ރާއްޖެ ކުޅިވަރު

ވެލެންސިއާގެ އެންމެން އެއް ފޮޓޯގަނޑަކުން!

ތިޔަ ބަލައިލަނީ ވަރަށް ތާރީހީ ފޮޓޯއެކެވެ. މީގެ 37 އަހަރު ކުރިން ނަގާފައިވާ މި ފޮޓޯ މިއަދު ނަގަން އުޅެފިނަމަ އެ އެންމެން ހަމަނުވާނެ އެވެ. އެއްބަޔަކު ވަނީ ނިޔާވެފަ އެވެ. އަނެއް ބަޔަކު ތިބީ ސިޔާސީ ކޯޅުމާއި، ކުލަބުގެ އެތެރެއާއި ބޭރުގެ ކަންކަމާކާހެދި ކުނިޖެހިފަ އެވެ. މޫނު އަނބުރާލައިގެނެވެ.

އެއްބަޔަކަށް މި ފޮޓޯ ވަރަށް އައިބުވެސް ވެދާނެ އެވެ. އާއްމުކޮށް ވެލެންސިއާ ފެނިގެންދަނީ ރީނދޫ ޖާޒީ އާއި ނޫ ސޯޓާއި ރީނދޫ އިސްޓާކީނަށް އަރައިގެން ވަރަށް ސްޓައިލްގައި ތިބޭ ޓީމެއްގެ ގޮތުގަ އެވެ. އެކަމަކު މިފޮޓޯއިން މިފެންނަނީ ރީނދޫ ޖާޒީ އާއި ކަޅު ސޯޓުގައި ކުޅުންތެރިން ތިއްބަ އެވެ. އަނެއް ބަޔަކު އެތިބީ ފިޔާތޮއްޓާއި ފެހި ޖެކެޓުގަ އެވެ.

ވެލެންސިއާގެ ރަސްމީ ކުލަ އަކީ ރަންކުލަ އެވެ. ދެން މަޑުނޫކުލަ އެވެ. ނަމަވެސް ރަންކުލަ ނުލިބޭތީވެ ރީނދޫ ކުލަލަނީ އެވެ. މިއާދަކާދައި ހިފަހައްޓަމުން އަންނަތާ އެތަކެއް އަހަރެއްވެއްޖެ އެވެ. އެންމެ އިހުއްސުރެ ވެލެންސިއާ ޓީމުގައި ހަރަކާތްތެރިވާ މެމްބަރަކު ބުނި ގޮތުގައި މި ފޮޓޯގައި ބައެއް ކުޅުންތެރިން ޖެކެޓް ލައިގެން ތިބީ އެންމެ އިހުއްސުރެ ވެސް އެއީ ވަރަށް ސްޓައިލްގައި ތިބޭ ޓީމަކަށްވުމުންނެވެ. އެއިރު ޖެކެޓްލައިގެން ތިބުމަކީ ވަރަށް ތަނަވަސް ކުލަބަކަށް ނޫނީ ކުރެވޭ ކަމެއް ނޫނެވެ.

"ވެލެންސިއާ އަކީ ވަރަށް ޒަމާނީ ސްޓައިލަށް ލޯބިކުރާ ބައެއް. އެއިރު ކުލަބު ވަރަށް ތަނަވަސް. އެހެންވީމާ ބޭރުން ޖާޒީ ގެންނައިރު ޖެކެޓް ވެސް ގެނޭ. އެހެން ކުލަބުތަކުން ތަންކޮޅެއް ފަހުން މިކަން އާއްމުކަމަށް ހެދީ،" ކުލަބު އުފެއްދުމުގައި ހަރަކާތްތެރިވި އެއް މެމްބަރަކު ބުންޏެވެ.

ރާއްޖޭގެ ކުޅިވަރުގައި ހާއްސަކޮށް ފުޓްބޯޅަ އަށް އިންގިލާބީ ބަދަލުތަކެއް ގެނުވީ ވެލެންސިއާއިންނެވެ. ފުރަތަމަ 10 އަހަރު ތައްޓެއް ނުލިބި ދިޔަނަމަވެސް ރީތި ޕާސިން ގޭމާއެކު ޖިންސުއްލަތީފުންގެ ހިތްތައް އަތުލީ ވެލެންސިއާގެ ފުޓްބޯޅަ ޓީމެވެ. އެކަމަކު އަބަދުވެސް މެނޭޖްމަންޓުގައި ބާގަނޑުހެދި، ތިން ހަތަރު ދިމާއަށް ބައިވެފައި އޮންނަ ވެލެންސިއާގެ މި ފޮޓޯއަކީ ކުލަބު އުފެއްދި ގިނަ ބަޔަކު އެއްފޮޓޯއަކުން ފެނިގެންދާ ހަމައެކަނި ފޮޓޯވެސްމެ އެވެ.

އަޅުގަނޑު ޓީވީ މޯލްޑިވްސްގައި އުޅުނުއިރު ފުޓްބޯޅަ މެޗުތަކުގެ އުސްއަލި ހެދުމުގައި އެންމެ އިސްކޮށް ހުންނަނީ އަހުމަދު މަނިކު ނުވަތަ އަނދޭ އެވެ. ފެންނަ ފެނުމަށް ފުޓްބޯޅަ ކުޅުނުހެން ހީނުވިޔަސް އޭނާގެ މައުލޫމާތު ވަރަށް މުއްސަންޖެވެ. ބައެއް ދުވަސް ދުވަހު ދިމާވެގެން ކޮންމެ ވެސް މޮޅު ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭނެ އެވެ. އެކަމަކު އަނދޭ ވެލެންސިއާ އަށް ކުޅުނުކަން އެނގުނީ މާފަހުންނެވެ. އާއްމުކޮށް ވެލެންސިއާގެ މާގިނަ ވާހަކައެއް އަނދޭ ނުދައްކާނެ އެވެ. އެކަމަކު ވެލެންސިއާ ކުޅޭނަމަ އަބަދުވެސް ސްކޯ އޮޅުންފިލުވާނެ އެވެ. ފަހުން އެކުލަބުގެ ވަރަށް ގިނަ ފޮޓޯތަކާއި މައުލޫމާތު އަޅުގަނޑަށް ދެއްވި އެވެ. ތިޔަފެންނަ ފޮޓޯގައި ކޮޅަށް އެންމެ ކަނާތަށް އެހުރީ އަނދޭ އެވެ. އޭނާ އަކީ ވެލެންސިއާގެ ފަހަތާއި މެދަށް ކުޅުނު މުހިންމު ކުޅުންތެރިއެކެވެ.

ގދ. ތިނަދޫ އަކީ ވެލެންސިއާ އަށް އެރަށުން ގިނަ ކުޅުންތެރިން އައި ކުލަބެކެވެ. އޭގެ ފެށުމަކަށްވީ މަޝްހޫރު އަހުމަދު ޝަފީގް ނުވަތަ ތިނަދޫ ސައްޕޭ އެވެ. އަނދޭއާ ޖެހިގެން އެހުރީ ސައްޕޭ އެވެ. އެއަށްފަހު ހީނާ އަބުދުﷲ ނަޝީދެވެ. އޭނާއާ ޖެހިގެން ނޫމާން އަހުމަދު ދީދީ އެވެ. އެންމެ ވާތަށް އެހުރީ އިބްރާހީމް އަލީ އެވެ. ކުރިން ބޭންކް އޮފް މޯލްޑިވްސްގައި އިސް ވަޒީފާއެއް އަދާކުރެއްވި އިބްރާހީމް އަލީ އަކީ ވެލެންސިއާގެ އެންމެ ފުރަތަމަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.

މެދުތެރޭގައި އިށީނދެގެން ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ކަނާތަށް އެއިނީ ކުރީގެ މަޝްހޫރު ނޫސްވެރިޔާ އަދި ރެފްރީ މުހައްމަދު ސައީދު މޫސާ ވަޖުދީ އެވެ. ދުވަހު ނޫސް ހަވީރުގެ ތަފާތު މަގާމުތައް ފުރުއްވިރު ކުޅިވަރަށް ހާއްސަ، ހަވީރުގެ ފަހުސޮފުހާ ވެސް ލިޔުއްވި ވަޖުދީ އަކީ އައްޑު އަތޮޅުން ވެލެންސިއާއާ ގުޅުނު ކުޅުންތެރިންގެ ފެށުމެވެ. އަރިމަތިން ހަލުވިކޮށް ކުޅެ މުހިންމު ގޯލުތަކެއް ވެސް ޖަހައިދިނެވެ.

ވަޖުދީއާ ޖެހިގެން ދެން އެއިނީ ވެލެންސިއާ އެމީހަކަށްޓަކައި އަބަދުވެސް ފަހުރުވެރިވާ ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅުގެ ކުރީގެ މެމްބަރު ހިޔަލީ މުހައްމަދު ރަޝީދެވެ. ޒަމާނީ ޓީމެއްގެ ގޮތުގައި ވެލެންސިއާ ފެނިދިއުމުގެ ހަގީގީ އާރުކާޓީ އަކީ އޭނާ އެވެ. ވަރަށް ހިންގުންތެރި އެހާމެ މުރާލި ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވުނު ހިޔަލީ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ މަލަމަތި ބަދަލުކޮށްލެއްވި މައިސިކުނޑި އެވެ. އޭނާ އަކީ މިއަދު ވެސް ވެލެންސިއާގެ އެއް މުއައްސިސެވެ.

ވެލެންސިއާގެ ވޮލީ ޓީމު ހިންގުމުގައި ދެގޮތެއްނުވެ ހުންނެވި ބޭފުޅަކީ ފިނިވާ އަބުދުލްހަމީދެވެ. ވެލެންސިއާ އުފެއްދި މަޝްހޫރު ވޮލީ ކުޅުންތެރިންގެ އަސްލަކީ ވެސް އޭނާ އެވެ. އަބަދުވެސް ހިނިތުންވެ ހުންނަ ފިނިވާ ހަމީދު އޭނާގެ ޓީމު ކުޅޭތަން ބަލަން އިންނަތަން މަދުން ނަމަވެސް ގަލޮޅު ދަނޑުން ފެނެ އެވެ.

ހަމީދާ ޖެހިގެން ދެން އެއިނީ ވެލެންސިއާ އުފައްދަން ބައިއަތުހިފި މީހުންގެ ތެރެއިން މަޝްހޫރު ކޯޗު ހީނާ އަހުމަދު ސަލީމެވެ. އެންމެ ފުރަތަމަ ތައްޓެއް ހޯދައިން ކޯޗަކީ ވެސް އޭނާ އެވެ. ހީނާގެ ފަހުން އޭނާގެ ކޮއްކޮ އިސްމާއީލް އާސިފް (ކުޑަހީނާ) ވެސް ވެލެންސިއާގެ ބޮޑު ބްރޭންޑަކަށްވެގެންދިޔައިރު އެމީހުންގެ ގެ ކަމަށްވާ ހީނާގަސްދޮށުގެވީ ހެންވޭރުގައި ހުންނަ ވެލެންސިއާގެ މައި ހަބަށެވެ. ހީނާއާ ޖެހިގެން ދެން އެއިނީ ދިލާސާ އިބްރާހީމް ރަޝީދާއި އަހުމަދު މުހައްމަދު ނުވަތަ ޔޮޓްޓުވާސް އަންޑޭ އެވެ.

ހިޔަލީ އަށް ފަހު ވެލެންސިއާ ކާމިޔާބު ކުލަބެއްގެ ގޮތުގައި ބާއްވަން އެންމެ ބޮޑު ގުރުބާނީއެއްވީ ވެލެންސިއާ އަށް ކުޅުނު އަމީލް ޖަލީލްގެ ބޭބެ އަދި މިހާރުގެ ޗެއާމަން އަދީލް ޖަލީލެވެ. 1996 އިން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އެންމެ ނަންހިނގާ މޮޅު ކުޅުންތެރިން ވެލެންސިއާގައި ހިފެހެއްޓީ އަދީލްގެ ވަރުގަދަ ސިނކުޑިންނެވެ. އޭނާ އަކީ މިފޮޓޯގައިވާ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެކެވެ. އަދީލާ ޖެހިގެން މެދުގައި އެއިންނެވީ އަހުމަދު ސަމީރެވެ. އެއާ ޖެހިގެން ފެހި ޖެކެޓެއްގައި ކުރީގެ ކޯޗު އަހުމަދު ނާޒިމެވެ.

1979 ވަނަ އަހަރު މި ޓީމު އެންމެ ފުރަތަމަ މެޗަކަށް ނުކުތީ ލަޔަންސާ ދެކޮޅަށް ގައުމީ މުބާރާތުގަ އެވެ. އިބްރާހީމް އަލީ ލަނޑު ޖަހާފައި އޮއްވާ ލަޔަންސް ޖެހި ހަތަރު ގޯލާއެކު އެންމެ މެޗަކުން މިފޮޓޯގައި ތިބި ކުޅުންތެރިންނަށް އެއަހަރުގެ ސީޒަން ވެސް ނިމިދިޔައީ އެވެ.