ބޭރު ކުޅިވަރު

ޖަރުމަނުގެ ޑިފެންސް ތޮރުފެނީ

ޔޫރޯ އަށް ތައްޔާރުވާ ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އަށް އަނިޔާވެ އޭނާ އަށް ޔޫރޯގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

ޖަރުމަނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފައިވަނީ ރުޑިގާގެ ކަކޫ ހަލާކުވީ މުބާރާތް ބާއްވާ ފްރާންސްގައި އިއްޔެ ކުރި ފުރަތަމަ ޕްރެކްޓިހުގައި ކަމަށެވެ. އަދި އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ޓީމަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިޓަލީގެ ރޯމާ އަށް ކުޅޭ ޑިފެންޑަރަށް އަނިޔާވުމަކީ ޖަރުމަނުގެ ޑިފެންސް އިތުރަށް ދެރަވަރުވާނެ ކަމެކެެވެ. ފަހަތުގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާ މެސުޓް ހުމެލްސް އަށް ވެސް ވަނީ އަނިޔާވެފަ އެވެ. މުބާރާތުގައި ކުޅެވޭ ވަރަށް އޭނާ ފިޓްވަމުން އައި ނަމަވެސް އަދިވެސް މުޅިން ރަނގަޅެއްްނޫނެވެ.

ކޯޗު ޖޯހިމް ލޯ އަށް މި ފަހަރު އެންމެ ބޮޑު މައްސަލައަކަށްވާނީ ވެސް ޑިފެންސް ލައިނުގެ މައްސަލަ ކަމަށް ޖަރުމަނުގެ ނޫސްތަކުން ބުނެ އެވެ. ރުޑިގާ އަށް އަނިޔާވިއިރު މުހިންމު ކުޅުންތެރިއެއް ކަމަށްވާ ބޮރޫޝިޔާ ޑޯޓްމުންޑްގެ މިޑްފީލްޑަރު މާކޯ ރޮއިސް ވެސް ވަނީ އެންމެ ފަހު ވަގުތު އަނިޔާގެ ސަބަބުން ޓީމުން ބާކީކޮށްފަ އެވެ.

ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ޔޫރޯގައި ވާދަކުރާނީ ނޮދަން އަޔަލޭންޑާއި ޕޮލެންޑް އަދި ޔުކްރޭނާ އެވެ.