ރޯދަ މަހާ ރޯއްޖާ

ދިވެހި ކަރާގެ މައްޗަށް ބިދޭސީ ކަރާ "އަތް ގަދަކޮށްފި"

Jun 11, 2016
2
  • ދިވެހި ދަނޑުވެރިކަން މި ރޯދަ މަހު ހީނަރު
  • ފިހާރަތަކުން ލިބޭ ހުރިހާ ބާވަތެއް މާރުކޭޓުގައި
  • ކަރާގެ އަގުތައް ބޮޑު، 35ރ. އަށް ކިލޯ

ރޯދަ މަހާ އެކު މާރުކޭޓުން އޮންނަނީ ދިވެހިންގެ އުފެއްދުންތަކުން ފުރިބާރުވެފަ އެވެ. ނަމަވެސް މި ރޯދަ މަހު މިފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ދިވެހިންގެ ސުފުރާ މަތީގައި ރޯދަ މަހު ދިވެހި ކަރާ ރަސްކަން ކުރި ނަމަވެސް މިހާރު ބާޒާރުން މި ފެންނަނީ ބޭރު ކަރަލެވެ. ބާޒާރުގައި މިވަގުތު އެންމެ ގިނައީ ވެސް ބޭރުން އިމްޕޯޓްކޮށް ވިއްކަމުން އަންނަ ކަރަލެވެ.

"ހަމަ ނުލިބެނީ މިފަހަރު ދިވެހި ކަރާ. އެހެންވެ ޖެހޭނެތާ ކޮންމެ ވެސް އެއްޗެއް ގެނެސްގެން ވިއްކަން. އެހެންވެ މި ވިއްކަނީ،" ގޮޅިއެއްގައި ހުރި އަހުމަދު އިބްރާހިމް (އިބްރާހިމްބެ) ބުންޏެވެ.

ބާޒާރު މަތީ ސޭޓުން ބުނާ ގޮތުގައި މިވަގުތު ވިއްކަން ޖެހިފައި އޮތީ އިންޑިޔާ އިން އެތެރެކޮށްފައިވާ ކަރަލެވެ. ކުރީ ރޯދަ މަސްތަކުގައި އއ. ތޮއްޑޫ އާއި ލ. އަތޮޅުގެ ރައްތައް އަދި ކ.ކާށިދޫ ފަދަ ރައްތަކުން ގެންނަ ކަރާ ވަރަށް ވެސް ގިނަ އެވެ. އަދި ބާޒާރުގައި އަގުތައް މައިތިރި ކުރުމުގައި ދިވެހި ކަރާގެ ރޯލު ވަރަށް ވެސް ބޮޑެވެ. ނަމަވެސް ރޯދަ މަސް ބޯމަތިވެފައި އޮއްވައި ކުރި މަތިވި ވިއްސާރައިގައި ދަނޑުތަކަށް ލިބުނު ގެއްލުމާއިއެކު ދިވެހި ކަރާގެ ކޮންޓްރޯލް މިވަނީ ދިވެހިންގެ އަތުން މުޅިން ގެއްލިގެން ގޮސްފަ އެވެ. އަދި ކަރަލުގެ އަގު ރަނަށް ވެފައި މި އޮތީ ވެސް އެހެންވެ އެވެ.

ކ. ކާށިދޫ ކައުންސިލްގެ ރައީސް އީސާ ހަލީލް ވިދާޅުވެފައިވާ ގޮތުގައި ދާދިފަހުން މޫސުން ގޯސްވުމުގެ ސަބަބުން އެ ރަށުގެ ދަނޑުތަކަށް ވަނީ ގެއްލުންވެފަ އެވެ.

"ވިއްސާރަވުމުގެ ސަބަބުން ދަނޑުތަކަށް ވަނީ ގެއްލުންވެ ވަރަށް ބޮޑަށް ހަލާކުވެފައި. އެހެންވެ މާލޭގެ ބާޒަރަށް ގެންދެވޭ ތަކެތި މި ރޯދަ މަހުގައި މަދުވާނެ،" އީސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ރޯދަ މަހަށް ކާށިދޫގައި ހެއްދި ކަރަލާއި މިރުސް ގަސްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

"ވިއްސާރަވުމުން ދަނޑުތައް މަރުވީ. ކަރާ މި ހައްދަނީ ފަސް ވަރަކަށް ދަނޑުން. އެހެންވެ މަދުވާނެ މި އަހަރު ގެނެވޭ ތަކެތި،" އީސާ ވިދާޅުވި އެވެ.

ބާޒާރުގައި މި ރޯދަ މަހު ކަރާގެ އަގު ކޮންޓްރޯލުން ނެއްޓުނު އެއް ސަބަބަކީ ވެސް މިއީ ކަމަށްވެދާނެ އެވެ. ރޯދަ މަސް ފެނުއިރު ކަރާ ކިލޯއެއްގައި 25ރ. އަށް ހުރިނަމަވެސް މިހާރު ކަރާ ކިލޯއެއްގެ އަގު ހުރީ 35ރ. އަށް އަރާފަ އެވެ. ދަނޑުވެރިންގެ ބުނަނީ، "އަދި ވެސް ވާނީ މަތިކަމަށެވެ."

ކަރާގެ އިތުރުން އެހެން ބާވަތްތައް ވެސް މި އަހަރު ވަރަށް މަދެވެ. މާރުކޭޓު ގޮޅިތަކުން އެ މަންޒަރު ފެނެ އެވެ. މިހާރު މާރުކޭޓެކޭ މާލޭގެ ތަރުކާރީ ފިހާރައެކޭ ތަފާތެއް ނެތެވެ. ގޮޅިތަކަށް އިމްޕޯޓް މުދާ ހޯސްލާފައި އޮހެމުންދާއިރު މިހާރު މާލޭގެ ތަރުކާރީ ފިހާރައަކުން ލިބޭ ހުރިހާ އެއްޗެއް މި މާރުކޭޓު ގޮޅިތަކުން ވެސް ލިބެ އެވެ. މިސާލަކަށް ކެރެޓާއި ކިވީ އާއި ކެބެޖުގެ އިތުރުން ލޭޑީސް ފިންގާ އާއި މޭބިސް ކަދުރު އަދި ސްޓޯބެރީގެ އިތުރުން ބްލޫބެރީ އާއި ރިހަ މިރުސް ވެސް ލިބެން ހުރެ އެވެ. މި ބާވަތައް ހުރީ އެހެން ފިހާރަތަކާ ދާދި އެއް އަގެއްގަ އެވެ.

މާލޭ ބާޒާރަށް އެންމެ ގިނައިން ދަނޑުވެރިކަމުގެ ސާމާނު ގެންނަ އެއް ރަށް ކަމަށްވާ އއ. ތޮއްޑުއަށް ނިސްބަތްވާ ދަނޑުވެރިއެއް ކަމަށްވާ ގަމީރާ އާދަމް ބުނީ މި އަހަރު މުޅި ރާއްޖޭގެ ދަނޑުވެރިކަން ވެސް ހީނަރު ކަމަށާއި އިމްޕޯޓު މުދާ ގިނަވުމުގެ އެއް ސަބަބަކީ އެއީ ކަމަށްވުން އެކަށީގެންވާ ކަމަށެވެ.

"ބޮޑަށް ލަފާ ކުރެވެނީ މޫސުން ގޯސްވެގެން ދަނޑުތަކަށް ގެއްލުންވެފައިވާ ކަމަށް. އަޅުގަނޑަކަށް ވެސް އެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވަނީ. ކަރާ ވެސް ހަރުވުމުގެ މައްސަލަ ދިމާވެފައިވަނީ،" ބ. އަންހެނުންފުށީގައި ފުޅާ ދާއިރާއެއްގައި ދަނޑު ހައްދާ، ގަމީރާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކުރީގެ އަހަރުތަކުގެ ރޯދަ މަހު ހަފުތާއަކު ފަސް ޓަނު ނޫނީ ހަ ޓަނުގެ ކަރާ މާލެ ގެންދާއިރު މި އަހަރު ހަފުތާއަކު ގެންދެވެނީ 1،500 ކިލޯގެ ކަރާ ކަމަށް ގަމީރާ ބުންޏެވެ. ގަމީރާ ބުނި ގޮތުގައި ދަނޑުވެރިކަމުގެ ސާމާނު ވިއްކާ މާރުކޭޓުގައި އިމްޕޯޓު މުދާ ވިއްކުމަކީ މަނާކަމެއް ކަމަށާއި، ނަމަވެސް އެކަން ކުރާ ކަމަށެވެ.

"މީގައި ވާގޮތަކީ އެކަން އޮންނަނީ ފޮތުގައި ލިޔެފައި. އަމަލެއް ނުކުރެވޭ. އަބަދުވެސް އަދަބު މިދެނީ އެންމެ ރުޅިއަންނަ މީހާއަށް،" ގަމީރާ ބުންޏެވެ.

މާރުކޭޓުން މި ރޯދަ މަހު އަދި މި ފެންނަނީ މި މަންޒަރެވެ. ހަމަ ގައިމު ވެސް ދިވެހި އުފެއްދުންތެރިންގެ ބުރަ މަސައްކަތުން ރާއްޖޭގައި ހައްދާ ތަކެތި މަދުވެ، މާރުކޭޓް ގޮޅިތައް ވެސް ފުރާލާފައި މި އޮތީ އިމްޕޯޓް މުދަލުންނެވެ. ރޯދަ މަސް ފެށިގެން މިދަނީ ދަނޑުވެރިންގެ މާރުކޭޓުގައި އިމްޕޯޓް މުދާ ވަކި "ހިއްޕާލާފައިވާ" މަންޒަރާ އެކުގަ އެވެ.