ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ހިޔާނާތްތެރިވިކަން ސާބިތުވެ އަދީބު 8 އަހަރަށް ޖަލަށް

ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ އަދީބުގެ މައްޗަށް ސާބިތުވެއްޖެ އެވެ. މިރޭ ކްރިމިނަލް ކޯޓުން ވަނީ އަދީބު 8 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.

މި ދައުވާ އަދީބުގެ މައްޗަށް ހިޔާނާތުގެ ކޮށްފައިވަނީ އެމްއެމްޕީސީއިން ކުރެއްދޫ ހޯލްޑިންސްއަށް ކުއްޔަށް ދިން ޅ. މާބިންހުރާގެ ފައިސާ އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލް ހިއްސާވާ އަދި އަދީބު މިނިސްޓަރަކަށްވުމުގެ ކުރިން މަސައްކަތްކުރި ކުންފުންޏެއް ކަމަށްވާ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ޖަމާކުރި ކަމަަށް ބުނެ އެވެ.

ހިޔާނާތުގެ ދައުވާގެ ޝަރީއަތުގައި ދައުލަތުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި މާބިންހުރާއިން ފަސް މިލިޔަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމަށާއި އޭގެ ބައެއް ފައިސާ ޖަމާކޮށްފައި ވަނީ އަދީބުގެ ބޭބެ، ހާމިދު ސޭޓްގެ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ކަމަށާއި އެގޮތަށް އަމަލުކޮށްފައި ވަނީ އަދީބު އަންގަވައިގެން ކަމަށާއި އޭގެތެރެއިން 1.5 މިލިޔަން ޑޮލަރާއި އަށް ލައްކަ ޑޮލަރު އަދީބުގެ ކުންފުންޏެއް ކަމަށްވާ މޮންޓިލިއަންގެ އެކައުންޓަކަށް ޖަމާ ކުރި އެވެ.

ސިއްރު އަޑުއެހުމަށް ގައި މިރޭ މި މައްސަލާގައި ހުކުމް އިއްވިއިރު ހަމަ މި މައްސަލާގައި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ހާމިދު އިސްމާއިލްގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ. ޒިޔަތަށް ކުރީ 8 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ހާމިދަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

އަދީބުގެ މައްޗަށް މިހާރު ވެސް 10 އަހަރާއި 15 އަހަރު ދުވަހުގެ ދެ ޖަލު ހުކުމް ވަނީ އައިސްފަ އެވެ. ޖުމްލަ 33 އަހަރު ދުވަހުގެ ޖަލު ހުކުމެއް މިހާރު އަދީބުގެ މައްޗަށް މިވަނީ އައިސްފަ އެވެ. އަދިވެސް އަދީބުގެ މައްސަލަތަކެއް ޝަރީއަތުގައި ދަނީ ކުރިއަށެވެ. ޕީޖީގައި ދައުވާކޮށްދިނުމަށް އެދި ވެސް އަދީބުގެ މައްސަލަތަކެއް ފުލުހުން ވަނީ ފޮނުވާފަ އެވެ.