ދުނިޔެ

ސިންގަޕޫރުގައި ސަރުކާރު މުވައްޒަފުންނަށް އިންޓަނެޓް ކަނޑާލަނީ

Jun 9, 2016

މި ރާއްޖޭގައި ވެސް ގިނަ ވަގުތު އިންޓަނެޓުގައި ބޭކާރުކުރާ ސަރުކާރުގެ މުވައްޒަފުން މިއީ އިންޒާރެއްކަން ޔަގީނެވެ. އަޅުގަނޑުމެންގެ ރާއްޖެ ވެސް ކުރިއަށް ދަނީ ސިންގަޕޫރުގެ ފިޔަވަޅުމަތިންކަމުގައިވާތީ އެވެ.

ކޮންމެއަކަސް ސިންގަޕޫރުން މި ވަނީ އަނެއްކާވެސް ތާރީޚީ ބަދަލަކަށް ހިފައިފަ އެވެ. އަންނަ އަހަރުގެ މެއި މަހުން ފެށިގެން އެގައުމުގެ ސަރުކާރު މުވައްޒަފުންނަށް، މަސައްކަތުގެ މާހައުލުގައި އެއްވެސް އާލާތަކުން އިންޓަނެޓަކަށް ނުވަދެވޭނެ އެވެ.

ސިންގަޕޫރުގެ މަޝްހޫރު، ސްޓްރެއިޓް ޓައިމްސް ގައި ބުނެފައި ވަނީ މިއީ މަސައްކަތުގެ ދާއިރާއާ ގުޅޭ އީމެއިލްތަކާއި ސިއްރު އެހެން ލިޔެކިޔުންތައް ލީކުވުން ހުއްޓުމަކަށް ގެނައުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ. އޮފިޝަލުން ވިދާޅުވެފައި ވަނީ މަސައްކަތުގެ މާހައުލުގައި އުޅޭއިރު، މަސައްކަތާ ގުޅޭ އީމެއިލް ފަދަ ލިޔެކިޔުންތައް އަމިއްލަ މެއިލްތަކަށް ފޯވާޑްކުރުން ވެސް މަނާކުރާނެ ކަމަށެވެ.

އަނެއްކާ މިއީ ސިންގަޕޫރުގެ ސްމާޓް ނޭޝަން ޓެކްނޮލޮޖީ ހަރަކާތާ ދެކޮޅު ފިޔަވަޅެއް ހެއްޔެވެ؟ ބައެއް މީހުންގެ ނަޒަރުގައި މިއީ ތަރައްގީގެ ދުނިޔޭގައި ސިންގަޕޫރުން މިފަހަރު ފަހަތަށް އެޅި ފިޔަވަޅެކެވެ.

ސަބަބަކީ މީގެ ނޭދެވޭ އަސަރު އެތައް ބަޔަކަށް ކުރާނެ ކަމަށް ލަފާކުރެވޭތީ އެވެ. އެގޮތުން އެހާ މުހިންމު ނޫން ސިއްރުތަކާއި މައުލޫމާތުތައް ދުވަހުގެ މަސައްކަތުގައި ގެންގުޅެން ނުޖެހޭ ފަދަ ފަރާތްތަކަށް ވެސް މި ފިޔަވަޅުގެ ދަށުން އިންޓަނެޓް ކެނޑިގެންދާނެތީ އެވެ.

އެހެން ނަމަވެސް މި ބަދަލަށް ތައްޔާރުވުމުގެ މެމޯ ސިންގަޕޫރުގެ ސަރުކާރުގެ ހުރިހާ އޮފީސްތަކަކަށް ވަނީ މިިހާރު ފޮނުވައިފަ އެވެ. މިބަދަލު ތަންފީޒުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ސިންގަޕޫރުގެ އިންފޯކޮމް ޑިވޮލަޕްމަންޓް އޮތޯރިޓީ އިން ބުނެފައި ވަނީ މިއީ ސައިބަރު ހަމަލާތަކުން ސަލާމަތްވެ، ރައްކާތެރި މާހައުލެއްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ހޯދައިދޭން އަޅާ ފިޔަވަޅެއް ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުން މަސައްކަތްކުރާ މާހައުލު، އިންޓަނެޓާ ނުލައި ހިންގޭނެ ފަދަ ގޮތަކަށް ބަދަލުކުރިޔަސް، ސިވިލް ސާވިސްގައި މަސައްކަތްކުރާ ބައެއް ފަރާތްތަކަށް އިންޓަނެޓް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

ސިންގަޕޫރުގެ ސޯޝަލް މީޑިއާގައި އެނބުރޭ ހިޔާލުތަކަށް ބަލާއިރު މިއީ އިންޓަނެޓް ސެކިއުރިޓީގައި ބޮޑު ކެއްސެއް ލިބިގެން ސިންގަޕޫރުން އަޅާ ފިޔަވަޅެކެވެ. ނަމަވެސް އެފަދަ އެއްވެސް މައްސަލައެއްގެ ވާހަކަ އޮފިޝަލުން ހާމަކުރައްވާފައެއް ނުވެ އެވެ.

ހެކަރުންގެ މަޝްހޫރު ގްރޫޕެއް ކަމުގައިވާ، އެނޮނިމަސް އިން 2013 ވަނަ އަހަރު ސިންގަޕޫރުގެ ބޮޑުވަޒީރުގެ ވެބްސައިޓް ހެކްކޮށްފައިވެ އެވެ.