ހޮލީވުޑް

ވޯކްރާފްޓް: ޝްވެކް ސިނަމާގައި މިއަދު ދައްކާ އެންމެ ބޮޑު ފިލްމު

Jun 10, 2016

ވީޑިއޯ ގޭމެއްގެ އަސްލަށް "ބްލޮކްބަސްޓާ" ދަރަޖައިގެ ފިލްމެއް ހަދައިގެން ހޮލީވުޑަށް ނެރުމަކީ ހަގީގަތުގައި ވަރަށް ވެސް ބޮޑު ރިސްކެކެވެ. އެ ވީޑިއޯ ގޭމަކީ މުޅި ދުނިޔެ އަށް މަޝްހޫރު ވީޑިއޯ ގޭމަކަށްވިޔަސް ހޮލީވުޑްގެ ބޮޑު ސްކްރީނުގައި ކާމިޔާބު ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ނިންޓެންޑޯގެ މަޝްހޫރު، "ސުޕަ މާރިއޯ ބްރޯސް" ލައިވް އެކްޝަން ފިލްމެއްގެ ގޮތުގައި 1993 ވަނަ އަހަރު ބޮޑު ސްކްރީނަށް ނެރުނެވެ. ވީ ފްލޮޕެވެ. މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ ލީޑް ރޯލަށް ލައިގެން އުފެއްދި "ޓޮމް ރެއިޑާ" ފިލްމުތަކަކީ ވެސް ވީޑިއޯ ގޭމްގެ އަސްލަށް ނެރެގެން އެތައް ފާޑުކިޔުންތަކެއް އަމާޒުވި ފިލްމުތަކެކެވެ.

"ޕްރިންސް އޮފް ޕާޝިއާ" ބޮކްސް އޮފީހުގައި ފައިސާ ނެގި ނަމަވެސް އެ ފިލްމަކީ ވެސް ވީޑިއޯ ގޭމްތަކުގެ އަސްލަށް އުފެއްދި ބޮޑެތި ފިލްމުތަކުގެ ތެރެއިން ފާޑުކިޔުންތެރިންގެ ކުރިމަތީގައި ފްލޮޕްވި އަނެއް ފިލްމެވެ.

އެހެން ނަމަަވެސް މިއަދު ރަސްމީކޮށް ޝޯތައް ފެށުމަށް ހަމަޖެހިފައިވާ "ވޯކްރާފްޓް" އަކީ ވީޑިއޯ ގޭމްތަކުގެ އަސްލަށް އުފައްދާ ފިލްމުތަކުގެ ބަދުނަސީބު ހާލަތު ބަދަލުކޮށްލާ ފެންވަރުގެ ފިލްމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޑީސީ އިން "ދަ ޑާކް ނައިޓް" އާއި މާވެލްގެ "އެވެންޖާސް" ތަކާ އެކު މިއަދުގެ ސިނަމާގެ ދުނިޔެ އަށް ގެނެސްފައިވާ ފެންވަރުގެ އިންގިލާބަކަށް ގޭމިން ދުނިޔޭގެ ފޭނުން ވެސް ދަނީ އިންތިޒާރުކުރަމުންނެވެ.

އެމެރިކާގެ ސިނަމާތަކުގައި އަދި މާލޭގެ ޝްވެކް ސިނަމާގައި ވެސް މި ފިލްމުގެ ޝޯތައް ފަށާނީ މިއަދު އެވެ. ޝްވެކް ސިނަމާގައި "ވޯކްރާފްޓް" ގެ ފުރަތަމަ ޝޯ ދައްކާނީ މިރެ އެވެ. އަށެއް ޖަހާއިރު އެވެ.

ޑަންކެން ޖޯންސް، 2009 ވަނަ އަހަރު ނެރުނު މަޝްހޫރު އިންޑީ/ސައިންސް ފިކްޝަން ފިލްމު "މޫން" އިން ތައުރީފު އޮހުނު މި ޑައިރެކްޓަރަކީ 160 މިލިއަން ބަޖެޓުގެ މި "ވޯކްރާފްޓް" ގެ ޑައިރެކްޓަރެވެ. ފިލްމުގެ މުހިންމު ތަރިންނަކީ ޓްރޭވިސް ފިމެލް އާއި ޕައުލާ ޕެޓޮން އަދި ބެން ފޮސްޓާ އާއި ޑޮމިނިކް ކޫޕާގެ އިތުރުން ޓޮބީ ކެބެލް އާއި ބެން ޝްނެޓްޒާ އެވެ.

މި ފިލްމުގެ މެއިން ޕްލޮޓަށް ބަލާއިރު، މި ފިލްމާ ގުޅުވައިގެން އިތުރު ފިލްމުތަކެއް ނެރުމުގެ ވިސްނުން މިހާރު ވެސް ވަނީ ކުރިއަށް ނެރެފަ އެވެ. ފިލްމު ކްލިފްހޭންގާ އެންޑިއަކުން ނިންމާލާފައިވާއިރު ފިލްމުގައި ދައްކުވައި ދެނީ "ވޯކްރާފްޓް" ގެ ވާހަކައިގެ ފެށުމެވެ.

"ވޯކްރާފްޓް" ގޭމް ސިލްސިލާ ފަސް ބަޔަކަށް ދިގު ދެމިގެންގޮސްފައިވާއިރު މި ފިލްމުގައި ދައްކުވައި ދެނީ އޯކްސް އާއި އިންސާނުންގެ ކުރިމަތިލުމެވެ. އެހެންކަމުން މިއީ ފުރަތަމަ ގޭމް "ވޯކްރާފްޓް: އޯކްސް އެންޑް ހިއުމަންސް" ގެ އަސްލެވެ.

ފިލްމުގައި ދައްކުވައި ދެނީ އޯކްސްގެ ދުނިޔެ ހަލާކުވެގެން، އެޒިރޮތު ނަމަކަށް ކިޔުނު ދުނިޔެއަކަށް އެމީހުން ހިޖުރަކުރުމާ ގުޅިގެން އިންސާނުންނާ ދެމެދު ހިނގާ ކުރިމަތިލުންތަކެކެވެ.

"ވޯކްރާފްޓް" އަށް ވަނީ މިހާރު ވެސް ބޮކްސް އޮފީހުގައި 168 މިލިއަން ޑޮލަރު ލިބިފަ އެވެ. މި ސިލްސިލާގެ ގޭމްތަކަކީ ދުނިޔޭގައި އެންމެ މަޝްހޫރު އަދި މަގްބޫލުކަން އެންމެ ބޮޑު ގޭމްތަކެވެ. މީގެ ފަސް ގޭމް މިހާތަނަށް ނެރެފައިވާއިރު އެންމެ މަގްބޫލު "ވޯލްޑް އޮފް ވޯކްރާފްޓް" ވަނީ އޭގެ މަގްބޫލުކަމާ އެކު ދުނިޔޭގެ ރިކޯޑް ފޮތުން ވެސް ޖާގަ ހޯދައިފަ އެވެ.

އެހެންކަމުން މިއަދު ޝްވެކް ސިނަމާގައި ދައްކަން ފަށާ މި ފިލްމަކީ ޔަގީނަށް ވެސް ގޭމިންގެ ދުނިޔެ ދެވިހިފާފައިވާ ފަރާތްތަކަށް އޮތް ނިކަން ރަނގަޅު "ރޯދަ ހަދިޔާ" އަކަށްވާނެ އެވެ.

މީގެ އިތުރުން ފެންޓަސީ އެކްޝަން ފިލްމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް މި ހަފުތާގައި ވަކި މިއަށް ވުރެ ރަނގަޅު ފިލްމެއް ފެންނާނެހެނެއް ހީއެއް ނުވެ އެވެ.