އަބްދުﷲ ޔާމީން ރަޝީދު

ހައްދުފަނައެޅުމާއި ޓެރަރިޒަމާ ގުޅިގެން އެޅިދާނެ ފިޔަވަޅުތައް އަންގަން މަޖިލީހަށް ރައީސް ހުށަޅުއްވައިފި

Jun 8, 2016

ޓެރަރިޒަމާއި ހައްދުފަހަނަޅައިދިޔުމާބެހޭ ގޮތުން، ދައުލަތުގެ ސިޔާސަތު ހާމަކުރާ ކަރުދާހަކަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވައި، އެ މަޖިލީހުން ދެކެވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުން އެދި، އަދި ޓެރަރިޒަމާއި ހައްދުފަހަނަޅައިދިޔުމުގެ މައްސަލައިގައި، އިތުރަށް އެޅިދާނޭ ފިޔަވަޅުތަކާބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުން އެދި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ، ޓެރަރިޒަމާއި ހައްދުފަހަނަޅައި ދިޔުމަކީ، މި ވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަށްވެފައި މިއީ ގައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލައަކަށްވާތީ ކަމަށެވެ.

އަދި މިއީ މުޅި ދުނިޔެއަށް ވެސް ދިމާވެފައިވާ ބިރުވެރި އެހާމެ ނުރައްކާތެރި މައްސަލައަކަށްވާއިރު، މިކަމުގައި ރާއްޖެއިން މިހާރުވެސް އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ގެންދިޔަނަމަވެސް، މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިންނާއި، އަދި ގާނޫނީ އޮނިގަނޑު އިޞްލާޙުކޮށްގެންވެސް، އިތުރު އަވަސް ފިޔަވަޅު ތަކެއް އަޅުއްވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީ ކަމަށެވެ.

ޓެރަރިޒަމާއި ހައްދު ފަހަނައަޅައި ދިޔުމުން ދިމާވެފައިވާ އަދި ދިމާވަމުންދާ، ޚާރިޖީ، ދާޚިލީ، އަދި އިޖްތިމާޢީ މައްސަލަތަކަކީ، އެކަންކަން ޙައްލުކުރުމުގައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.