ދުނިޔެ

ޗައިނާގެ މުސްލިމުންގެ ހާލަކީ ކޮބާ؟

Jun 8, 2016
10

ޗައިނާ އާއި މުސްލިމުންނާ ދެމެދު އޮތް ގުޅުމުގެ ވާހަކަ އަކީ އަބަދުވެސް އަހަރުގެ ކޮންމެ ވެސް ހިސާބަކުން ފަލަ ސުރުހީގެ ސަމާލުކަން ހޯދާ ވާހަކަ އެކެވެ. ވަކިން ހާއްސަކޮށް ކޮންމެ އަހަރެއްގެ ރޯދަ މަހު، ޗައިނާގެ މުސްލިމުންނަށާއި އެގައުމުގެ ސަރުކާރުން މި މުސްލިމުންނާ މެދު އަމަލުކުރަމުން ގެންދާ ގޮތަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެންދެ އެވެ.

އެހެންވީމަ ފަލަ ސުރުހީތަކުގައި އާންމުކޮށް އެ ބުނާ ފަދައިން ޗައިނާ މިއީ އެންޓި މުސްލިމް ނުވަތަ މުސްލިމުންނާ ދެކޮޅު ގައުމެއް ހެއްޔެވެ؟ ޗައިނާގައި ކޮންމެ އަހަރަކު، ރޯދަ މަހާ ދިމާކޮށް، ރޯދަ ހިފުން އެގައުމުގެ މުސްލިމުންގެ ތެރެއިން ބަޔަކަށް އެގައުމުގެ ސަރުކާރުން މަނާކުރަނީ މުސްލިމު އާބާދީ ގައުމުން ފޮހެލުމަށް ޗައިނާ ސަރުކާރުން ފަށާއިފައިވާ ހަރަކާތެއްގެ ދަށުން ހެއްޔެވެ؟

ޗައިނާގެ މި މައްސަލައަށް ބަލައިލާއިރު މިއީކީ އެއްގޮތަކަށް ވެސް އެހެން އޮތް މައްސަލައެއް ނޫނެވެ. ދީނީ މައްސަލައަކަށް ނުވަތަ ހިޔާލުތަފާތުވުމަކަށް ވުރެ ބޮޑަށް މި މައްސަލަ ގޮސް ގުޅެނީ ޗައިނާގެ ވަތަނީ ރޫހާ އެވެ.

އެހެންވީމަ މިވާ ގޮތެއް ބަލައިލަމާ ހިނގާށެވެ.

ޗައިނާގެ މުސްލިމު އާބާދީ އަށް ބަލައިލާއިރު އެގައުމުގެ މުސްލިމުން ބެހިގެން މި ދަނީ މައި ދެ ދަރިކޮޅަކަށެވެ. އެއީ ޗައިނާގައި ރަސްމީކޮށް ބަލައިގެންފައިވާ 55 ދަރިކޮޅުގެ ތެރެއިން ދެ ވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް ހޫއީންނާއި ޗައިނާގެ ސިޔާސީ ހަލަބޮލިކަން ބޮޑުވެފައި އޮތް ޝިންޖިއާންގަށް ނިސްބަތްވާ ޔީގްހޫރު ދަރިކޮޅުގެ މުސްލިމުންނެވެ.

ޗައިނާގައި މުސްލިމުން އެންމެ ގިނައީ ހޫއީންގެ ތެރޭގަ އެވެ. އެކަމަކު އެގައުމުގައި އެމީހުންނަށް ލިބިދީފައިވާ މިނިވަންކަމުގެ ވާހަކަ އާންމުކޮށް ފަލަ ސުރުހީތަކަކަށް ނާރަ އެވެ.

ޗައިނާގެ އާބާދީގެ ތެރެއަށް އިސްލާމީ އަލިކަމުގެ ނޫރު ވަދެފައި އޮންނަތާ 1،400 އަހަރުވަނީ ވެފަ އެވެ. އެގައުމުގައި މުސްލިމުންނަށް މިނިވަންކަމެއް ނެތޭ، މުސްލިމުން އެމީހުން ދީނުން ބޭރުކުރަނީއޭ ބުނާ ވާހަކައަކީ އަސްލު އެ ވާހަކައެއް ދައްކާހާ ބޮޑުކޮށް އޮތް މައްސަލައެއް ނޫނެވެ.

ޗައިނާ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނީ ޝިންޖިއާންގުގައި ދިރިއުޅޭ މުސްލިމު އާބާދީ ކަމުގައިވާ ޔީގްހޫރުންނާ ދެކޮޅަށެވެ. ހަގީގީ މައްސަލައަކީ ކޮބައި ހެއްޔެވެ؟

ހޫއީ މުސްލިމުންނަކީ ޗައިނާ ސަރުކާރަށް ބައިއަތު ހިފާފައިވާ ބައެކެވެ. ޗައިނާ ސަރުކާރާ ނިކަން ގުޅުން ބޮޑު، އަދި ޗައިނާ ސަރުކާރުގެ މަދަދު އެމީހުންނަށް ވެސް އެންމެ ފުރިހަމަ އަށް ލިބޭ މުސްލިމު އާބާދީއެވެ. ސަބަބަކީ ޝިންޖިއާންގަށް ނިސްބަތްވާ މުސްލިމުންނާއި ޓިބެޓް ސަރަހައްދަށް ނިސްބަތްވާ މުސްލިމުން ފަދައިން ޗައިނާ ސަރުކާރާ ވަކިވެގަތުމުގެ ވިސްނުމެއް ހޫއީންގެ ކިބައިގައި ނެތީމަ އެވެ.

އެހެންވީމަ ޗައިނާގެ ވަކި ސަރަހައްދެއްގައި ދިރިއުޅޭ މުސްލިމުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި ޗައިނާ ސަރުކާރުން ޖެއްސުންކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ ސިޔާސީ އަދި ވަތަނީ ވާދަވެރިކަމަކާއި ރޫހެއްގެ ތެރެއިންނެވެ.

ހަގީގަތަކީ ޗައިނާ އަކީ ނިކަން ސުލްހަޔަށް ލޯބިކުރާ އަދި ދީނީ މިނިވަންކަމުގައި ވެސް ނިކަން ފާހަގަކޮށްލެވޭ ގައުމެއް ކަމެވެ. މިސާލަކަށް ޗައިނާގައި އޮތް މުސްލިމުންގެ އާބާދީ އަށް ބެލި ނަމަވެސް އެކަން އެނގިގެންދެ އެވެ. އެގައުމުގެ މުސްލިމުންގެ އާބާދީ 20 މިލިއަނަށް ވުރެ މައްޗަށް އަރާއިރު ޗައިނާގެ ހުރިހާ ހިސާބެއްގައި ވެސް މުސްލިމުން ދިރިއުޅެ އެވެ.

މައްސަލަ ބޮޑުވެގެން މި އުޅެނީ ހަމަ އެންމެ ސަރަހައްދެގަ އެވެ. އެއީ ޗައިނާ ސަރުކާރާ ވަކިވެގަތުމުގެ ފިކުރަށް ހިތްވަރުދޭ މުސްލިމުން ގިނަ ހިސާބަކަށްވީމަ އެވެ.

މީގެއިތުރުން ފާހަގަކޮށްލަން ޖެހޭ އެހެން ކަމެއް ވެސް އެބައޮތެވެ. މި ރޯދަ މަހު ވެސް ޗައިނާގެ ހޫއީ މުސްލިމުން ދިރިއުޅެމުން ވަނީ ވަރަށް މިނިވަންކަމާ އެކު އުފަލުގަ އެވެ. އެމީހުންނަށް ރޯދަ ވެސް ހިފެ އެވެ. އަޅުކަމުގައި ބޭނުންއިރަކު އުޅެވެ އެވެ.

ކޮންމެއަކަސް ޗައިނާގެ މުސްލިމުންގެ މި ދަރިކޮޅަކުން ސަރުކާރާ ގުޅުން ބަދަކޮށްފައިވާއިރު ޗައިނާގެ މުސްލިމުންގެ މެދުގައި އޮންނަ ދާޚިލީ ތަޅާފޮޅުންތައް ވެސް ފާހަގަކޮށްލެވެ އެވެ. ޗައިނާ ސަރުކާރުން ވަކިވެގަތުމަށް މަސައްކަތްކުރާ މުސްލިމުންނާއި ސަރުކާރާ އެއްކޮޅު ހޫއީ މުސްލިމުންނާ ދެމެދު ތަޅާފޮޅުން ހިނގުމަކީ ވެސް ވަރަށް އާންމު ކަމެކެވެ.

އެހެންވީމަ ޗައިނާގެ މުސްލިމުންގެ ވާހަކަ ފަލަ ސުރުހީތަކަށް އަރައިގެން އުޅޭ މައްސަލައިގެ އަސްލަށް ބަލާއިރު އަހަރެމެން ހީކުރާ ވަރަށް މި މައްސަލަ ގޯހެއް ނޫނެވެ. ގިނަ ބަޔަކަށް ހީވެފައި އޮތީ ޗައިނާގައި މުސްލިމުންގެ އެއްވެސް ބަޔަކަށް މިނިވަންކަމެއް ނެތް ކަމަށާއި ރޯދައެއް ވެސް ނުހިފޭ ކަމަށެވެ.

އެކަމަކު ހަގީގަތަކީ އެއީއެއް ނޫނެވެ. ރޯދަ ހިފުން މަނާކޮށްފައި ވަނީ ވަކި ދަރިކޮޅަކަށެވެ.