހުންނާތީ އެވެ.

ވެލެންސިއާ އަށް ޒޯން މުބާރާތުން ފާހަގަކުރެވިގެން ކުޅުންތެރިއަކު ގެނަ އެވެ. ފުރަތަމަ ޕްރެކްޓިހުގައި އޭނާ ދަނޑަށް އަރުވާފައި އިރުކޮޅަކުން ބޭލި އެވެ. ޕްރެކްޓިސް ނިންމާފައި ކުޅުންތެރިޔާ ގާތު ބުނީ ދެން އަންނާނެ ކަމެއް ނެތް ކަމަށެވެ. މެނޭޖްމަންޓުން ސުވާލު ކުރުމުން ބުނީ އެކުޅުންތެރިޔާގެ ޝައުގުވެރިކަން ނެތީ ކަމަށެވެ. ސަބަބަކީ ދަނޑުން ބޭލުމުން އަލުން ކުޅެން ބޭނުންވެގެން ކޯޗު ގާތުގައި ނޭހުމެވެ.

ކިސްގެ ބްލެކް ލިސްޓަށް އެރި އެންމެ މަޝްހޫރު އެއް ކުޅުންތެރިއަކީ މަޝްހޫރު ޑިފެންޑަރު ސޮބާހު މުހައްމަދެވެ. އެއީ 2004 ވަނަ އަހަރު ފުރަތަމަ މެޗުގައި ސޮބާގެ ފައުލަކުން ވެލެންސިއާގެ މުހައްމަދު ވިލްދާނަށް އަނިޔާވުމެވެ. މިހެންވެ އޭނާ ހުންނަ ޓީމަކަށް ސޮބާ ގެންދިއުން އޮންނަނީ މަނާކޮށްފަ އެވެ.

ވީބީގައި އުޅުނުއިރު އަހުމަދު ރިލްވާން އަށް ވެސް ކިސް އަތުން ބޮނޑިއެއް ލިބުނެވެ. ވިލިނގިލީގައި ހުންނަ ގެ އަށް ކިސްދާއިރު ރިލޭމެން ތިބެނީ ވިލިނގިލީ ދަނޑު ސަރަހައްދުގައި ބަހައްޓާފައިވާ ޖޯލިތަކުގައެވެ. އެތަނުން ޖޯއްޔެއް ނުދީގެން އެ އަހަރު ރިލޭ އަށް ވީބީގައި އެންމެ މެޗެއް ކުޅެން ވެސް ޗާންސެއްނުދެ އެވެ.

ރާއްޖޭގައި އުޅުނުއިރު އޭނާ ގެންގުޅުނު ދެ ޓީމުގެ މެނޭޖަރުންނަށް ކިސް އަކީ ވަރަށް ނުރައްކާ މީހަކަށްވި އެވެ. ވެލެންސިއާ ގައި ހުރި އިރު ވިލިނގިލީގައި އޭނާ ހުންނަ ގޭގެ ކަރަންޓާއި ފެން ކަނޑާލައިގެން މެނޭޖަރު އަހުމަދު މުހައްމަދު (ދޮނާ) ހޯދަން މުޅި މާލޭގައި އޭނާ ހިނގި އެވެ. ދޮނާ އަތުވީ ޖަސްޓިސް ބިލްޑިން ކުރިމަތިންނެވެ. ހުދު ރެލީ ބައިސްކަލެއްގައި ދޮނާ އަންނަނިކޮށް ބިމާ ހަމަކޮށްލި އެވެ. ވީބީގައި މެނޭޖަރު އިބްރާހީމް ރަޝީދު (ސަތޯ) އަށް ވެސް ކުޅި ދައްކާލި އެވެ.

އެވާހަކަ އެެހުމުން އަޅުގަނޑު ގާތުގައި ބުނީ އެ މީހުން ބަދަލެއް ނުވާނެ ކަމަށާއި "ދޮނާ، ސަތޯ ސޭމް. ނޯޗޭންޖް" ކަމަށެވެ.

މިހާރު ރާއްޖޭން ބޭރުގައި އުޅޭއިރު ވެސް އޭނާ ހުންނަނީ އަބަދުވެސް ދިވެހިންނާ ގުޅިފަ އެވެ. ދޭތެރެއިން ދޭތެރެއިން ކިސް ކޮންމެވެސް ކަމެއް އޮޅުން ފިލުވާނެ އެވެ. ފޭސްބުކްގައި އަޅުގަނޑު ޝެއާކުރާ ކޮންމެ އެއްޗަކަށް އޭނާ ލައިކް ވެސް ޖަހާނެ އެވެ. ބައެއް ފަހަރު ކޮމެންޓް ވެސް ކުރާނެ އެވެ.

މިހެން އުޅެނިކޮށް އެއްދުވަހު އޮފީސް މީހަކު ކިސް އަކީ ކާކުތޯ ސުވާލުކުރި އެވެ. އޭނާ އެ ސުވާލުކުރީ ކުރީގެ އެޓޯލް މިނިސްޓަރު އަބުދުﷲ ހަމީދު އަވަހާރަވެގެން އަޅުގަނޑު ޖެހި ފޮޓޯ އަށް ކިސް ކުރި ކޮމެންޓް ފެނިފަ އެވެ. ހަމީދަށް ތައުޒިޔާ ކިއުމުގެ ގޮތުން ލެޓިނުން ލިޔެ، އަޅުގަނޑު ޖެހި ފޮޓޯއަކީ 2003 ވަނަ އަހަރުގެ ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގައި ހަމީދު އަޅުގަނޑަށް އިނާމް ދެއްވަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. މި ފޮޓޯ އަށް ކޮމެންޓެއްގެ ގޮތުގައި ކިސް ޖަހާފައިވަނީ "މަރުހަބާ" އެވެ. އެދުވަހު ކޯޗުގާތުގައި އެވާހަކަ ބުނުމުން ފަހުން އަޅުގަނޑަށް މެސެޖް ކޮށްފައިބުނީ "ވެރީ ގުޑް މޭން. ރެސްޓް އިން ޕީސް،" އެވެ.

ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދާފައިވާ އުމުރުން މިހާރު 67 އަހަރުގެ ކިސް އަކީ އޭނާގެ ދަރިން ދެކެ ވަރަށް ލޯބިވާ މީހެކެވެ. ވަރަށް ކުޑައިރު އޭނާގެ ތިން ކުދިންގެ މަންމަ ނިޔާވުމުން އިތުރު ކައިވެންޏެއް ނުކޮށް ދަރިން ބަލައި ބޮޑުކުރީ އޭނާ އެކަނިމާ އެކަންޏެވެ. އެންމެ ހަނގު ދަރިފުޅު ބަލާޒް ކިސް ރާއްޖެ ގެނެސް ވެލެންސިއާ އަށް ކުޅުވި އެވެ. އަނެއް ދަރިފުޅު ޗަބާ ކިސް އުޅެނީ ރާއްޖޭގެ ކުރީގެ އެއްވަނަ ދުވުންތެރިޔާ ޔަޒްނީ ނަޝީދާއާ ކައިވެނިކޮށްގެންނެވެ. މި ދެމަފިރިންނަށް ވަނީ ކިސް އަށް ކާފަ ކިޔާ ދެ ކުދިން ލިބިފަ އެވެ. މިހެންވެ މިފަހުން އެއްވެސް ޓީމަކުން ކިސް އަށް ޝައުގުވެރިކަން ނެތަސް އޭނާ ދޭތެރެދޭތެރެއިން ރާއްޖެ އާދެ އެވެ.

"އަހަރެން ރާއްޖެ އަންނަން ބޭނުން. ކާފަ ކުދިން ގާތުގައި ވަގުތު ހޭދަކޮށްލަން ވަރަށް ބޭނުން. ވަރަށް އަވަހަށް އަދިވެސް އަންނާނަން،" ދިވެހިންނާ ވަކިވުމެއްނެތް ކިސް ބުންޏެވެ.