ފަލަސްތީން

ފަލަސްތީނު ރައްޔިތުންނަށް ދޫކުރި ރޯދަ ޕާމިޓް އިޒްރޭލުން ހިފަހައްޓައިފި

Jun 9, 2016

އިޒްރޭލުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ އަދި ވިޔަފާރީގެ މައި ރަށް، ތެލް އަވީވްގައި ފަލަސްތީނުގެ ދެ މީހަކު ރޭ ދިން ބަޑީގެ ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ 83000 ރައްޔިތުންނަށް ދޫކޮށްފައިވާ ރޯދަ ޕާމިޓް އިޒްރޭލު ސަރުކާރުން ހިފަހައްޓައިފި އެެވެ.

"ރޯދަ މަހަށް ދޫކޮށްފައިވާ ޕާމިޓްތައް، ހާއްސަކޮށް ޖޫދިޔާ އަދި ސަމާރާގައި ދިރިއުޅޭ ފަރާތްތަކަށް ދޫކޮށްފައިވާ ޕާމިޓްތައް މިހާރު ހިފެހެއްޓިފައިވާނެ،" ކަމަށް ހުޅަނގު އައްސޭރީގެ ކަންކަން މެނޭޖްކުރާ ޔުނިޓުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވެ އެވެ.

މި ހަަަމަލާތަކާއި ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ވިދާޅުވެފައި ވަނީ ހަމަލާ ދިން މީހުންނަށް ރައްދު ދިނުމަށާއި އިޒްރޭލުގެ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ މިދިޔަ ހަފްތާގައި ފަަލަސްތީނު ރައްޔިތުންނަށް ރޯދަ މަހު ފަސޭހަ ކޮށްދޭނެ ކަމަށް އިޒްރޭލު ސަރުކާރުން އިއުލާންކުރުމަށްފަހު އެވެ. އެގޮތުން، 500 މީހުންނަށް އަގްސާ މިސްކިތުގައި ނަމާދު ކުރުމަށް ފުރުސަތު ދޭނެ ކަމަށް އިޒްރޭލު ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް، ރޭގެ ހަަމަލާ އާއި ގުޅިގެން މިކަމަށް ބަދަލު އަންނާނޭ ކަމަށް ލަފާކުރެވިފައިވެ އެެވެ.

ތެލް އަވީވްގެ މެދުތެރޭގައި އޮންނަ މަޝްހޫރު ސަރޯނާ ބާޒާރުގައި ދިން މި ހަމަލާގައި އިޒްރޭލުގެ ފަސް މީހަކު ޒަޚަމްވެފައިވާއިރު ހަތަރު މީހެއްގެ ހާލު ވަރަށް ސީރިއަސް އެވެ. ފުލުހުން ބުނެފައި އެ ހަމަލާގައި ފަލަސްތީނުގެ ތިން ވަނަ މީހަކު ވެސް ބައިވެރިވި ކަމަށް ލަފާކުރެވޭ ކަމަށެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނެފައި ވަނީ ހަމަލާ ދިން ދެ މީހުން ވެސް ތިބީ ކޯޓު ފަޓުލޫނާއި ޓައީ އަޅައިގެންނެވެ. އަދި ބާޒާރުގެ ރެސްޓޯރަންޓްތަކުގައި އެ ދެ މީހުން ވަގުތު ހޭދަކޮށްފައިވެ އެވެ.

މި ހަމަލާ އަށް ފަހު އިޒްރޭލުގެ ފުލުހުން ވަނީ ހަމަލާގައި ބައިވެރިވި ދެ މީހުން އަތުލައިގަނެފަ އެވެ. އޭގެ ތެރެއިން އެކަކު ވަނީ ކުރިމަތިލުންތަކުގައި ޒަޚަމްވެފައެވެ.