ބޭރު ކުޅިވަރު

ޕަޔެޓް ލަނޑު ޖެހުމުން އޮންރީ ހަނދާން ނެތިއްޖެ!

ޔޫރޯ ފުޓްބޯޅަ މުބާރާތް ހުޅުވަން ކުޅުނު މެޗުގައި މިރޭ ރޫމޭނިޔާ ކޮޅަށް ފްރާންސްގެ ޑިމިޓްރީ ޕަޔެޓް ލަނޑު ޖެހުމުން ވީ އުފަލެއްގެ ބޮޑުކަމުން އޭނާ އެވަގުތު އިނީ ރޭޑިއޯ އޮންއެއާގައިކަން ހަނދާނެ ނެތުނު ކަމަށް ފްރާންސްގެ ކުރީގެ ތަރި ތިއޭރީ އޮންރީ ބުނެފި އެވެ.

ވޯލްޑް ކަޕް 1998 އާއި 2000 ވަނަ އަހަރުގެ ޔޫރޯ ފްރާންސަށް ކާމިޔާބުކޮށްދިން ފޯވަޑް ބުނީ އޭނާ އަށް އުފަލުން އަތްޖަހާލެވުނު ކަމަށެވެ.

"އަހަރެން ހަނދާން ނެތުނު އެވަގުތު އަހަރެން އިނީ ކޮމެންޓަރީ ބޮކްސްގައި އޮންއެއާގައިކަން. އަހަންނަށް އަތްޖަހާލެވުނު. ޑިމިޓްރީ ޕަޔެޓަށް މެޗަށް ފަހު ރޮވުނު. އޭގެ މާނައަކީ އޭނާ ފްރާންސަށް ކުޅެން ބޭނުންވެފައި ހުރިވަރު. އޭނާ ޖެހި މޮޅު ގޯލެއް. މޮޅަށް ކުޅުނު. އޭނާގެ ގޯލު ޖެހުމުން އަހަރެން އިން ގޮނޑިން ތެދުވެ، އަހަންނަށް ފުންމައިގަނެވުނު،" އޮންރީ ބުންޏެވެ.

ވެސްޓްހޭމަށް ކުޅެމުން އަންނަ ޕަޔެޓަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފްރާންސުން އެކުލަވާލި ޓީމުން އެންމެ ފަހުވަގުތު ބާކީކުރި ކުޅުންތެރިއެކެވެ. މިހެންވެ އޮންރީ ބުނީ އެއީ ގޯސް ނިންމުމެއްކަން ޕްޔެޓް މި މެޗުގައި ސާބިތުކޮށްދިނީ ކަމަށެވެ.

މި މެޗުގައި ފްރާންސްގެ ފުރަތަމަ ގޯލު އޮލީވިއާ ޖީރޫޑް ޖެހީ ޕަޔެޓްގެ ހުރަހަކުންނެވެ. މިހެންވެ އޭނާ ވެގެންދިޔައީ އޮންރީ އަށް ފަހު ޔޫރޯ މެޗެއްގައި ލަނޑެއް ޖަހާފައި އަނެއް ލަނޑު ޖަހަން ޕާސްދިން ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އޮންރީ މިކަން ކުރީ 2000 ވަނަ އަހަރުގެ ޔޫރޯގަ އެވެ.