މުހައްމަދުއްރަސޫލުﷲގެ ފެވަރިޓް ކެރެކްޓާސްތަކަށް ބަލާއިރު، އިބްރާހީމްގެ ފާނުގެ މަންމާފުޅު، އިމިތައްލީ އަކީ ދިވެހިންގެ ހިތްތަކުން ވަރަށް ހާއްސަ ޖާގައެއް ދެވިފައިވާ، ފިސާރި އަންހެނެކެވެ. އެންމެ ގިނަ ދިވެހިންނަށް ކަމުދާ ޓީވީ ކެރެކްޓާސްތަކެއް ތަރުތީބުކޮށްފި ނަމަ އެ ލިސްޓެއްގެ ކުރިން ވެސް އިމިތައްލީ އަށް ފުރުސަތު ލިބޭނެކަން ޔަގީނެވެ. އެއް ބަޔަކު ބުނާ ގޮތުން ނަމަ، މި ޑްރާމާގައި އެންމެ ގިނަ ދިވެހިން ޖަޒުބާތުގައި ޖައްސައި ރޮއްވާލި ހަމައެކަނި ކެރެކްޓާއަކީ ވެސް މިއީ އެވެ. އިމިތައްލީގެ ހަޔާތުގެ ހިތްދަތިކަން ފެނި ކަރުނަ ލޮލުން ނުލިހޭ ދިވެއްސަކު މި ޑްރާމާ ނުބަލާ ކަމަށް ބުނެވެ އެވެ.
ހަގީގަތުގައި އިމިތައްލީގެ ކެރެކްޓާ ދިވެހިންނަށް މިހާ ހާއްސަވުމާއި ކަމުދިއުމުގެ ފަހަތުގައި ވަރަށް ބޮޑު ސިއްރެއް އެބައޮތެވެ. މުހައްމަދުއްރަސޫލުއްﷲ ހަގީގީ "ނަހޫ ސްޓައިލަކަށް" އެބަހީ، ކަރުނައިން ފުރިފައިވާ ޑްރާމާއަކަށް ބަދަލުކޮށްލާ "ފިޔާ މިރުހަކީ" މި ކެރެކްޓާ ކަމަށްވާތީ އެވެ.
އިމިއްތަލީގެ ކެރެކްޓާ އާއި އެ މެލޯޑްރާމާ އެއްބަޔަކަށް ވަރަށް މަޖާ ވެސްމެ އެވެ.
ކޮންމެއަކަސް މި ދުވަސްކޮޅަކީ އިމިތައްލީގެ ފޯރި "މުހައްމަދުއްރަސޫލުއްﷲ" ޝޯގައި އެންމެ ގަދަވެގެން ދާ ދުވަސްކޮޅެވެ. އެހެންކަމުން މި އިމިތައްލީގެ ވާހަކަ ދައްކަން ވަކި މިއަށް ވުރެ މުނާސަބު ދުވަހެއް ވެސް ދެން އަންނާނެހެނެއް ހީއެއް ނުވެ އެވެ.
އެކަމަކު މި ކެރެކްޓާއެއްގެ ވާހަކަ ދައްކާއިރު އޭގެ އެންމެ މުހިންމު ނަމަކީ، މިސްރުގެ މި ޑްރާމާގައި އިމިތައްލީ އަށް ޑަބްކޮށްފައިވާ ދިވެހި ވޮއިސް އެކްޓަރު، ފާތިމަތު ނިޒާރު އެވެ. މަޝްހޫރު ނަމުން ނަމަ ރަތް ނިޒާރުގޭ ފާތުން އެވެ.
ފާތުން ބުނާ ގޮތުން ނަމަ، އިމިތައްލީގެ ކެރެކްޓާ އަށް އަޑުއެޅިތާ ގާތްގަނޑަކަށް 25 އަހަރުވާއިރު ވެސް އޭނާ އަށް އަދިވެސް އެ ކެރެކްޓާއަކުން ނުނިކުމެވެ އެވެ. އެކަމަކު އުމުރުން 51 އަހަރުގެ މި އަންހެނަކު ނުކުރާކަށް ދުނިޔެމަތީގައި ލައިގެން ކަމެއް ނެތޭ ބުންޏަސް އެންމެ ރަނގަޅުވާނެ އެވެ.
"މިހާރު އަޅުގަނޑަކީ ގޭގައި އަމިއްލަ މަސައްކަތް، އަމިއްލަ ވަރަށް ގިނަ މަސައްކަތްކޮށް އުޅޭ މީހެއް. ބާބެކިއު އަށް ބޭނުންވާ ދެލި އަޅުގަނޑު އުފައްދަން. ލޮނުމިރުސް ހަދައިގެން ވިއްކަން. އެއީ މަންމަގެ ފޯމިއުލާއެއް. ރިހާކުރުގެ ވިޔަފާރި ވެސް ކުރަން. ގޭގެ ފުރާޅުމަތީގައި ތަރުކާރީ އިންދަން ފެށިފަހަކުން އިރަކު ފިހާރައިން ނުވަތަ ބާޒާރުން ތަރުކާރީއެއް ނުގަންނަން،" މަސައްކަތުގެ ލިސްޓު އޭނާ ފަށައިގަތީ މިހެންނެވެ.
މި ލިސްޓެއް ނުވެސް ނިމުނެވެ.
"ކާށި ތެޔޮ ވެސް ހަދަން. ލޮނުމެދު ތެޔޮ ވެސް ހަދައިގެން ވިއްކަން. ފޯއްކޮށަން. ފޯއްކޮށައިގެން ވިއްކާތާ މިހާރު ތިރީހަކަށް އަހަރުވެދާނެ. ވަރަށް ބިޒީކޮށް އުޅެން ޖެހެނީ. ނޭވާލާނެ ވަގުތުކޮޅެއް ވެސް ނުވޭ."
މި ލިސްޓަށް ބަލައިލިޔަސް އެކަން ވަރަށް ސާފެވެ.
ވަކިން ހާއްސަކޮށް ރޯދަ މަހު އުޅުއްވަނީ ވަރަށް ވެސް ބިޒީކޮށެވެ.
އެކަމަކު ފާތިމަތު ނިޒާރުގެ އެންމެ ހާއްސަ ސިފައަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟
އެތައް އަހަރެއް ފާއިތުވެގެންދިޔައިރު ވެސް އެ އަޑަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. ވާހަކަ ދައްކަމުންދިޔައިރު ހީވަނީ، މުހައްމަދުއްރަސޫލުﷲ ޑްރާމާގެ ތެރެއަށް ދަމައިގެންދާން އުޅޭހެންނެވެ.
އޭނާ ބުނީ، މައުލޫމާތެއް ސާފުކޮށްލަން އޭނާ ތަނަކަށް ގުޅާލިޔަސް އެ މައުލޫމާތެއް ލިބުމުގެ ކުރިން އޭނާ އަށް ލިބެނީ އެކޮޅުން ވާހަކަ ދައްކާ މީހާގެ ހައިރާންކަމުގައި އުފެދޭ ސުވާލުތަކެއް ކަމަށެވެ.
"ވަރަށް ގިނަ ފަހަރުވާ ގޮތެއް. އަޅުގަނޑުގެ އަޑު އޮޅުވާލަން އުނދަގޫވޭ މީހުންނަށް. ތަނަކަށް ގުޅާލިޔަސް، ކަމަކު ގުޅާލިޔަސް، ބުނާނެ ފުރަތަމަ ވެސް ތިއީ ވަރަށް ދަންނަ އަޑެކޭ. ތިއީ ހާދަ ދަންނަ އަޑެކޭ. ވަރަށް އަޑުއިވެޔޭ. ކޮންތާކުން ބާވައޭ. ކިހިނެތްބާވައޭ. ދެން މިވާގޮތަކީ އާންމުކޮށް އެ ޝޯ ބަލާ މީހުންނަށް މި ފާހަގަކުރެވެނީ އަޅުގަނޑުގެ އަޑު. މީހާ ފެނިގެން ފާހަގަކުރަން ނޭގުނަސް،" ފާތުން ކިޔައިދިނެވެ.
"ވަރަށް ގިނަ ފަހަރު ކަމެއް އޮޅުން ފިލުވާލާއިރަށް ވެސް ވަރަށް ގިނަ މީހުން ބުނާނެ ތިއީ ހާދަ ދަންނަ އަޑެކޭ. އެއީ ހަމަ ވަރަށް ގިނަ ފަހަރަށް ދިމާވާ ކަމެއް. ދެން އަޅުގަނޑު ބުނަން، ޑަބިން ހެދިފައި ހުރިވަރުން ކަމަށް އެހެން އެ ވަނީ."
އެއީ ތެދެކެވެ. ފާތިމަތު ނިޒާރުގެ އަޑަކީ ހަމައެކަނި މުހައްމަދުއް ރަސޫލުއްﷲ މެދުވެރިކޮށް ކޮންމެ ރޯދަމަހަކު އިވޭ އަޑެއް ނޫނެވެ. ހަގީގަތަށް ބުނަނީ ނަމަ، އޭނާ އަކީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ބަލަނީ ނަމަ، "ޑަބިން ކުއީން" އެކެވެ. ޑަބިން އެކްޓަރެއްގެ ގޮތުގައި އޭނާ ކޮށްފައިވާ މަސައްކަތްތައް ވަރަށް ވެސް ގިނަ އެވެ.
މަސައްކަތްނުނިމި ދިގުލައިގެން ދިޔަ ވަރަށް ގިނަ ދިވެހި ފިލްމުތަކެއް އޭނާގެ "އަޑުން" ސަލާމަތްކޮށް ބެލުންތެރިންނާ ހަމަ އަށް ވެސް ގެނެސްފައި އެބަހުއްޓެވެ. ދިވެހި ފިލްމުގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކަށް ވެސް އޭނާ ޑަބްކޮށްފައި އެބަހުއްޓެވެ. މިހެން އަދި ބޮލީވުޑްގެ ފިލްމުތަކޭ ބުންޏަސް، މި ދައްކަނީ ހިންދީ ފިލްމުތަކަށް ދިވެހި ބަހުން ޑަބްކޮށްގެން ނެރުނު ވާހަކަ އެވެ.
"ހިންދީ ލަވަ އަލްބަމްތައް މާލޭގައި ނެރުނުއިރު އޭގެ ތަޖުރަމާ ވެސް ހުންނާނެ އޯޑިއޯ އަލްބަމްތަކަށް އަޅައިދީފައި. އެއް ފަހަރަކު ހިންދީ ފިލްމަކަށް ވެސް ޑަބްކުރަން ޖެހުނު. އެއީ މަޝްހޫރު މެއިނޭ ޕިޔާރުކިޔާ. އޭގައި އަޅުގަނޑު އަޑު އެޅީ ބަގްޔާޝްރީގެ ބަޔަށް. އެހެންވީމަ ވަރަށް ގިނަ އެކަހަލަ ކަންތައްތައްކުރެވިފައި މިހުރީ،" ފާތުން ކިޔައިދިނެވެ.
"އަދި އެއްފަހަރަކު ކޮންމެވެސް ބަޔަކު ޝޫޓްކޮށްގެން އައި ފިލްމެއް، އައިއިރު މައިކް އޮން ނުކޮށް ހުރީ. އެއްވެސް އަޑެއް ނެތް. ކޮންމެވެސް ރިސޯޓެއް ނުވަތަ ރަށެއްގައި ނެގި ފިލްމެއް އެއީ. އަޅުގަނޑު ހަނދާން ވަނީ އެއީ ހާސިލް ނަމަކަށް ކިޔާ ފިލްމެއް ކަމަށް. ދެން އެ ފިލްމަށް ވެސް އެންމެފަހުން ޑަބްކޮށްދިނީ އަޅުގަނޑު."
ކޮންމެއަކަސް ޑަބްކުރުމުގައި ފާތުން ވެފައި ހުރީ ދިވެހި ޑައިރެކްޓަރުންނަށް ލިބިފައި އޮތް ރަންގަނޑަކަށެވެ.
"އަޅުގަނޑަށް ވަރަށް ފަސޭހަ ކަމެއް ޑަބްކުރުމަކީ. ބަލާލާފައި އެކަން ކޮށްލަން ވަރަށް ފަސޭހަ. އެހެންވީމަ ފިލްމެއް ވެސް ޓައިމް އަށް ނުނިންމިދާނެހެން ހީވެއްޖެ ނަމަ ގުޅާނީ އަޅުގަނޑަށް. މިސާލަކަށް މަހްމާ ހުސެއިންގެ "ޔަތީމު" ފިލްމު ނެރެން ހަތަރު ދުވަހަށްވީއިރު ވެސް ޑަބިން އޮތީ ނުނިމި. ދެން އެމީހުން އަވަސްކޮށްލާފައި އަޅުގަނޑަށް ގުޅައިގެން އެ ފިލްމަށް ވެސް އަޅުގަނޑު އަޑުއަޅައިދިނިން. އެއީ ދެ ދުވަސް ތެރޭގައި ނިންމާލި މަސައްކަތެއް،" ކުރީގެ މަޝްހޫރު ޑައިރެކްޓަރެއް ކަމުގައިވާ އީސަ ޝަރީފާ ކުރިން ކައިވެނިކޮށްގެން އުޅުނު ފާތުން ކިޔައިދިނެވެ.
މި ފާތިމަތު ނިޒާރެއްގެ ވާހަކަ ހަގީގަތުގައި ވެސް، މުހައްމަދުއްރަސޫލުﷲ ޑްރާމާ އަށް އަޑުއަޅައިދީފައިވާ އެހެން ކެރެކްޓާސްތަކާ ތަފާތެވެ. މިސާލަކަށް އޭނާގެ މަދުރަސީ ހަޔާތުން ފެށިޔަސް އޭގައި ނެތް ކުލައެއް ނެތެވެ. ވަކިން ހާއްސަކޮށް ޑްރާމާ އާއި އެކްޓްކުރުމުގެ ހަރަކާތްތަކުގައި ކުލަގަދަ އެވެ.
އެކަމަކު އަމީނިއްޔާގެ ގްރޭޑް އެކެއްގައި އުޅެމުން، "ސިންޑްރެއްލާ ޑްރާމާ" ކުޅުނުއިރު އޭނާ ލައްވާލީ އޭގެ "އަގްލީ ސިސްޓާއެއް" ގެ ގޮތުގަ އެވެ.
"ގްރޭޑް ވަންގައި ވެސް އަޅުގަނޑު ހުންނާނެ ޑްރާމާ ވެސް ކުޅެފައި. އޭރު ވާގޮތަކީ އޭރަކު ހުންނަ ޓީޗަރަކު އެންމެ ލޯބިވާ ކުދިންނަށް ޑްރާމާތަކުން ފުރުސަތު ލިބޭނީ. ޑްރިލް އެއް ޑާންސެއްގައި ބައިވެރިވެވޭނީ ވެސް. އަޅުގަނޑުމެންގެ ޓީޗަރަކަށް އޭރު ހުންނާނީ ޕެރޭރާ ކިޔާ ޓީޗަރެއް. ވަރަށް ރަނގަޅަށް ހަނދާން އެބަހުރި،" ފާތުން ކިޔައިދެމުންދިޔަ އެވެ.
"އެގޮތުން އަމީނިއްޔާ ސްކޫލްގައި ގްރޭޑް އެކެއްގައި، އަޅުގަނޑު ސިންޑްރެއްލާ ޑްރާމާ ކުޅެ އޭގައި އަގްލީ ސިސްޓާއެއްގެ ރޯލު ކުޅުނު ހަނދާން ވެސް އެބަހުރި."
ސްކޫލް ލައިފަށް ފަހު ފާތުން އަކީ އަންހެން ވޮލީ ކޯޓުތަކުން ވެސް އެތައް ދުވަސްތަކެއް ވަންދެން ފެނިގެންދިޔަ ވަރުގަދަ ލީޑަރެކެވެ.
"ސްކޫޅްގައި އުޅުނު އިރު ހަމައެކަނި ޑްރާމާއެއް ވެސް ނޫން ކުޅުނީ. ވަރަށް ގަދަ އަށް ކުޅިވަރު ވެސް ކުޅުނިން. އޭރު އޮންނާނީ ނެޓްބޯޅަ. ވަރަށް ގަދަ އަށް ވޮލީ ވެސް ކުޅުނިން. ވަރަށް ފަހަކާ ޖެހެން ދެން ވެސް ވޮލީ ކުޅުނިން. އަޅުގަނޑުގެ އަންހެން ދަރިއާ އެކު މުބާރާތެއްގައި ވެސް ކުޅުނިން."
ޔަގީނަށް ވެސް އެއީ މުގުރަން އުނދަގޫވާނެ ރިކޯޑެކެވެ.
"މިއުޅޭ ހުރިހާ މަޝްހޫރު ކުދިންނާ އެކު ވެސް ކުޅެވިފައި ހުންނާނީ. ބޮޑަށް ކްލަބް ލެވެލްގައި ކުޅުނީ. ގައުމީ ޓީމު ގޮވައިގެން މެނޭޖަރުގެ ގޮތުގައި ވެސް ދިޔައިން ބޭރަށް. އޭޝިއަން ގޭމްސް އަށް އަދި އެހެން މުބާރާތަކަށް ވެސް ދިޔައިން އަންހެން ވޮލީ ޓީމާ އެކު."
މިހައި ހިސާބުން ފާތިމަތު ނިޒާރުގެ ވާހަކައެއް އަދި ނިމުނީކީއެއް ނޫނެވެ. މުހައްމަދުއް ރަސޫލުﷲ ޑްރާމާ އަށް އޭނާއާ އެކު އެނބުރިގަންނައިރު އިމިއްތަލީގެ އިތުރުން ވަރަށް މުހިންމު އެހެން ކެރެކްޓާއަކަށް ވެސް އަޑުއަޅައިދީފައިވާ ފަރާތެކެވެ. އެއީ އިބްރާހީމްގެ ފާނުގެ މަންމަ، އިމިތައްލީއާ އެއްވަރުގެ މަގްބޫލުކަމެއް ދިވެހިންގެ މެދުގައި ހޯދާފައިވާ، މޫސާ އަލައިހިއްސަލާމްގެ މަންމާފުޅު ޔޫކާބިތުގެ ރޯލެވެ.
"މުހައްމަދު ރަސޫލުއްﷲ ވަރަށް ހާއްސަ. ވަކިން ހާއްސަކޮށް އިބްރާހީމްގެ ފާނުގެ ބައި އަޅުގަނޑަށް ވަރަށް ކަމުދޭ. އަޅުގަނޑު ހަމަ އެއްގޮތަކަށް ވެސް ފޫއްސެއްނުވޭ އެބައި ބަލައިބަލައެއް. ކިތައް އަހަރު މިވީ މިހާރު. އަޅުގަނޑަށް ހީވަނީ 25 އަހަރު ވެދާނެހެން. އެކަމަކު ވެސް ފޫއްސެއް ނުވޭ،" ޝޯ އަށް ހިތުން ދެވިފައިވާ މަގާމަށް އިޝާރާތްކޮށް ފާތުން ބުންޏެވެ.
"އެއްޗެއް އެއްފަހަރު ބަލައިފިއްޔާމު ދެ ވަނަ ފަހަރަކު ބަލާހިތެއް ނުވާނެ އަޅުގަނޑު. އެކަމަކު މުހައްމަދުރަސޫލުﷲ އާމެދު އެހެނެއް ނުވޭ. އަޅުގަނޑަށް ހީވަނީ ޑައިލޮގްތައް ވެސް ރީތީހެން އިބްރާހީމްގެ ބައިގައި. އަނެއްކާ އެ ބަޔަށް ޖުމްލަކޮށް އަޑުއެޅި މީހުން ވެސް ވަރަށް މޮޅު."
ޔަގީނަށް ވެސް އޭގެ ތެރެއިން އެންމެ މޮޅު އެކަކަކީ ފާތިމަތު ނިޒާރު އެވެ. މުހައްމަދުއް ރަސޫލުއްﷲ އިން ދިވެހިންގެ ހިތްތަކާ އެންމެ ބޮޑަށް ކުޅެލި އަޑަކީ މިއީކަން ޔަގީނެވެ. ދިވެހިންނަށް ލިބުނު އެންމެ ބޮޑު އުފަލަކީ ފާތުންކަން ޔަގީނެވެ.
އެހެންވީމަ މި ތަޖުރިބާއަކުން ފާތުން އަށް ލިބުނު އެންމެ ބޮޑު އުފަލަކީ ކޮބައި ހެއްޔެވެ؟
"އެ ތަޖުރިބާގައި ލިބުނު އެންމެ ބޮޑު އުފަލަކީ، އެވަރުގެ ބޮޑު ޕްރޮގްރާމެއް ފެށުމުގެ ނަސީބު ލިބުން. އަޅުގަނޑު އަޑުއަޅައިދިން ކެރެކްޓާއިން އެ ޑްރާމާ ފެށިގެން އެ އަންނަނީ. އެއީ ވަރަށް އުފާވި ކަމެއް. އަދި އަޑު އަޅަން ޖެހުނީ އިބްރާހީމްގެފާނުގެ މަންމާފުޅުގެ ބަޔަށް ކަމަށްވުމުން ވެސް ވަރަށް އުފާވި."