ބޭރު ކުޅިވަރު

އެއް ގައުމަކަށް ނިސްބަތްވާ ދެބެއިން ޔޫރޯގައި ކުޅެނީ ދެ ގައުމަކަށް!

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރެ އަކީ ވަރަށް ހާއްސަރެއެކެވެ. ދުނިޔޭގެ ފުޓްބޯޅައިގައި އެއްބަނޑު އެއްބަފާ ދެބެއިން ފުރަތަމަ ފަހަރަށް ދެ ގައުމަކަށް މިރޭ ކުޅޭނެ އެވެ. މިހެންވެ މިރޭ ސްވިޒަލޭންޑާއި އަލްބޭނިއާ ބައްދަލުކުރާ މެޗު އެންމެ ހާއްސަވަނީ ސްވިޒަލޭންޑްގެ ދެމަފިރިއަކަށެވެ. އެކަންވީ މިގޮތަށެވެ.

އެއީ މީގެ 30 އަހަރު ކުރި އެވެ. ރަގީބް ޒަކާ ކޮސޯވޯގައި ދިރިއުޅުނު އޭނާގެ ގޭގެ ދޮރުގައި އެއްރެެއެއްގެ މެންދަމު ޓަކިޖެހީ ސިފައިންނެވެ. ކޮމިއުނިސްޓް ވެރިކަމާ ދެކޮޅަށް އަޑުއުފުލާތީވެ އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ޖަލަށެވެ. ކުޑަގޮޅިން ބޭރަށް ދެވެނީ ކޮންމެ ދުވަހަކު 10 މިނިޓަށެވެ. ގޮޅީގައި ތިބި އެކުވެރި ހަތަރު މީހުން ފިޔަވައި ދެން ބައްދަލުވަނީ ހަފުތާއަކު އެއްފަހަރު ލޯބިވާ އަންހެނުނާއި އެމްނެސްޓީ އިންޓަނޭޝަނަލް މީހުންނެވެ. ޖަލުން އޭނާ ދޫކޮށްލީ 1990 ވަނަ އަހަރު އެވެ. އޭގެ ފަހުން އެމްނެސްޓީ މީހުންގެ އެހީތެރިކަމާއެކު އަންހެނުން ގޮވައިގެން ރަގީބް ޒަކާ ހިޖުރަކުރީ އަލްބޭނިޔާއާ 500ވަރަކަށް މޭލު ދުރުގައި އޮތް ސްވިޒަލޭންޑަށެވެ. އެތަނުގައި އޭނާ ފުރަތަމަ އުޅުނީ ދަނޑު ބަލަހައްޓާ މަސައްކަތު މީހަކަށެވެ.

"އެތަނަށް ދިޔައިރު އެއްވެސް ދެރައެއްނުވޭ. އަހަރުމެން މަސައްކަތް ކުރީ މިނިވަންކަމަށްޓަކައި. ސްވިޒަލޭންޑްގައި އުފާވެރި ދުވަސްތަކެއް ލިބޭނެ ކަމުގެ އުއްމީދު އޮތް،" ރަގީބް ބުންޏެވެ.

އަލްބޭނިޔާގެ ޓީމުން މިރޭ ފެނިގެންދާނެ ޓައުލަންޓް ޒަކާ އުފަންވީ ރަގީބް ސްވިޒަލޭންޑަށް ދިރިއުޅުން ބަދަލުކުރިތާ އަހަރެއްހާ ދުވަހުންނެވެ. އޭގެ 18 މަސް ފަހުން ސްވިޒަލޭންޑްގެ ހުނަރުވެރި މިޑްފީލްޑަރު ގްރަނިތް ޒަކާ އުފަންވި އެވެ.

މި ދެބެއިން މިރޭ އެކަކު އަނެކަކާ ދެކޮޅަށް ނުކުންނައިރު މިއީ އެމީހުން އެންމެ ކުރަން ބޭނުން ނުވާ ކަންތަކެވެ.

"އަހަރުމެންނަކީ ފެމެލީ ކަނެކްޝަން އޮތް ދެމީހުން އެކަންޏެއްނޫން. އަހަރުމެންނަކީ ބެސްޓް ފްރެންޑުންވެސްމެ. ދެމީހުން މިގޮތަށް ކުޅެން ޖެހުމަކީ އަހަރުމެން ދުވަހަކު ވެސް އުއްމީދު ކުރިކަމެއްނޫން،" ގްރަނިތް ޒަކާ ބުންޏެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރު ނެގުމުން މި ދެކުޅުންތެރިންގެ ބައްޕަ ބުނީ އޭނާ އާއި އަންހެނުން އެލީ އަށް ލިބިފައިވާ "އަލްބޭނިޔާގެ ދަރިފުޅަކާއި ސްވިޒަލޭންޑްގެ ދަރިފުޅު އެކަކަކު އަނެކަކާ ދެކޮޅަށް ކުޅޭ މެޗަކީ އެމީހުންގެ އާއިލާގެ ދެ ފަރާތް ދައްކުވައިދޭނެ މެޗެއް ކަމަށެވެ.

އަންނަ ސީޒަނުގައި އާސެނަލް އަށް ކުޅެން ސޮއިކޮށްފައިވާ ގްރަނިތް ޒަކާ އަކީ ފެށުނީއްސުރެ ސްވިޒަލޭންޑްގެ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާގެ ބޭބެ އަކީ 21 އަހަރުން ދަށުގެ އުމުރުފުރާ ނިމެންދެން ސްވިޒަލޭންޑަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ގައުމު ބަދަލު ކުރީ 21 އަހަރުން މަތީގެ ކުޅުންތެރިން ސީނިއާ ޓީމަށް ނުކުޅޭނަމަ އެމީހެއްގެ މައިންބަފައިން ނިސްބަތްވާ ގައުމަށް ކުޅުމުގެ ފުރުސަތު ލިބެން ފެށުމުންނެވެ. މީގެ ފަހަތުގައި ފޮރުވިފައިވާ އަނެއް ސަބަބަކީ ސްވިޒަލޭންޑްގެ ޓީމުން ޓައުލަންޓަށް ބަރާބަރަށް ޖާގަ ވެސް ލިބެމުން ނުދިއުމެވެ. އަނެއް ސަބަބަކީ ސްވިޒަލޭންޑަށް ކުޅެން ގްރަނިތް ނިންމުމުން އަމިއްލަ ގައުމަށް ގައްދާރުވީ ކަމަށްބުނެ އޭނާގެ އާއިލާ އަށް ކުރިމަތިވި އުނދަގޫތަކެވެ.

ފްރާންސްގެ ލެންސްގެ ދަނޑަށް މި ދެ ކުޅުންތެރިން މިރޭ ނުކުންނައިރު އެ ދެމީހުންގެ އާއިލާގެ މެމްބަރުން ވެސް މެޗު ބަލަން ދަނޑަށް ވަންނާނެ އެވެ. ނަމަވެސް އެއްވެސް ކުއްޖަކަށް ދެރައެއް ލިބެން ނޭދޭތީވެ ރަގީބްގެ އާއިލާއިން ވަކި ޓީމަކަށް ތާއީދެއް ނުކުރާނެ އެވެ.