ހަބަރު

ޖަލަށް ފޯނެއް ވެއްދި މީހަކު އަރުވާލަން ހުކުމްކޮށް، ހުކުމް ތަންފީޒުކުރުން ފަސްކޮށްފި

Feb 11, 2015
1

މާލެ ޖަލުގެ ގޮޅިއަކަށް ފޯނެއް ވެއްދި ޖަލު އޮފިސަރެއްގެ މައްޗަށް ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެއް ސާބިތުވެ ތިން މަސް ދުވަހަށް އަރުވާލަން ހުކުމްކޮށް އެ ހުކުމް ތަންފީޒުކުރުން ތިން އަަހަރަށް ފަސްކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ހޯމް ދުވަހު މި ހުކުމް ކޮށްފައި ވަނީ ގދ.ގައްދޫ ވައިމަތީގޭ މުހައްމަދު ގާސިމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުގެ ރޭ މާލޭ ޖަލުުގެ ޔުނިޓް 4 ގެ ޑިއުޓީގައި އުޅެމުން 3 ނަންބަރު ގޮޅިއަށް ގޮސް، އެ ގޮޅީގައި ހައްޔަރުކޮށްފައިވާ މީހެއްގެ އަތަށް ފޯނެއް ދިން މައްސަލައިގަ އެވެ. މުހައްމަދުގެ މައްޗަށް ހުށަހަޅާފައިވާ ހެކިން ކުށް ސާބިތުވާ ކަމަށް ކޯޓުން ހުކުމް ކުރި ނަމަވެސް ކުޑަ އަދަބެއް އައިސްފައި ވަނީ މިއީ އޭނާ ކުށެއް ކުރި ފުރަތަމަ ފަހަރު ކަމަށް ވާތީ އެވެ.

މުހައްމަދު ތިން މަސް ދުވަހަަށް އަރުވާލަން، މިހާރު އަމަލުކުރާ ދުވަސްވީ ގާނޫނުލް އުގޫބާތުގެ ދަށުން ހުކުމް ކުރި ނަމަވެސް އެ ހުކުމް ތަންފީޒް ކުރުން ވެސް ވަނީ ފަސްކޮށްފަ އެވެ. އެގޮތުން މި ހުކުމް ކުރާތާ ތިން އަހަރު ދުވަހުގެ ތެރޭގައި އިތުރު ކުށެއް ނުކޮށްފި ނަމަ، މި ހުކުމް އައި މުހައްމަދު އަރުވާލުމުގެ ހުކުމް ވެސް ސަލާމަތް ވާނެ އެވެ.