ދުނިޔެ

އެމެރިކާގައި ތިން މުސްލިމުން މަރާލުމާ އެކު ހޫނު ބަހުސަކަށް!

Feb 12, 2015

އެމެރިކާގައި މުސްލިމު އާއިލާއެއްގެ ތިން ދަރިވަރެއްގެ ބޮލަށް ބަޑިޖަހައި މަރާލި މައްސަލައަކާ އެކު މުސްލިމުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާ ބެހޭ ހޫނު ބަހުސެއް ފެށިއްޖެ އެވެ.

ޒުވާން ފިރިހެނަކާއި އޭނާގެ އަންހެނުންނާއި އަންހެނުންގެ އަންހެން ކޮއްކޮގެ ބޮލަށް ބަޑިޖަހައި މަރާލާފައި ވަނީ އެ މީހުންގެ ގޭތެރޭގަ އެވެ. މި އަނިޔާވެރި މަރުވެ ވާހަަކަ ބޮޑެތި މީޑިއާ އަށް ތިލަވެގެން އައީ މުސްލިމުންގެ ބަޔަކު މަރާލުމުން އެކަން އެމެރިކާ އާއި ހުޅަނގުގެ މީޑިއާ އަށް އެއްވެސް ކަމަކަށް ނުވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހޫނު ބަހެއް ފެށުނު ފަހުންނެވެ.

މުޅި ދުނިޔޭގައި ވެސް މިހާރު ދަނީ މި ހާދިސާގެ ވާހަކަ muslimlivesmatter# އާއި ChapelHillShooting# ހޭޝްޓެގްގައި ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ދައުރު ވަމުންނެވެ.

މުސްލިމް އާއިލާގެ ތިން މެންބަރުން ބޮލަށް ބަޑިޖަހައި މަރާލާފައި ވަނިކޮށް ފެނުނީ ބަޑިޖަހާ އަޑު އިވިގެން އަވަށްޓެރިއަކު ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން ގޮސް ބެލުމުންނެވެ. މި މީހުން މަރާލާފައި ވަނީ އެ މީހުންނަކީ މުސްލިމުންނަށް ވީތީ އެ މީހުން ދެކެ އަންނަ ރުޅީގައި ކަމަށް އެއްބަޔަކު ތުހުމަތުކުރެ އެވެ. ނަމަވެސް މި އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ 45 އަހަރުގެ މީހާ އަކީ މަރާލި މީހުންގެ އަވަށްޓެރިއެއް ކަމަށާއި ވެހިކަލް ޕާކް ކުރާނެ ޖާގައިގެ މައްސަލައިގައި މި މީހުންގެ މެދުގައި މައްސަލަ ޖެހިފައި އޮންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ އާއިލާ މަރާލީ ވެސް އެ ރުޅިވެރިކަމުގެ ތެރޭގައި ކަމަށް ތަހުގީގުގެ މިހާ ހިސާބަށް އައި އިރު ބެލެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމެރިކާގެ މުސްލިމު ޖަމާއަތްތަކުން ދަނީ މި މަރުގެ ސަބަބު އަވަހަށް ހޯދަން ގޮވާލަމުންނެވެ. މަރުވި މީހުންނަކީ ވަރަށް އަހްލާގު ރަނގަޅު ކިޔަވައިގެން ތިބި ބައެއް ކަމަށް އެ މީހުން ދަންނަ މީހުން ބުނެ އެވެ. އަރަބި ނަސްލުގެ މި ތިން މީހުންގެ ތެރެއިން ދެމަފިރިންނަކީ ވަރަށް ފަހުން ކައިވެނިކުރި ދެ މީހުންނެވެ. ފިރިހެން މީހާގެ އުމުރުން 23 އަހަރެވެ. އަންހެން މީހާގެ އުމުރަކީ 21 އަހަރެވެ. އަންހެން މީހާގެ ކޮއްކޮގެ އުމުރަކީ 19 އަހަރެވެ. ފިރިހެން މީހާ އަކީ ޑެންޓިސްޓަކަށް ވުމަށް ކިޔަވަމުން އަންނަ މީހެކެވެ. އަދި އޭނާގެ އަންހެނުން ވެސް ދިޔައީ އަންނަ އަހަރު ޑެންޓިސްޓްރީ ސްކޫލަކަށް ދާން ތައްޔާރުވަމުންނެވެ.

މި އަނިޔާވެރި މަރާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ދަނީ ހިތާމަ ފާޅުކޮށް، މިކަމާ ބެހޭ ގޮތުން އެކި މައުލޫތަކުގައި ވާހަކަ ދައްކަމުންނެވެ.