ބޭރު ކުޅިވަރު

އަލްބޭނިޔާ ޓީމުގައި ގިނައީ ސްވިޒަލޭންޑްގެ ކުޅުންތެރިން

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްވިޒަލޭންޑާއި އަލްބޭނިޔާ ވާދަކުރާ މެޗަކީ ދެ ގައުމަށް ވެސް ހާއްސަ މެޗެކެވެ. މިރޭގެ މެޗަށް ނުކުންނައިރު އަލްބޭނިޔާގެ 10 ކުޅުންތެރިއަކު އުފަންވީ ސްވިޒަލޭންޑަށެވެ. މީގެ ތެރެއިްނ ހަތް ކުޅުންތެރިއަކީ ވަނީ 21 އަހަރުން ދަށާ ހަމައަށް ސްވިޒަލޭންޑަށް ކުޅެފަ އެވެ. މީގެ އިތުރުން ސްވިޒަލޭންޑުގެ ކުޅުންތެރިންގެ ތެރެއިން ހަ ކުޅުންތެރިއަކު ވަނީ އާއިލީ ގޮތުން އަލްބޭނިޔާ ނުވަތަ ކޮސޯވޯއާ ގުޅިފަ އެވެ. މީގެ ތެރޭގައި ސްވިޒަލޭންޑްގެ ގްރަނިތް ޒަކާ އާއި އަލްބޭނިޔާ އަށް ކުޅޭ އޭނާގެ ބޭބެ ޓައުލަންޓް ޒަކާ ވެސް ހިމެނެ އެވެ.

ނަމަވެސް ޓައުލަންޓް ލައްވައި ފުރަތަމަ 11ގައި ކުޅުވުމާމެދު ކޯޗު ޖިއާނި ޑިބިއާސީ އަދި ވަކިގޮތެއް ނުނިންމަ އެވެ. އެއީ އަނިޔާގެ ސަބަބުން އޭނާ އަށް ބައެއް މެޗުތައް ގެއްލިފައިވުމުން ފިޓްނަސްގެ މައްސަލާގަ އެވެ. ނަމަވެސް މުބާރާތަށް ތައްޔާރުވުމަށް ހުސްވި ހަފުތާގައި ކުޅުނު އެކުވެރިކަމުގެ ފަހު މެޗުގެ 45 މިނިޓްގައި އޭނާ ކުޅެފައިވާތީވެ މިމެޗަށް ނެގުމުގެ އުއްމީދު ބޮޑެވެ.

މިރޭގެ މެޗަށް ނުކުންނައިރު ސްވިޒަލޭންޑްގެ ކެޕްޓަންކަން ކުރާނީ ޔުވެންޓަސްގެ ޑިފެންޑަރު ސްޓެފަން ލިޗެސްޓެއިނާ އެވެ.

މި މެޗަށް ނުކުންނައިރު ސްވިޒަލޭންޑް އަތުން އަލްބޭނިޔާ އަށް މޮޅުވެވިފައެއްނުވެ އެވެ. ދެ ބައިމީހުން ކުޅުނު ހަ މެޗުގެ ތެރެއިން އެއްވަރުވީ އެެންމެ މެޗެކެވެ. އަނެއް ފަސް މެޗުން މޮޅުވީ ސްވިޒަލޭންޑެވެ.

މި ފަހަރުގެ ޔޫރޯ ކޮލިފައިންގައި އެންމެ މަދުން ގޯލު ޖެހި ޓީމަކީ ވެސް އަލްބޭނިޔާ އެވެ. ކޮލިފައިންގައި ކުޅުނު 10 މެޗުން އަލްބޭނިޔާ އަށް ގޯލާ އަމާޒުކޮށް ފޮނުވާލާފައިވަނީ އެންމެ 28 ބޯޅަ އެވެ. ޖެހީ އެންމެ ހަތް ގޯލެވެ. މީގެ ތެރެއިްނ ހަ ގޯލު ޖެހީ ހަ ކުޅުންތެރިއެކެވެ. އަނެއް ގޯލަކީ ބައިގޯލެކެވެ. ކޮލިފައިންގައި ލޯންގް ބޯލް ޖެހި ދެ ވަނަ އަށް އެންމެ ގިނައިން ޖެހި ޓީމަކީ ވެސް އެއީ އެވެ. ނަމަވެސް އަލްބޭނިޔާގެ މޮޅުކަމަކީ އެމީހުން ކޮޅަށް ވަން ގޯލުގެ އަދަދު މަދުވުމެވެ. ބައިކޮޅަސް ކޮލިފައިންގައި ވަނީ އެންމެ ފަސް ގޯލެވެ.

މިއާ ހިލާފަށް ސްވިޒަލޭންޑަކީ މަޝްހޫރު ކުޅުންތެރިން ތިބި ޓީމެކެވެ. ބައިނަލް އަގްވާމީ ބޮޑެތި މުބާރާތްތަކުގެ ތަޖުރިބާވެސް ހުރި ޓީމެކެވެ. ނަމަވެސް ޔޫރޯގެ ދެ ވަނަ ބުރަށް އެމީހުން ދުވަހަކު ނުދެ އެވެ.

މިފަހަރުގެ ކޮލިފައިންގައި ސްވިޒަލޭންޑް ފާހަގަ ކުރެވުނީ ހިލޭޖެހުންތަކަށް މޮޅު ޓީމަކަށެވެ. ހިލޭޖެހުންތަކުން ހަތް ގޯލު ޖެހިއިރު މީގެ ތެރެއިން ހަ ގޯލު ޖެހީ ސޭންމަރީނޯ ކޮޅަށެވެ.