އިސްލާމިކް ސްޓޭޓް

އައިއެސް ބާރުގެ ދަށުން އިރާގް ދެ ބައިކުޅަ އެއްބައި ގެއްލިއްޖެ

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން އައިއެސްގެ ބާރުގެ ދަށުގައި އޮތް އިރާގުގެ ސަރަހައްދުތަކުގެ ތެރެއިން ދެ ބައި ކުޅަ އެއްބައި ސަރަހައްދު އެ ޖަމާއަތުގެ ބާރުގެ ދަށުން ގެއްލިއްޖެ ކަމަށް އިރާގްގެ ކްރުދީންގެ ސަރަހައްދީ ސަރުކާރުން ބުނެފި އެވެ.

ކްރުދީންގެ ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށްވާ ޖައްބާރު ޔާވިރު މަޝްހޫރު ނިއުސް އެޖެންސީ އަނަޑަލޫއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އައިއެސްގެ ބާރުގެ ދަށުގައި ކުރިން އޮތް ސަރަހައްދުތައް އެ ޖަމާއަތުގެ ބާރުގެ ދަށުން ގެއްލުނީ އެ ޖަމާއަތަށް ކުރިމަތިވި މާލީ ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ.

އެގޮތުން ކުރިން އައިއެސް ބާރުގެ ދަށުގައި އޮތް އިރާގުގެ ތެޔޮ ވަޅުތައް އެ ޖަމާއަތުގެ ބާރުގެ ދަށުން ގެއްލުމާއި ކުރިން ރައްކާކޮށްފައި ހުރި ތެޔޮ، ކަޅު ބާޒާރުގައި ވިއްކުމަށް ހުރަސްތައް ކުރިމަތިވި ކަމަށް ޔާވިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކްރުދިޝް ސަރުކާރުގެ ހިސާބުތައް ދައްކާގޮތުން އައިއެސްއާއެކު ކުރިން ހަނގުރާމަ ކުރަމުން ދިޔަ 20000 ހަނގުރާމަވެރިން އެ ޖަމާއަތް ދޫކޮށް ގޮސްފައިވާ ކަމަށާއި އަންދާޒާ ކުރެވޭ ގޮތުގައި މިހާރު އައިއެސްއާއެކު ހަނގުރާމަ ކުރަން ތިބީ 10000 ނުވަތަ 15000 ހަނގުރާމަވެރިން ކަމަށެވެ.

އިރާގުގެ ސުންނީ މުސްލިމުންގެ ޖަމްޢިއްޔާއެއް ކަމުގައިވާ އަލް ހަޝްދު އަލް ވަތަނީގެ ލީޑަރު އަތީލް އަލް ނުޖައިފީ ވިދާޅުވީ އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ މޫސަލުގެ 20 ކިލޯމިޓަރުގެ ސަރހައްދެއް އަނބުރާ ހޯދިއްޖެ ކަމަށާއި މިއަހަރު ނިމުގެ ކުރިން މޫސަލް އަލުން ހޯދާނެ ކަމަށެވެ.

އައިއެސްއާ ދެކޮޅާށް އިރާގުގައި އެމެރިކާއިން އިސްވެ އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަނަކުން ދަނީ ހަނަގުރާމަ ކުރަމުންނެވެ.

އދ. ގެ ހިސާބުތައް ދައްކާ ގޮތުން އިރާގުގައި އައިއެސްގެ ނުރައްކަލުން ސަލާމަތްވުމަށް 3.4 މިލިއަން މީހުން އެ ސަރަހައްދުތައް ދޫކޮށް ހިޖުރަ ކުރި ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ.