ބޭރު ކުޅިވަރު

ވޭލްސް ބިރުގަންނަ ޓީމެއްނެތް: ކޯޗު

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވޭލްސް ޖެހިލުންވާ ޓީމެއް ނެތް ކަމަށް ކޯޗު ކްރިސް ކޯލްމަން ބުނެފި އެވެ.

އޭނާ މިހެން ބުނީ ސްލޮވާކިޔާ އަތުން ރޭ 2-1އިން މޮޅުވި މެޗަށް ފަހު އެވެ.

"އަހަރުމެން ޖެހިލުންވާންޖެހޭ އެއްވެސް ބަޔަކު ނެތް. އަހަރުމެން އަހަރުމެންގެ ގޮތުގައި މަސައްކަތްކޮށްފިނަމަ އަަހަރުމެން ކުރަން މިއުޅޭ ކަންތަަކަށް ހުރަސް އަޅާނެ ބަޔަކު ވެސް ނުތިބޭނެ. އަހަރުމެންގެ މަސައްކަތާއިގެން ކުރިއަށްދާންވީ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ބޮޑު މުބާރާތެއްގައި ނުކުޅެ 58 އަހަރުވުމަށްފަހު ކުޅުނު މެޗުގައި ރޭ ސްލޮވާކިޔާ އަތުން މޮޅުވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އޭނާގެ ޓީމަކީ ހަމައެކަނި ގެރެތް ބޭލް އަށް ބިނާވެފައިވާ ޓީމެއް ނޫން ކަމަށެވެ.

"ހަމައެކަނި ބޭލްއަށްނޫން ޓީމު ބިނާވަނީ. މިއީ ޖުމުލަކޮށް ވަރަށް އެކުވެރި ޓީމުވަންތަކަން ހުރި ޓީމެއް. އަހަރުމެން މަސައްކަތްކުރީ ރަނގަޅު އެކުވެރި ބަދަހި ޓީމެއް އުފައްދަން. އެކަން ކާމިޔާބުވެއްޖެ،" ކޯލްމަން ބުންޏެވެ.

މި މެޗުގައި ވޭލްސް އަށް ލަނޑު ޖަހައިދިނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ރެއާލް މެޑްރިޑުގެ ގެރެތް ބޭލް އާއި ބަދަލު ކުޅުންތެރިޔާ ހާލް ރޮބްސަން ކާނޫ އެވެ.

މެޗަށް ފަހު ބޭލް ބުނީ މިއީ ވަރަށް ފުރިހަމަ ކާމިޔާބީއެއް ކަމަށާއި ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

"އަހަރުމެންގެ ސަޕޯޓަރުނަކީ އެންމެ ބަރާބަރު މީހުން. އަހަރުމެންނަށް ހީވީ އަމިއްލަ ގައުމުހެން. އެހާވެސް ރަނގަޅު،" ބޭލް ބުންޏެވެ.

އޭނަ އަދި ބުނީ މިއީ ތާރީީހީ ކާމިޔާބީއެއް ކަމަށާއި ނަމަވެސް އުއްމީދުތައް މަތިނުކޮށް އެމީހުން ކުރިއަށްދާނީ މެޗަކަށް ފަހު މެޗަކަށް ވިސްނައިގެން ކަމަށެވެ.