ބޭރު ކުޅިވަރު

މެޗު އެއްވަރުވިޔަސް މިތިބީ އުއްމީދާއެކު: އިނގިރޭސި ކުޅުންތެރިން

ރަޝިޔާއާ ބައްދަލުކޮށް އެންމެ ފަހު ވަގުތު 1-1އިން މެޗު އެއްވަރުވި ނަމަވެސް ޔޫރޯ ފުޓްބޯޅަ މުބާރާތާމެދު އިނގިރޭސި ކުޅުންތެރިން އުއްމީދު އާކޮށްފި އެވެ.

ފްރާންސްގައި ކުރިއަށްދާ މުބާރާތުން ރޭ އިނގިރޭސިން އެއްވަރުވީ އެރިކް ޑަޔާ ލަނޑު ޖަހާފައި އޮއްވައި އިތުރު ވަގުތުގެ ފަހު މިނިޓްގައި ރަޝިޔާ ޖެހި ގޯލުންނެވެ.

މެޗަށް ފަހު ކެޕްޓަން ވޭން ރޫނީ ބުނީ މުޅި މެޗު ޑޮމިނޭޓްކޮށް ލިބުނު އެތަަކެއް ފުރުސަތު ބޭނުން ނުހިފުމުން ދެރަވާ ކަމަށެވެ.

"އަހަންނަށް ހީވަނީ އަހަރުމެން މޮޅަށް ކުޅުނުހެން. އަހަރުމެންނަށް ލިބުނު ޗާންސްތަކުގެ ބޭނުން ނުހިފުނީ. އެކަމާ ދެރަވަން. އެކަމަކު މި މެޗުން އަހަރުމެންނަށް ރަނގަޅަށް ވަރަށް ގިނަކަންތައްތައް ކުރެވިއްޖެ. އަހަރުމެންނަށް ފެނިގެންދިޔައީ ވަރަށް ވަރުގަދަ 90 މިނިޓް. އަހަރުމެން ދެއްކީ މޮޅުވުން ހައްގު ކުޅުމެއް. އަހަރުމެންނަށް އެނގޭ ރަޝިޔާގައި ނުރައްކާ ކުޅުންތެރިއަކު ހުންނަކަން. ހާއްސަކޮށް މަތިން އަންނަ ބޯޅަތަކުގައި. ނަސީބު ރަނގަޅުކަމުން އޭނާ އަށް ގޯލެއް ވެސް ޖެހުނީ. އެކަމަކު އަހަރުމެންނަށް ޕޮއިންޓެއް ލިބުނު. އަދި ކުރިއަށް ދާން ފުރުސަތު އެބައޮތް،" ރޫނީ ބުންޏެވެ.

އިނގިރޭސި ކީޕަރު ޖޯހާޓް ބުނީ މޮޅަށް ކުޅުނަސް އެކަން ފުރިހަމަވާނީ މޮޅުވެގެން ކަމަށެވެ.

"އަހަރުމެން ކޯނަރު ދިފާއުވެސް ކުރިން. އެކަމަކު ކަންދިމާކުރި ގޮތުން އެމީހުން އެރިޔާ ތެރެއަށް މީހުން ގިނަކޮށްގެން ތިބީ. އެމީހުންގެ ލަނޑު ޖެހި ކުޅުންތެރިޔާ އަށް އިސްކޮޅާއި ހުރިހާ އެޑްވާންޓޭޖެއް އެވަގުތު ލިބުނީ. އަހަރުމެންގެ ސަޕޯޓަރުން ދިން ސަޕޯޓަށް ޝުކުރު އަދާކުރަން،" ހާޓް ބުންޏެވެ.

އިނގިރޭސި ގޯލު ޖެހި ކުޅުންތެރިޔާ އެރިކް ޑަޔާ ޖެހި ގޯލަކީ 2006 ވަނަ އަހަރު ޑޭވިޑް ބެކަމް ލަނޑު ޖެހިފަހުން ބޮޑު މުބާރާތެއްގައި ހިލޭ ޖެހުމަކުން އިނގިރޭސިން ޖެހި ފުރަތަމަ ގޯލެވެ. ޑަޔާ މެޗަށް ފަހު ބުނީ މިއީ އޭނާ ގައުމީ ޓީމުގައި ހުއްޓައި ޓީމު ކުޅުނު އެންމެ މޮޅު މެޗު ކަމަށާއި އެއްވަރުވި ނަމަވެސް މެޗާމެދު ޕޮޒިޓިވްކޮށް ވިސްނުން ރަނގަޅުވާނެ ކަމަށެވެ.

މުބާރާތުގައި އިނގިރޭސިން ދެން ކުޅޭނީ ސްލޮވާކިޔާ އާއި ވޭލްސްއާ އެވެ.