ބޭރު ކުޅިވަރު

ޑެހެޔާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް؟

ޓީމުގެ އެހެން ކުޅުންތެރިން ބައިވެރިކޮށްގެން އަންހެން ކުދިން ލައްވައި ގަދަކަމުން ހަށިވިއްކައި ޕާޓީ ކުރިކަމަށް ކޮށްފައިވާ ކޮށްފައިވާ ތުހުމަތުތައް ސްޕޭނުގެ ކީޕަރު ޑޭވިޑް ޑެހެޔާ ދޮގުކޮށްފި އެވެ.

ސްޕޭނުގެ ނޫސްތަކުން ބުނަނީ މި މައްސަލަ ފެންމަތިވެ ޑެހެޔާ ޓީމުން ވަކިވާން ވެސް ނިންމި ކަމަށެވެ. ނަމަވެސް މިކަން ވެސް ޑެހެޔާ ވަނީ ދޮގުކޮށްފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕޭނުގެ ކީޕަރުގެ މައްޗަށް މިވަރުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވަނީ ހަށިވިއްކީ މީހަކުގެ މައްޗަށް ކުރާ ޝަރީއަތެއްގައި އޭނާ ދީފައިވާ ހެކިބަހަކާ ހެދި އެވެ.

އުމުރުން މިހާރު 25 އަހަރުގެ ޑެހެޔާ މިކަން ކޮށްފައިވަނީ އޭނާ 21 އަހަރުގެ ދަށުގެ ގައުމީ ޓީމަށް ކުޅުނުއިރު ކަމަށްވެސް ސްޕޭނުގެ މީޑިޔާތަކުން ބުނެ އެވެ. ނަމަވެސް ޑެހެޔާ ވަނީ މިކަންކަން ދިގުކޮށް އޭނާގެ ދިފާއީ ވަކީލުން މިމައްސަަލަ ދިރާސާ ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

ނަމަވެސް މި މައްސަަލަ ފެންމަތިވުމުން ޔޫރޯ ދިފާއު ކުރަން ނުކުންނަ ސްޕޭން ޓީމުގައި ޑެހެޔާ ބެހެއްޓުމާމެދު އެގައުމުގެ ފެޑަރޭޝަނުން ކޯޗާއެކު މަޝްވަރާކުރާނެ އެވެ.

ސްޕޭން ޓީމުގެ ކުޅުންތެރިއަކާމެދު މިވަރުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާއިރު މިފަހަރު ޓީމު ބައިބައިވެދާނެ ކަމަށް ވެސް ގިނަ ބަޔަކު ދެކެ އެވެ. އެއީ މިފަދަ އެންމެ މައްސަލައަކާހުރެ އެތަކެއް މައްސަލަތަކެއް ފެންމަތިވެދާނެ ކަމުގެ ބިރުއޮތުމުންނެވެ.