ރޯދަ މަހާ ރޯއްޖާ

އަގު ހެޔޮކޮށް ތަކެތި ހޯދަން މިއީވެސް ގޮތެއް!

Jun 4, 2017

ވިޔަފާރި ކުރާއިރު އެންމެ ހެޔޮ އަގު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ފަހަރަކު ފިހާރައަކަށް ގޮސް ބެލުމުގެ ބަދަލުގައި އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ "ބާޒާރުގެ އެންމެ ހެޔޮ އަގު" ލިސްޓު ހާވާލުމުން އަގު ހެޔޮކޮށް އާއްމު ބާވަތްތައް ވިއްކާ ފިހާރަތައް އެނގޭނެ އެވެ.

"ބާޒާރުގެ އެންމެ ހެޔޮ އަގު" ލިސްޓުގައި މި އަހަރު ވެސް އާއްމުކޮށް މުދާ ވިއްކާ ގިނަ ފިހާރަ ތަކުން ބައިވެރިވެފައިވެ އެވެ. މި އަހަރުގެ އެންމެ އަގު ހެޔޮ ލިސްޓުގައި ރެޑްވޭވް އާއި ސޯސަން މާޓް އަދި ޝޮޕް އެންޑް ސޭވްގެ އިތުރުން އެސްޓީއޯ ވެސް ހިމެނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު މިއަދު ވިދާޅުވީ މި އަހަރުވެސް ފަސް ވިޔަފާރިއަކުން ބައިވެރިވެ، އެ ފަރާތްތަކުގެ އެންމެ ހެޔޮކޮށް ވިއްކާ ބާވަތްތައް އާއްމު ކުރަމުންދާ ކަމަށެވެ.

"އާއްމުކޮށް އިއުލާނު ކުރުމުން ކުރިމަތިލި ވިޔަފާރިތަކާއެކު ކުރިއަށް މިދަނީ. މި ލިސްޓަށް ފުދޭވަރެއްގެ ރަނގަޅު ތަރުހީބެއް ލިބޭ،" އާދަމް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ލިސްޓުގައި 62 އައިޓަމެއް ހިމެނެ އެވެ. މީގެ ތެރޭގައި އެންމެ އާއްމުކޮށް މީހުން ބޭނުންކުރާ ގިނަ ބާވަތްތައް ހިމެނެ އެވެ.

އާދަމް ތައުފީގު ވިދާޅުވީ މި ލިސްޓު އާއްމު ކުރުމުން އަގު ހެޔޮ ކުރަން ވިޔަފާރިތަކަށް އިތުރު ބާރަކަށްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މި ބުނަނީ މިވެނި އެއްޗެއް އެންމެ އަގު ހެޔޮކޮށް ހުރީ މިވެނި ތަނެއްގައޭ. އެހެންވެ ސީދާ އެތަނަށް ގޮސް ވިޔަފާރި ކޮށްލުމުގެ ފުރުސަތު ލިބޭނެ،" އާދަމް ވިދާޅުވި އެވެ.

އިކޮނިމިކް މިނިސްޓްރީގެ "ބާޒާރުގެ އެންމެ ހެޔޮ އަގު" ލިސްޓުން އާއްމު ކުރަނީ ކޮންމެ ދުވަހެއްގެ 12 ގެ ކުރިންނެވެ. މި ލިސްޓުގެ ސަބަބުން ވިޔަފާރި ކުރަންދާ މީހުންނަށް ފަސޭހަ ވެއެވެ.