އަނގަށް ވަތަށް ޖެހިފައި އޮތް ރޯމިއޯގެ އެއްވެސް ޚަބަރެއް ނެތެވެ. ދުވެފައި އައި ޖޫލިއެޓް އެތަނަށް ވެއްޓި ރޮއި ހޭރިގަތެވެ. ލޯބިވެރިޔާ ނަގައިގެން ގެނެސް އުނގަށް ލި އެވެ. ލެއިން ކަޅިވެފައި އޮތް ރޯމިއޯގެ ތުންފަތަށް ބޮސްދިނެވެ. ޖޫލިއެޓް ވެސް ބޭނުންވީ މި ދުނިޔެއާ ވަކިވާށެވެ. ރޯމިއޯ ނެތް ދުނިޔެއެއްގައި އުޅެން އަމުދަކުން ބޭނުމެއް ނުވި އެވެ.
އެކަމަކު ކޮކަޑިން ތައްޔާރުކުރި މޮޅު މޮކްޓެއިލްއެއް ބޮއެގެން ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ އަނގަވަތަށް ދެމުނު ރޯމިއޯގެ ތުންފަތަށް އުއްމައެއް ދީގެން ޖޫލިއެޓްގެ ފުރާނައާ ކުޅެލެވޭ ވަރެއް ނުވި އެވެ. އެކަމަކު ދެން ވެސް، ލޯބީގައި ދީވާނާވެފައި ހުރި މި ނޯ ޖަވާނު ބޭނުންވީ ހާސިލުނުވި ލޯތްބާއެކު މި ދުނިޔެ އަށް އަލްވަދާއުކިޔާށެވެ.
އެހެންކަމުން ކޮކަޑި ބޭނުންކޮށް އަނެއްކާވެސް ނިކަން ވަރުގަދަ މޮކްޓެއިލްއެއް ތައްޔާރުކުރަން ޖެހުނީ އެވެ. އެންމެފަހުން އެ ދެ ލޯބިވެރިން މި ދުނިޔެއަށް އަލްވަދާއުކިޔައި ބިންގަނޑުގެ އަޑިއަށް ގޮސް ނެތިގެން ދިޔައީ އެވެ. ލޯބީގެ ނިކަން ވަރުގަދަ ނިޝާނެއްގެ ގޮތުގައި ރޯމިއޯ އާއި ޖޫލިއެޓްގެ ނަން ކޮންމެ މީހެއްގެ ހިތުގައި ބިންވަޅުނެގިގެން ދިޔައީ އެވެ.
އެކަމަކު މި ވާހަކައެއް ރޮމޭންޓިކްވާ ސަބަބަކީ ކޮބައި ހެއްޔެވެ؟ ލޯބީގެ އެންމެ އަސަރުގަދަ ނުވަތަ ލޯބީގެ އެންމެ ބޮޑު ސިމްބަލްގެ ގޮތުގައި ރޯމިއޯ އާއި ޖޫލިއެޓް ވާހަކަ މީހުން ކިޔައިދެނީ ކީއްވެގެން ހެއްޔެވެ؟
ހާސިލުނުވާ ލޯތްބާއި އުފާވެރި ނިމުން ނާންނަ ލޯބީގެ ވާހަކަ ނުވަތަ ރޯމިއޯ އަކާއި ޖޫލިއެޓެއް އާޚިރުގައި އަބަދުވެސް މަރުވާ ވާހަކައެއް ރޮމޭންޓިކް ވާން ޖެހޭ ސަބަބަކީ ކޮބައިތޯ އެވެ؟ ހަގީގީ ލޯތްބަކީ ހާސިލުނުވެ، މަރުވެގެންދާ ލޯބި ހެއްޔެވެ؟
"ނޭނގެ. ކީއްވެ މަށަށް އެނގެންވީ؟ އައި އޭމް ނޮޓް އޭން އެކްސްޕާޓް އިން ލަވް،" ދެ ލޯ ބޮޑުކޮށް މޫނަށް ވައްތަރު ޖައްސައި ދެ އަތް ނަގައި ވާނުވާ ނޭނގޭ ކަހަލަ އިޝާރާތެއްކުރަމުން ރިމީ ބުނީ މިހެންނެވެ.
އަހަރެމެން ދެ މީހުން ތިބީ ސީހައުސްގެ ހިތްގައިމު ކޯނަރެއްގަ އެވެ. ބޯ މަތީގައި ދިއްލިފައި އޮތް ބޮކިން އަހަރެމެންގެ އިމުގައި ފަތުރާލާފައިވާ ރަން ރީނދޫ ކުލައިގެ ދޫލައެއް ކަހަލަ މާހައުލުގައި އޭނާގެ ފަން އިސްތަށިގަނޑު ވިދައި ބަބުޅަނީ އެވެ. ވެއިޓަރު ގެނެސް މޭޒު މަތީގައި އޭނާ އަށް ބެހެއްޓި އައިސް ލެމަން ޓީ ވެސް ވަނީ އެއްކޮށް ދިއްލިފަ އެވެ. ނުވަތަ އެއީ އަހަންނަށް އެ މަންޒަރު ފެންނަ ގޮތެވެ.
ވާހަކައެއްގައި މި މަންޒަރު ސިފަކޮށްދޭތީ ހަގީގަތަށް ފޮނިތޮށިކާފޫރު އަޅައިގެން ލޯބި ފައްކާކުރަނީ ކަމަށް ވެސް ވެދާނެ އެވެ. ކޮންމެއަކަސް ރޯމިއޯ އާއި ޖޫލިއެޓްގެ ވާހަކަ އަށް ގޮތެއް ނިންމަން އޭނާ ބޭނުން ނުވިޔަސް އަހަރެން ބޭނުންވީ އަދިވެސް އެ ވާހަކައެއްގައި ހިފައި ދަމާށެވެ.
"އެންމެ ރޮމޭންޓިކް ލޯބީގެ ވާހަކަ އަކީ އެކުގައި މަރުވެ ލޯތްބަށް ހުތުރުއެރުވި ރޯމިއޯ އާއި ޖޫލިއެޓްގެ ވާހަކައެއް ނޫނޭ. އެންމެ ރޮމޭންޓިކް ލޯބީގެ ވާހަކަ އަކީ ލޯބިވެ، ހުރިހާ ގޮންޖެހުމަކާ އެކު ވެސް އެ ލޯބި ހާސިލުކޮށް އެކުގައި ދިރިއުޅެ، އެކުގައި މުސްކުޅިވެ، އެއް އެނދުގައި ނިދައި މަރުވެ ލޯބީގެ ވަދާއީ ސަލާމަކުން މިދުނިޔެއާ ވަކިވި އަހަރެމެންގެ މާމަ އާއި ކާފަމެންގެ ލޯތްބެއް ނޫންތަ އަޅެ؟،" އަހަރެން އަނެއްކާވެސް ފަށައިގެންފީ އެވެ.
"މައި ގްރޭންޑް ޕޭރެންޓްސް، ނޯ ޕޭރެންޓްސް ހޭވް އަ ގުޑް ލަވް ސްޓޯރީ. ސޯ އަހަންނަކަށް ހަމަ ނޭނގޭ ބުނާނެ އެއްޗެއް،" ހޮޅި ނަގައި އެއް ފަރާތެއްގައި ބޭއްވުމަށް ފަހު ތަށީގައި އަނގަ ޖަހައި އޭނާ އައިސް ލެމަން ޓީން ފޮދުވަރެއް ބޯލައިފި އެވެ.
"ކީއްވެތަ ތިން ވަނަ މީހަކަށް ފުރުސަތު ދޭންވީ. އަހަރެމެން ދެ މީހުންގެ ގުޅުން މިހާ ހާއްސަވާއިރު،" ހޮޅި ނަގައި އެއްލައިލި ސަބަބަށް އިޝާރާތްކޮށް ފޮދުވަރެއް ބޯލުމަށް ފަހު އޭނާ ބުނެލި އެވެ. ތުންފަތުގެ ނިޝާން ފެންނަން ހުރި ބިއްލޫރި ތަށްޓަށް ބަލަން އިނދެފައި ދެން އިތުރުކޮށްލީ ހަގީގީ ލޯބީގެ ޖުމްލައެކެވެ.
"މިއެއް ނޫންތަ ހަގީގީ ލޯތްބަކީ؟"
އޭނާގެ އެ ފަށުވި ބަސްތަކުން ކަތިލީ އަހަރެންގެ ހަޔާތުގެ ވާހަކަ އެވެ. ތިން ވަނަ މީހަކީ އޭނާ އެވެ. އެކަމަކު އެ މަގާމު އޭނާ ބޭނުންނުވާ ކަހަލަ އެވެ. ނުވަތަ އަހަރެންގެ ހަޔާތުގެ ވާހަކަ އަހަރެން ދައްކަމުން ދިޔަ ވާހަކައާ ނުގުޅޭ ކަމުގެ އިޝާރާތެއް ދިނީ އެވެ.
ރިމީ އަކީ އެއް އިރެއްގައި ހަމައެކަނި ރައްޓެއްސެކެވެ. އެކަމަކު މިއަދު، އެކުގައި ނިދައި އެކުގައި ހޭލައި، ލޯބިކޮށް ސަމާސާކުރެވޭ ފެންވަރުގެ ރައްޓެއްސެކެވެ. މިރޭ ވެސް، މި ސީހައުސްގެ ހިތްގައިމު ވަގުތުކޮޅަށް ފަހު އަހަރެމެން އެނބުރި ގޮސް ވެއްޓިގަންނާނީ ދެ މީހުންގެ އަމިއްލަ ދުނިޔެއަކަށެވެ.
"މިއެއް ނޫންތަ ހަގީގީ ލޯތްބަކީ؟"
އޭނާގެ އެ ޖުމްލައިން އަނެއްކާވެސް އަހަރެންގެ ހިތުގައި އެތިފަހަރެއް އަޅުވައިލި އެވެ. ހީވީ ނަރުނަގޫ މަޑިއެއްގެ ނިގުލުން ޖަހައި ހިތުގެ އެއްފަޅި އިރާލައިގެން ގެންދިޔަ ހެންނެވެ.
"އެނގޭތަ އުފަލަކީ ރަނެއް ކަހަލަ އެއްޗެކޭ. އެކަނި ދިރިއުޅޭ މީހެއްގެ ހަޔާތަށް އުފާވެރިކަން ވެރިވާއިރަށް އެހެން އެންމެން އަންނާނެ އެމީހެއްގެ ހަޔާތަށް. އެންމެން ވެސް ބޭނުންވާނެ އެމީހަކާ އެކުގައި އުޅެން. އެ އުފާވެރިކަމުން ކޮންމެ ވެސް މިންވަރެއް ލިބިގަންނަން،" މޭގައި އަތް އަޅައިގެން އަހަރެންގެ ވާހަކަ އެހެން ދިމާލަކަށް ހިފައިލީމެވެ.
"ތިބުނަނީ އުފަލުގައި އުޅުނު މީހެއްގެ ހަޔާތަށް އަހަރެން ފުންމާލީއޭތަ؟،" އޭނާގެ ދެ އަތް ގެނެސް، އަހަރެންގެ ދެ އަތުގައި ހިފައި ބާރުކޮށްލި އެވެ.
ފިނިކަން އިހްސާސްކުރެވި އޭނާގެ ދެ ލޮލަށް ބަލައިލެވުނު ހިނދު ދެ މީހުންގެ ތުންފަތް މަތީގައި ވެސް ކުޅެލީ ލުއި ހިނިތުންވުމެކެވެ. އަހަރެމެން ދެ މީހުންގެ ލޯބީގެ ވާހަކައިގެ ވައްތަރާއި އަސްލު އޮތް ގޮތް ދެ މީހުންނަށް ވެސް އެނގޭތީ އެވެ. މީހެއްގެ ހަޔާތަށް ފުންމާލައިގެން އުޅެނީ ކާކުކަން ދެ މީހުންނަށް ވެސް އެނގޭތީ އެވެ.
"އެންމެފަހުން އުފާވެރިކަމުގެ އެ ރަން ފޮތިތައް އަހަންނަށްދީ ހުސްވެއްޖެ ނަމަ ކިހިނެތް ހަދާނީ؟،" ކުށްވެރިއެއްގެ އިހްސާސްކުރެވިގެން އަހަންނަށް އަހާލެވުނެވެ.
"ހަގީގީ ލޯތްބަކީ އެއެއް ނޫންތަ؟"
އޭނާ އަނެއްކާވެސް ސުވާލަކުން ކަތިލައިފި އެވެ. އެއަށް ފަހު ތާކުންތާކު ނުޖެހުނު އަދި ޖެހުނު ވާހަކަތަކެއްގެ ތެރެއިން ދެމިގެން ގޮސް އަހަރެމެން ދެ މީހުން ވެއްޓިގަތީ އޭނާގެ އެޕާޓްމަންޓްގެ އެނދަށެވެ. ކުރިން އެތަނުގައި ހުރި ސިންގަލް އެނދު ވިއްކާލާފައި އަހަންނަށްޓަކައި އޭނާ، ދެ މީހަކަށް ހެޔޮވަރު އެނދެއް ގެނައީ އެވެ.
މެންދަމުން އަލިވެ ތިނެއް ޖެހިއިރު ވެސް އަހަންނަކަށް ނުނިދުނެވެ. ހުސްގަޔާ ކްއިލްޓް ދަށަށް ވަދެ އޭނާ ނިދާފައި އޮތެވެ.
ބޮކްސާ ލައިގެން އަހަރެން އެނދުން ތެދުވިއިރު ވެސް އޭނާ އޮތީ ނިކަން އަރާމު ނިންޖެއްގަ އެވެ.
"އަހަރެން އޭނާގެ އުފާވެރި ދިރިއުޅުން ހަލާކުކުރަން އައީ ކީއްކުރަން ހެއްޔެވެ؟ އަހަރެން މިއީ ހާދަހާވާ އަމިއްލަ އެދުން ބޮޑު ފިރިހެނެކެވެ. އެކެއްގެ ދިރިއުޅުން ހަލާކުކޮށް އަނެކެއްގެ ހަޔާތް ވެސް ހަލާކުކޮށްލަނީ އެވެ."
އަހަރެންގެ ސިކުނޑީގައި ބައްދައިގަތީ މި ހިޔާލުތަކެވެ. ސަލާމަތްވާން ބޭނުންވީ އެ ހިޔާލުތަކުންނެވެ. އެކަމަކު އެ ހިޔާލުތަކެއްގެ ތެރޭގައި ބަނދެވި އަނދަގޮނޑި ޖެހިފައިވާތާ ވެސް އެތައް އަހަރެކެވެ.
ކައިވެނި ރޫޅި ރިމީގެ އުނގަށް އަދި އެނދަށް ވެއްޓުމުގެ ކުރިން އަހަރެން ތަޖުރިބާކާރެއްގެ އެހީ އަށް އެދުނީމެވެ. ކައިވެނި ސަލާމަތްކުރަން މަސައްކަތްކުރީމެވެ.
"އަހަންނަކަށް ނޭނގެ މި ވާހަކައެއް ކިޔައިދޭނެ ގޮތެއް. ފަހަރެއްގައި އަހަރެން ލޯބިނުވަނީ ނުވަތަ އަހަރެންގެ ކިބައިގައި އެއްވެސް އިހްސާސެއް ނެތީ. ލޯބިނުވަނީ ނުވަތަ އަޅާނުލެވެނީ އަނބިމީހާއަށް އެކަންޏެއް ނޫން. އާއިލާ އާއި ރައްޓެހިން އަދި އެކުގައި އުޅޭ އެހެން އެއްވެސް މީހަކަށް ވެސް އަޅައެއް ނުލެވޭ. ލޯތްބެއް ނުދެވޭ."
އަހަރެން އެންމެ އުފާވީ އަހަރެންގެ މި ހުރިހާ އުދާސްތަކެއް ބޭރުކޮށްލާނެ ދޮރެއް އެ ދުވަހު ހުޅުވުނީމަ އެވެ. ގާތްގަނޑަކަށް މަސް ދުވަސް ވަންދެން އަހަރެން ތަޖުރިބާކާރަކާ ވާހަކަ ދައްކައި ހަޔާތުގެ ވާހަކަ އޭނާ އަށް ކިޔައިދިނީމެވެ. ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް އެއް ވާހަކައެކެވެ.
ލޯބިވާން ނޭނގޭ ވާހަކަ އާއި އިހްސާސްތައް މުހިންމުވަނީ ކިހިނެތްކަން ނޭނގޭ ވާހަކަ އެވެ. އަނބިމީހާ އާއި އާއިލާގެ މެމްބަރުން މުހިންމުވަނީ ކިހިނެތްކަން ނޭނގޭ ވާހަކަ އެވެ. މީހުން ދެކެ ލޯބިވުމާއި މީހުންނަށް އަޅާލުމަކީ ކޮބައިތޯ ސުވާލުކުރެވުނެވެ. މީހަކު ދެކެ ލޯބިވާ މިންވަރު ސާބިތުކޮށް ދިނުމަށް ފުރާނަ ނަގައިލުން މުހިންމު ވަނީ ކޮން ގޮތަކަށްތޯ ސުވާލުކުރެވުނެވެ.
"ރޯމިއޯ މަރުވީ ކީއްވެ ހެއްޔެވެ؟ ޖޫލިއެޓް މަރުވީ ކީއްވެ ހެއްޔެވެ؟ ހަގީގީ ލޯތްބަކީ ނުވަތަ ލޯބީގެ އެންމެ ރޮމޭންޓިކް ވައްތަރަކީ ރޯމިއޯ އާއި ޖޫލިއެޓްގެ ލޯބި ހެއްޔެވެ؟"
އެ ތަޖުރިބާކާރަކަށް ވެސް ޖަވާބެއް ނުދެވުނެވެ. އަދި އަމިއްލަ އަށް މަރުވުން، ލޯބީގެ އެންމެ ރޮމޭންޓިކް ވައްތަރަށް ވާން ޖެހޭ ސަބަބު އަހަރެންގެ ސިކުނޑިއަކަށް ވެސް ނުވިސްނުނެވެ. އެކަމަކު ރޮމޭންޓިކް ލޯބީގެ އެ ވައްތަރަށް އަހަރެންގެ ހިތް އޮތީ އޭރު ލެނބި ނިމިފަ އެވެ. ހަޔާތުގައި މިހާތަނަށް ނުޖެހުނު ކުލަ ޖައްސަން އަހަރެން ހުރީ ކެތްމަދުވެފަ އެވެ.
ރިމީގެ އުނގަށް އަހަރެން ވެއްޓުނު އެއް ސަބަބަކީ އެއީ އެވެ. އަހަރެން ހީކުރީ ހަގީގީ ލޯތްބަކީ ކޮބައިކަން ކިޔައިދޭން އޭނާ އަށް އެނގޭނެ ކަމަށެވެ.
"ނޭނގެ. ކީއްވެ މަށަށް އެނގެންވީ؟."
އަހަރެން ހީކުރީ މީހަކު ދެކެ ލޯބިވާނެ ގޮތް އޭނާ އަށް އެނގޭނެ ކަމަށެވެ.
"ނޭނގެ. ކީއްވެ މަށަށް އެނގެންވީ؟."
އޭނާ އުފަލުގައި އުޅުނީތީ އެވެ.
"ނޭނގެ. އަހަރެން މި އުޅެނީ އުފަލުގައިތަ؟."
އަހަންނަކަށް ވެސް ނޭނގެ އެވެ. އުފަލުގައި އުޅުމަކީ އެކަނި އުޅުން ހެއްޔެވެ؟ އެކަނިވެރިކަމަކީ އުފާވެރިކަމެއް ހެއްޔެވެ؟
ރިމީ އަކީ އަބަދުވެސް އެކަނި އުޅުނު ކުއްޖެކެވެ. ފަހަރެއްގައި އޭނާގެ ހަމައެކަނި އެކުވެރިޔަކީ އަހަންނެވެ. އޭނާ އަކީ ޑިވެލޮޕަރެކެވެ. އަމިއްލަ މަސައްކަތުން އާމްދަނީއެއް ހޯދައިގެން އަމިއްލަ އެޕާޓްމަންޓެއްގައި އުޅެމުން އައި ވިހި ފަންސަވީހުގެ އަންހެން ކުއްޖެކެވެ. އަސްލު އުމުރެއް ވެސް އަހަންނަކަށް ނޭނގެ އެވެ.
ފަތިސް ނަމާދަށް ބަންގި ގޮވިއިރު ވެސް އަހަރެން ހުރީ ހޭލަ އެވެ. ކޮޓަރީގެ ބެލްކަންޏަށް ނުކުމެ ސިނގިރޭޓެއް ރޯކޮށްލައިގެން އެ ސިނގިރޭޓް ހުސްކޮށްލާފައި ކޮޓަރިއަށް ވަންއިރު ވެސް ރިމީ އޮތީ އަރާމު ނިންޖެއްގަ އެވެ. ރެއާއި ދުވާލު ވަކިކުރަން ނޭނގޭ ސިކުނޑިއެއްގެ ވެރިއަކީ އަހަންނެވެ. ނުވަތަ އަހަންނަށް ދުނިޔަވީ އެއްވެސް ކަމެއް ވަކިކުރަން ނޭނގެނީ އެވެ.
ކޮޓަރި އަށް ވަދެ އަހަރެން ބޭނުންވީ ބޭސްކައިގެން ނަމަވެސް ނިދާށެވެ. ނުނިދިގެން އުޅޭ ރޭތަކުގައި ބޭސް ނަގާ ވާހަކަ ރިމީ ވެސް ބުނެލާފައި އޮތުމުން އޭނާގެ އަތުގައި އޭގެ ބޭސްތަކެއް ހުންނާނެ ކަމަށް ހީކޮށްގެންނެވެ. އެކަމަކު ދަޅުތައް ހުރީ ހުހަށެވެ.
އެ ހިސާބުން އަހަރެންގެ ހިތަށް ބިރުވެރިކަން ވެރިވެއްޖެ އެވެ. މާ ސިންގާ ނަރުނަގޫ މަޑިއެއް ބޯ މަތިން ހުރަސްކުރިހެން ހީވި އެވެ. އޭގެ ބިޔަ ފިޔަގަނޑުން އުފެއްދި ގަދަ ރޯޅިތަކެއްގައި ޖެހި ލޮނުގަނޑެއްގެ ތެރެއަށް ދަމައިގެން ގެންދިޔަހެން ހީވި އެވެ. ނޭވާ ހާސްވެގަތެވެ.
އެ ބާރުގަނޑެއްގެ ތެރެއިން ނުކުމެގެން ގޮސް އެނދަށް އަރައި ރިމީގެ ކޮނޑުގައި ހިފައި އަހަރެން ތަޅުވައިގަތީމެވެ. އޭނާގެ ހެއެއް ނެތެވެ. ވިންދެއް ވެސް ނުޖަހަ އެވެ. އެނދު ކައިރިއަށް ބޭސްގުޅަތަކެއް ވެއްޓިފައި ހުއްޓެވެ.
އެ މަންޒަރު ފެނިފައި ސިހިގެން ގޮސް ރިމީގެ ހަށިގަނޑުން ދެ އަތް ދޫކޮށްލެވުނެވެ. އަނގަމަތީގައި އަތް އަޅައި ރޮއިގަނެވިއްޖެ އެވެ. ބިރުން ތެޅިގަތް ވަގުތު އެނދުން ވެސް ވެއްޓިއްޖެ އެވެ.
ބެލްކަނީގެ ދޮރު އަދިވެސް ހުރީ ހުޅުވައިފަ އެވެ. ފިނި ރޯޅިތަކެއް އެ ދިމާލުން ކޮޓަރި ތެރެއަށް ވަދެ މޮޅިވެރިކަން ޖަހައިގެންދާން އުޅޭ ކަހަލަ އެވެ. މަގޭ ފުރާނަ އަށް އެދި ގޮވާ ކަހަލަ އެވެ. އެ ވަގުތު އަނެއްކާވެސް ހިތާހިތުން ސުވާލުކޮށްލެވުނެވެ.
"އެންމެ ރޮމޭންޓިކް ލޯތްބަކީ ކޮބައި ހެއްޔެވެ؟." (ނިމުނީ)