ރޯދަ މަހާ ރޯއްޖާ

މިރުސް ތިޔާގިވެ އަގު ތިރިއަށް، ކަރާ މަދުވެ އަގު މައްޗަށް!

Jun 7, 2017

ބާޒާރުގައި ގިތެޔޮ މިރުސް ތިޔާގިވެ އަގު ހެޔޮވި އިރު، ކަރާ މަދުވެ އަގުތައް އުފުލިއްޖެ އެވެ.

މާލެ ލޯކަލް މާރުކޭޓުގައި މިރުހާއި ކަރާގެ އަގުތައް މިއަދު ހުރި ގޮތަށް ބަލާއިރު ގިތެޔޮ މިރުސް 100ގ. އުޅެނީ 10 އާއި 40ރ. އާ ދެމެދުގެ އަގުތަކުގަ އެވެ. މިއީ ރޯދަ މަސް ފެށުނުއިރު 60 އާއި 70ރ. އަށް 100 ގ. ލިބެން ހުރި ބާވަތް ތަކެވެ.

ރޯދަ މަހު އާއްމު ގޮތެއްގައި އެންމެން ވެސް ބޭނުން ކުރާ އަދި ޑިމާންޑް ބޮޑު ކަރާގެ އަގު މިހާރު ވަނީ މަތިވެފަ އެވެ. ރޯދަ މަސް ފެށުނުއިރު ކަރާ ކިލޯއެއްގެ އަގުތައް 15ރ. އާއި 18ރ. އަށް ހުރި ނަމަވެސް މިހާރު ހުރީ 20ރ. އާއި 25ރ. އާ ދެމެދުގެ އަގު ތަކެއްގައެވެ.

ދަނޑުވެރިކަމުގެ ތަކެތި ވިއްކާ ދަނޑުވެރިންނާއި ވިޔަފާރިވެރިން ބުނާ ގޮތުގައި މި ދެ ބާވަތުގެ އަގުތުން ބޮޑު ބަދަލެއް އައީ މި ބާވަތްތަކުގެ ސަޕްލައިއަށް އައިސްފައިވާ ބަދަލެއްގެ ސަބަބުން ކަމަށެވެ.

"މިހާރު ވެގެން މި އުޅޭ ގޮތަކީ ކަރާ ލިބުން ހަމަ މަދުވަނީ. އެހެންވެ އަގުތައް އުފުލިފައި މިވަނީވެސް. ނަމަވެސް މިރުސް ވަރަށް ގިނައިން އެބަގެނޭ އެހެންވެ މިރުހުގެ އަގު ހެޔޮ ވެގެން ދިޔައީ."

މިރުހާއި ކަރާގެ އިތުރު މިއަދު ބާޒާރުގައި އެންމެ ތިޔާގިކޮށް ހުރީ ފަތުގެ ބާވަތްތަކެވެ. ލެޓިއުސް އާއި ކޮޕީފަތް އަދި ކުއްޅަފިލާ ފަތް ވެސް ގިނަކަން ފާހަގަވެ އެވެ.